މިހާރު ކުރިއަށްދާ 15 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ބުރުގެ މެޗުތައް ރޭ ނިމުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް އެއް ވަނަ ހޯދައި ޓީރެކްސް ފަހު މެޗުގައި ރެޕްޓާސް ބަލިކޮށް ފަހަތުގައި ވިއްދައިފި އެވެ.
ޖުމްލަ ހަ ޓީމު ވާދަކުރާ ފުރަތަމަ ޑިވިޝަންގައި ކޮންމެ ޓީމަކުން މިހާތަނަށް ވަނީ ފަސް މެޗު ކުޅެފަ އެވެ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެއް ވަނައިގައި އަމިއްލަ ބާރާ އެކު އޮތީ ކިންގްސް އެވެ. އެ ޓީމުގެ ފަހަތުން ދެ ވަނައިގައި އޮތީ ވާދަވެރި ޓީރެކްސް ބީސީ އެވެ. ރެޑްވިންގްސް ބީސީ، ރެޕްޓާސް ބީސީ އަދި ދަ ބައުސް ގަދަ ދެ ޓީމުގެ ފަހަތުގައި އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އޮތްއިރު، ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެވި ފުލުގައި އޮތީ ސްޓިންގާސް ބީސީ އެވެ.
ލީގުގެ ފަހު މެޗުގައި ޓީރެކްސް ނުކުތީ ރެޕްޓާސް ބީސީއާ ދެކޮޅަށެވެ. މި މެޗު ވާދަވެރި ކުޅުމަކަށް ފަހު ޓީރެކްސް އިން ކާމިޔާބުކުރީ 74 ޕޮއިންޓް 68 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ޓީރެކްސް އިން މޮޅު ކުޅުމެއް ދައްކައި 15 ޕޮއިންޓްގެ ލީޑެއްވެސް ނެގި އެވެ. ފަހު ދެ ކުއާޓާގައި ރެޕްޓާސް އިން ކުޅުން ރަނގަޅުކޮށް ތަފާތު ކުޑަކުރި އެވެ. ނަމަވެސް ފަހު ވަގުތާއި ހަމައަށް އެ ޓީމުން 6 ޕޮއިންޓްގެ ލީޑެއް ހިފަހައްޓައި މެޗު ކާމިޔާބުކުރި އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރެޕްޓާސްގެ ޖެފްރީ ކޯބީ އެވެ. އޭނާ ވަނީ އެ ޓީމަށް 29 ޕޮއިންޓް ހޯދައިދިނީ 13 ރީބައުންޑް ނަގައިދީފަ އެވެ. މެޗުގައި ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ ފިލިޕް ވްކޮސަވްޔެވިކް އެ ޓީމަށް 37 ޕޮއިންޓް ހޯދައިދިނެވެ.
ފުރަތަމަ ބުރުގެ ފަހު މެޗުގައި ބައުސް އިން ވަނީ ސްޓިންގާސް ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފަ އެވެ. މި މެޗު ބައުސް ކާމިޔާބުކުރީ 69 ޕޮއިންޓް 62 ޕޮއިންޓުންނެވެ. ވާދަވެރިކޮށް ދިޔަ މެޗުގެ ތަފާތަކަށްވީ މެޗުގެ ތިންވަނަ ކުއާޓާ އެވެ. ފުރަތަަމަ ކުއާާޓާ ނިމުނުއިރު، ސްޓިންގާސް އޮތީ ދެ ޕޮއިންޓުން ކުރީގަ އެވެ. ދެ ވަނަ ކުއާޓާ ނިމުނުއިރު ރެޕްޓާސްއިން ދެ ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ތިން ވަނަ ކުއާޓާގައި ރެޕްޓާސް އިން ލީޑް ނުވަ ޕޮއިންޓަށް ފުޅާކޮށްދިންއިރު، ފަހު ކުއާޓާގައި ސްޓިންގާސް އަށް ތަފާތު ކުޑަކުރެވުނީ 7 ޕޮއިންޓަށެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ބައުސްގެ ރޮބިންސަން ފޮރެސްޓް އެޓީމަށް 20 ޕޮއިންޓް ހޯދައިދީ 18 ރީބައުންޑް ނަގައިދިނެވެ. ސްޓިންގާސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ އެ ޓީމަށް 16 ޕޮއިންޓް ހޯދައިދިން ސަބީހު ތައުފީގު އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ލީގު ބުރުގެ ފުރަތަމަ މެޗުގައި ޓަލަންސް އިން ވަނީ ޔޫއެން ފްރެންޑްސް އަތުން މޮޅުވެ ފެށުން ރަނގަޅު ކޮށްފަ އެވެ. މި މެޗު ޓަލަންސް އިން ކާމިޔާބުކުރީ 93 ޕޮއިންޓް 67 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓަލަންސްގެ އިސްމާއިލް އީގަން ޒާހިރު އެވެ.
މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި ކުއީންސް ނުކުންނާނީ ކީންސް ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ޒުވާން ލަޔަނެސް ނުކުންނާނީ ސައިކްލޯން ބީސީއާ ދެކޮޅަށެވެ. މާދަމާގެ ފަހު މެޗުގައި ދެ ވަނަ ޑިވިޝަންގެ ވައިޕާސް ބައްދަލުކުރާނީ ވުލްވްސް ބީސީއާ އެވެ.













