ފެބުރުއަރީ އެކާވީސް ވީ ހޯމަ ދުވަހުގެ މެންދުރު 12 ޖެހި އިރު އަހަރެމެންނަށް ގޮސް ތިބެވުނީ ނ ވެލިދޫ ހަސްތީ ގޭގެ ގޯތި ތެރޭގައި އަޅާފައިވާ ގުރީންހައުސް އެއްގައި ހައްދާފައިވާ ޒަމާނީ ކިއުކަމްބާ ދަނޑެއްގެ މެދުގަ އެވެ. ދިހަ ވަރަކަށް ފޫޓު އުހަށް އަރުވާފައިވާ އަގުބޮޑު "ރިޗަސް" ކިއުކަމްބާ ވެޔޮތަކުގެ ތެރޭގައި ތިބެ ޝައުގުވެރިކަމާ އެކު އަޑުއަހަމުން ރިކޯޑުކުރަމުން ދިޔައީ އެ ދަނޑުގެ ވެރިޔާ، 58 އަހަރުގެ އާދަމް އަލީ (އެޑަމް) ދައްކަމުން ތަފްސީލުކޮށްދެމުން ދިޔަ ވާހަކަތަކެވެ.
ދަނޑު ހެއްދުމަށް މާބޮޑު ޝައުގުވެރިކަމެއް ނެތް އޭނާގެ ރަށުގައި ޒަމާނީ ދަނޑުވެރިކަމުގެ ފާޑުވެރިކަމާއި، ހިތުގެ ލޯތްބާއެކު ހައްދަމުން، ނަލަކުރަމުން އަންނަ އެ ހިތްގައިމު ދަނޑުގެ ވާހަކަ އެވެ. އެތަނަށް އަތުން ދިޔަ ހަރަދާއި ކޮންމެ ދުވަހަކު އެ ގަސްތަކަށް އަޅާލަން އޭނާ ކުރާ މަސައްކަތްތަކުގެ ވާހަކަ އެވެ. އެ ރޮނގުން ހާސިލުކުރި ތައުލީމުގެ ވާހަކަ އެވެ. އަންހެނުން ނަޝީދާ މުހައްމަދުގެ އެހީތެރިކަމާއި މުރާލިކަމުގެ ވާހަކަ އެވެ.

އެޑަމް އޭނާ ކުރާ ދަނޑުވެރިކަމާ ބެހޭ ގޮތުން "އަދަދު" އަށް ކިޔައިދެނީ: އޭނާގެ ހައިޑްރޯ ފާމިން އުކުޅުތައް އާންުމު ކޮށް އެކަން ކުރާ ގޮތާ ވެސް ތަފާތު
"ފުރަތަމަ ކުރީ ފަސްދޮޅަސް ހާސް ރުފިޔާގެ އިންވެސްޓެއް. އެކަމަކު އޭގެއިން އެދެވޭ ނަތީޖާ އެއް ނުލިބުނު. ދެން އިތުރަށް ކިޔެވީ. ކުރިއަށްވުރެ ގިނަ މައުލޫމާތު އެއްކޮށްގެން އަނެއްކާ ވެސް ފަށައިގަތީ. މިފަހަރު ކުރީ ފަންސާސް ހާސް ރުފިޔާގެ އިންވެސްޓެއް. އެއީ އަހަރެން އަމިއްލަ ހިޔާލަށް ފަރުމާކުރި މިހާރު މި ފެންނަ ދަނޑު. މި ސިސްޓަމް ވަރަށް ކާމިޔާބު." ހައިޑްރޯފޮނިކް ދަނޑުވެރިކަމާ ބެހޭގޮތުން ދިރާސާކޮށް، އުނގެނި އެކަމުގެ މާހިރަކަށް އެޑަމް ވެފައިވާ ވަރު ބުނެދިން ކަހަލަ އެވެ.

އެއީ މިދިޔަ އަހަރުގެ ލޮކްޑައުންގައި އޭނާ ކުރަން ފެށި މަސައްކަތެކެވެ. ކައުންސިލު ދައުރު ހަމަވެ ވަޒީފާ އާއި ދުރަށް ދާން ޖެހުނު ވަގުތު ގަސް ހެއްދުމަށް އޮތް ލޯބީގައި ގޮސް ވެދެވުނު ދާއިރާއެކެވެ.
ޒަމާނީ ދަނޑުވެރިކަން ދަންނަ މަދު މީހަކު ވެލިދޫގައި އުޅެ އެވެ. އެކަމަކު އެޑަމް އެކަން ކުރާ ގޮތާއި އެ ވައްޓަފާޅިއާ އޭނާ ގެންގުޅޭ ޓެކްނީކްތަކާ ގާތަށް ވެސް އެކަން ކުރާ އެހެން މީހަކު ނޫޅެ އެވެ. އޮންލައިން ކޯހެއް ފުރިހަމަކޮށްގެން، އަމިއްލަ އަށް އެތަކެއް ދިރާސާއެއް ހަދައި ހިސާބު ތަކެއް ޖަހައިގެން، މާ ފުޅާކޮށް ނޫނަސް، އޭނާ އެ ކުރާ މަސައްކަތުން ކުރަހައިދެނީ ޒަމާނީ ދަނޑުވެރިކަމުގެ މުސްތަގުބަލު ދައްކައިދޭ ރީތި ތަސްވީރެކެވެ.

އެޑަމް ޑިޒައިންކުރި ޓްރޭތަކުގެ ތެރެއަށް މޫތައް ފައިބައިފައި ހުންނަ ގޮތުގެ ފޮޓޯ އެއް: އޭނާ ބުނީ އަމިއްލަ އަށް ޑިޒައިން ކުރި ސިސްޓަމުގައި ހައްދާފައިވާ ގަސްތައް އާދަޔާ ހިލާފަށް ފެހި ވެފައި ރީތި ވެފައި ދުޅަހެޔޮ ކަމަށް. އަދަދު ފޮޓޯ/މުހައްމަދު ޝާބިން
ޖެނުއަރީ މަހު އެކަނިވެސް އެކަނި ވެސް 180 ކިލޯގެ ކިއުކަމްބާ އެޑަމް ކެނޑިއެވެ. އެއީ މި ޖެނުއަރީގައި އިންދި ފުރަތަމަ ބެޗުން އެއް މަސް ތެރޭގައި ދިން އަދަދެވެ. އެ ކިއުކަމްބާ ތައް ކިލޯއެއް 50 ރުފިޔާގެ ރޭޓުން ވިއްކައިގެން 9000 ރުފިޔާގެ އާމްދަނީ އެއް އެ ދެމަފިރިން ހޯދިއެވެ.
އެކަމަކު، ޒަމާނީ ދަނޑުވެރިކަމުގެ މި ހިތްގައިމު ސްޓޯރީއެއްގެ އަސްލު ހައިލައިޓަކީ އަދި ހާއްސަ ކަމަކީ މިއެއް ނޫނެވެ. ދަނޑު ހެއްދުމުގައި އެޑަމް ގެންގުޅޭ އަމިއްލަވަންތަ ގޮތްގަނޑާއި އެކަމުގެ ފާޑުވެރިކަމާއި މޮޅު ވިސްނުން ރަށެއްގެ އާދައިގެ ގެއަކުން މަދުން ނޫނީ ނުފެންނާނެތީ އެވެ.
"އަހަރެންގެ ތަޖުރިބާގައި ޕީވީސީ ހޮޅި އެހާ ރަނގަޅެއް ނޫން. އޭގައި ކިއުކަމްބާ ހެއްދީމައި ގަސްތައް ދުޅަހެޔޮކޮށް ގިނަ ދުވަހު ނުހުރޭ. އެހެންވީމަ އަހަރެން ވިސްނީ އެ ޑިޒައިނުގައި ހުރި މައްސަލަތަކަށް. އެއީ މޫތަކަށް ބޭނުންވާ ސްޕޭސް ނުލިބުމާއި އޭގެ ސަބަބުން މޫތައް ހަލާކުވުން ކަހަލަ ކަންކަން،" ހައިޑްރޯފޯނިކް ސިސްޓަމްތަކާ ބެހޭގޮތުން ކުރި ދިރާސާތަކުން ދަސްވި ކަންކަން އެޑަމް އަތުރައިލި އެވެ.
"ފުދޭވަރެއްގެ ބޮޑު މޫގަނޑެއް އޮންނަ އެއްޗެއް ކިއުކަމްބާ އަކީ. ވަރަށް ދުރަށް މޫގަނޑު ދުވަން ބޭނުންވާ އެއްޗެއް އެއީ. އެހެންވީމަ ސްޕޭސް ބޭނުންވޭ. ޕީވީސީ ހޮޅި ކަމުނުދަނީ އެހެންވެގެން،"
އެކަމަކު ދަނޑުވެރިކަން ފަށައިގަންނަން ފަސްދޮޅަސް ހާސް ރުފިޔާ ހަރަދުކޮށްގެން އާދަނު ފުރަތަމަ ޖެހީ އަށް އިންޗީ ފުޅާ ޕީވީސީ ހޮޅީގެ ސިސްޓަމެކެވެ. އެ ސިސްޓަމް ފޭލުވީ އެވެ. ދެން، "ޔޫޓިއުބް އިން ބަލައިގެންނާއި މީހުން ކޮށްފަ ހުންނަ މަސައްކަތްތައް ބަލައިގެން އަމިއްލަ ސިކުނޑިއަށް ވިސްނުނު ގޮތަކަށް ސިސްޓަމެއް ކުރެހީ،" ކަމަށް އެޑަމް ބުންޏެވެ.

އެޑަމް އެންމެ ފުރަތަމަ އިންސްޓޯލް ކުރި ސިސްޓަމް: ފަސްދޮޅަސް ހާސް ރުފިޔާ ހަރަދުކޮށްގެން ބެހެެއްޓި މި ސިސްޓަމް އަކީ އޭނާގެ ނަޒަރުގައި ކިއުކަމްބާ ދުލަހެޔޮކޮށް ހައްދަން ކަމުދާ ސިސްޓަމެއް ނޫން އަދަދު ފޮޓޯ/ މުހައްމަދު ޝާބިން
އެ ސިސްޓަމުގައި ހިމެނެނީ ޕީވީސީ ހޮޅި އެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ހޯދި ހައްލަކީ، ގަހުގެ މޫތަކަށް މިނިވަންކަމާ އެކު ނޭވާލާން ޖާގަ ލިބޭ ހަތަރެސްކަން ޓްރޭ ތަކެކެވެ. ކޮންމެ ޓްރޭ އެއްގެ ދިގުމިނުގައި 13 ފޫޓު އަދި އުސް މިނުގައި އެއް ފޫޓު ހަ އިންޗި ހުންނަ ވަރަށެވެ.
"އެ ޑިޒައިން ހިފައިގެން ގޮސް ފައިބަރުގެ މަސައްކަތްކުރާ މީހަކާ ވާހަކަ ދެއްކީމާ އެގޮތަށް ހަދައިދީފި. ކޮންމެ ޓްރޭ އަކީ 3000 ރުފިޔާ. ހަ ޓްރޭ ހެދީ،" އެދަމް ބުންޏެވެ.
ދެން އެ ޓްރޭތަކަށް ފެން ލިބޭ ގޮތަށް ކޮންމެ ޓްރޭ އަކަށް ކުޑަ ފެން ތާނގީ އެއް ބިމަށް ފައްތާފައި އޮކްސިޖަން ގުޅައި، އެ ތާނގީ ތަކުން ޓްރޭ ތަކަށް ފެން ދައުރުވާ ގޮތަށް ހެދި އެވެ. އެއަށްފަހު ތަނުގެ ފިނިހޫނުމިން ހެޔޮވަރު ކުރުމަށް އެގްޒޯސް ބްލޯވާ އެއް ހަރުކޮށް، މިސްޓް ނޮޒްލް ސިސްޓަމެއް އިންސްޓޯލް ކުރިއެވެ. އަދި އިރުގެ އަލި ނުލިބޭ ވަގުތު ތަކުގައި ގަހަށް ބޭނުންވާ ކާނާ ހޯދުމަށް ހާއްސަ ގްރޯ ލައިޓް ހަރުކޮށް، އެ ހުރިހާ ކަމެއް ޓައިމަރެއް މެދުވެރިކޮށް އޮޓޮމޭޓް ކުރި އެވެ.

ގަސް އިންދާގައި ހުންނަ ޓްރޭތަކުގެ ފެން އޮޓޮމެޓިކުން ދަުރުވާގޮތަށް ގުޅާފައި ހުންނަ ފެން ތާނގީ: ކޮންމެ ޓްރޭ އަކަށް މީގެ ތާނގީ އެއް ހުރޭ. މި ގޮތަށް ހެދުމުން މި ތާނގީގައި ހުންނަ ފެނަކީ ކާނާއިން މޖުއްސަނދި ފެނަކަށް ވޭ އަދަދު ފޮޓޯ/ މުހައްމަދު ޝާބިން
ގްރީން ހައުސް ތެރޭގައި އެންމެ ހޫނު އުފެދޭ ގަޑިތަކުގައި އެ ޓައިމަރުން އެގްޒޯސް އަށް ކަރަންޓު ފޮނުވައިދޭނެ އެވެ. އެހައިރުން، އޭގެ ޒަރީއާއިން ބޭރުން ފިނި ވައި އެތެރެ ކުރަމުން އެތެރޭގައި ހުންނަ ހޫނު ވައި ބޭރުކޮށްދޭނެ އެވެ. އަދި މާ ބޮޑަށް ހޫނު ގަދަވާނަމަ، އެޑަމް ސެޓު ކުރާ ވަގުތު ތަކެއްގައި މިސްޓް ނޮޒްލް އިން ތަނުގެ ތެރެއަށް ފިނި ދުން ބުރުވާލައި ތަނުގެ ތެރޭގައި ފިނި ހިއްޕާލާނެ އެވެ. ގްރޯ ލައިޓް ދިއްލުމާއި ނިމުން ވެސް ހިނގާނީ ހަމަ މި އުސޫލުންނެވެ.
"މިކަންކަން މިހާ ފަސޭހައިން ކުރެވޭ ކަމަކީ އާދަންފުޅަށް އެނގޭ ހުރިހާ މަސައްކަތެއް ކުރަން. އެއްވެސް ކަމެއް ކުރަން ބޭރުން މީހަކު ގެންނާކަށް ނުޖެހޭ، އާދަންފުޅު އަބަދުވެސް ކަންކަން ދަސްކުރާނެ. އަމިއްލަ އަށް ކިޔަވާނެ. އެއް އިރަކުވެސް އާދަންފުޅު އުޅޭގޮތެއް ނޫން އަނގަ ތަޅަން ތަންތަނަށް ގޮސް ހެދުމަކީ. " އާދަމްގެ ވާހަކައިގެ ތެރެއަށް، އަޑު އަހަން އިނދެފައި އޭނާގެ އަންހެނުން ނަޝީދާ ވަދެ ފިރިމީހާއަށް ތައުރީފު ފަށެއް އޮއްސައިލި އެވެ.

އެޑަމްގެ އަންހެނުން ނަޝީދާ ހައިޑްރޯފޮނިކް ސިސްޓަމަށް އެމީހުން އަޅާ ކާނާގެ ބާވަތްތައް ތަފްސީލުކޮށްދެނީ: ނަޝީދާ އަކީ އެޑަމްގެ އެންމެ ބޮޑު އެހީތެރިޔާ އަދަދު ފޮޓޯ/މުހައްމަދު ޝާބިން
ނަޝީދާ އާއި އެޑަމްގެ ކައިވެންޏަށް ތިރީހަށްވުރެ ގިނަ އަހަރު ވޭތުވެ، ދަރިން ބޮޑެތިވެ، ގެ ޒަމާނީ ކޮށް، ހައްޖުގެ އަޅުކަން ފުރިހަމަކޮށް، ދިރިއުޅުމުގެ ހުރިހާ ކާމިޔާބީ އެއް ހާސިލުކޮށް ނިމުނު އިރުވެސް މުސްކުޅި ނުވެ އޮތީ އެ ދެމަފިރިންގެ މެދުގައި އޮތް ގުޅުމެވެ. އަދި ވެސް އެޑަމްގެ އެންމެ ގާތް ބައިވެރިއަކީ ނަޝީދާ އެވެ. ގަސް ހައްދަން ފެށުމުން އެކަމުގައި ވެސް އަތް ގާތްކޮށްދެނީ ނަޝީދާ އެވެ.
ވާހަކަ ދައްކަމުން ދިޔަ އިރު، އެޑަމް ވެސް، އޭނާ އަށް ލިބުނު ކޮންމެ ކުރިއެރުމެއްގެ ހައްގު ޝުކުރު ނަޝީދާ އަށް ދެ އެވެ.
"މި ކަމަކީ ފުޅާ ދާއިރާ އެއްގައި މިކަމަށް އެކަނި ބަރޯސާވެގެން ކުރަން ވެސް ކާމިޔާބު ކޮށް ކުރެވިދާނެ ކަމެއް. އެކަމަކު އެކަންޏެއް ނުވާނެ. މިހާ ކުޑަ ސްކޭލެއްގައި ކުރާ އިރު ވެސް އަހަންނަށް މިކަން ވަނީ ނަޝީދާ އެހީތެރިކަން ދޭ ވަރުން. ކޮންމެ ކަމެއް ކުރިޔަސް ދެމީހުން ދެކޮޅުގައި ތިބެގެން އަބަދުވެސް އެކަމެއް ކުރަނީ،" އެޑަމް ބުންޏެވެ.
އޭނާ ބުނީ، ގަސް ހެއްދުމަކީ ވިޔަފާރިއަކަށް ވުރެ ބޮޑަށް ހޮބީ އެއްގެ ގޮތުގައި ކުރާ ކަމަކަށް ވާތީ، މާ ބޮޑު ވިޔަފާރިއަކަށް ވާ ވަރަށް ފުޅާކޮށް ދަނޑު ހެއްދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ސަބަބަކީ މިހާރަށްވުރެ ފުޅާކުރާނަމަ ދަނޑު ގެންދަން ޖެހޭނީ ގޯތިން ބޭރަށެވެ. އަތްގާތް ކޮށްދޭނެ އިތުރު މީހުން ބޭނުންވާނެ އެވެ. އެވަރުގެ ޒިންމާއަކާ އުޅެން މިވަގުތު އޭނާ ބޭނުމެއް ނުވެ އެވެ.
"އެކަމަކު ހިތަށް އަރަނީ ކިއުކަމްބާ ހެއްދުން ދޫނުކޮށްލާނަމޭ. އެހެންވެ އެބަ ބަލަން މިހާރު ހުރި ވަރުގެ ފާމް އެއް އަނެއްކާ ވެސް އަޅަން. އެއްބެޗު ނިމޭ އިރު އަނެއް ބެޗު އަރަން ބޭނުންވަނީ. އެހެންވީމަ މަންމަމެންގެ ގޭގައި އެވަރުގެ ޖާގަކޮޅެއް އެބަ އޮތް. އޭރުން 64 ގަހުން 100 އަށް ގަސްތައް އިތުރުވާނެ،" އުންމީދު އޮތް ގޮތް އެޑަމް ކިޔައިދިނެވެ.

މި ވަގުތު އޭނާގެ މައިގަނޑު މަސައްކަތަކީ އޭސީ މަރާމާތުކޮށްދިނުމެވެ.
އެކަމަކު އެޑަމަކީ އެއިރަކު ޖެހުނު މަސައްކަތެއް ކޮށްގެން ދިރިއުޅުން ދިރިއުޅުން ގުޒާރާކުރަން އާދަކުރި މީހެކެވެ. އެކަމުގައި ހީވާގި މާހިރެކެވެ. މިހާތަނަށް އާދެވުނު އިރު، މަސައްކަތްތެރިކަމުގެ ކުރު ޕްރޮގްރާމް ތަކުގައި ބައިވެރިވެގެން ކިޔެވި އަދަދެއް ބުނަން އޭނާ އަކަށް ވެސް ނޭނގެ އެވެ.
"އަޅުގަނޑަކީ މިރަށު އިންޖީނުގޭގައި 18 އަހަރު ހޭދަކުރި އިރު އިންޖީނޭރެއްގެ ގޮތުން އަތޮޅުގެ ހުރިހާ އިންޖީނުގެ ތައް ވެސް ބެލެހެއްޓި އިންޖިނޭރެއް. ޓެކުނީޝަނެއް. އަޅުގަނޑަކީ ކުރަހާ މީހެއް، އޮޕަރޭޓަރެއް. ރާއްޖޭގައި މި ގެންގުޅޭ ހުރިހާ ވައްތަރެއްގެ ވެހިކަލެއް ދުއްވަން އެނގޭ. ވަޑާންކުރަން. އޭސީ ހަދަން. މިހެން ގޮސް ވަރަށް ބައިވަރު މަސައްކަތް ކުރަން." ގޯތި ތެރޭގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ހަދަން ފަށާފައި އިން އޭސީ ޔުނިޓަކަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ.
އެއީ މިވަގުތު އޭނާގެ އެންމެ މައިގަނޑު މަސައްކަތެވެ. އެކަމަކު ޒަމާނީ ދަނޑުވެރި ކަމަކީ ވެސް މިހާރު އޭނާގެ އެއް ސްޕެޝަލްޓީ އެވެ. ހޮބީ އެއްގެ ގޮތުގައި ކުރިއަސް، ވެލިދޫ އިން އެޑަމް ލިޔުނީ އެރޮނގުން ރީތި ސަފުހާ އެކެވެ.







