"އެކަލާނގެ ހުސްތާހިރު ވަންތަކަމާ އެވެ! އެކަލާނގެއީ، މަސްޖިދުލްހަރާމުން، މަސްޖިދުލްއަގުސާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ އެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކަ އެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ އެވެ." މިއީ އަލްއިސްރާއު ސޫރަތުގެ ފުރަތަމަ އާޔަތެވެ. މަސްޖިދުލްއަޤްޞާއަކީ އެތަނުގެ ވަށައިގެން ބަރަކާތްލެއްވިފައިވާ މުގައްދަސް ބިމެއްގެ ގޮތުގައި މިއާޔަތުގައި އެވަނީ ބަޔާންކުރައްވާފަ އެވެ. އެބިމަކީ ބަރަކާތްލެއްވިގެންވާ ބިމެވެ. އަދި މާތް ﷲ ގެ ކުޅަދުންވަންތަކުގެ ހެކިތަކުގެ ތެރެއިން ބައެއް ކައުއިތުރު ސާހިބާއަށް ދެއްކެވުމަށް މާތްކަލާނގެ އެދިވޮޑިގެންނެވިހިނދު، އެކަމަށްޓަކައިވެސް އިހުތިޔާރުކުރެވުނު ބިމެވެ.
އަލްއަންބިޔާއު ސޫރަތުގެ 71 ވަނަ އާޔަތަށް ބައްލަވާށެވެ. "އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، ލޫޠުގެފާނު ސަލާމަތްކުރައްވައި، އާލަމްތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ." މިއާޔަތަކީ އަލްއަންބިޔާއު (ނަބިއްޔުން) ގެ ނަމުން ނަންދެވުނު ސޫރަތުގެ އާޔަތެކެވެ. ތަފްސީރު އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އާޔަތުގައި ބަޔާންވެގެންވާ ބަރަކާތްލެއްވިގެންވާ ބިމަކީ ޤުދުސްގެ ބިމެވެ. އެބިމަކީ އެތައްއެތައް ނަބިއްޔުންގެ ފައިންޕުޅު އެބިމެއްގައި ބީހިފައިވާ ބިމެވެ. އިބްރާހީމް އަލައިހިއްސަލާމްގެ ހިޖުރައިގެ މަންޒިލެވެ. އައްޔޫބްގެފާނު ދިރިއުޅުއްވި ބިމެވެ. ސުލައިމާންގެފާނު ރަސްކަންކުރެއްވި ބިމެވެ. އީސާގެފާނު އުފަންވެވަޑައިގަތް ބިމެވެ. މާތް ނަބިއްޔާގެ އިސްރާއުގެ ދަތުރުފުޅުގައި ގެންދެވުނު ބިމެވެ. އުޑުތަކާއި ސިދުރަތުލްމުންތަހާއަށް އުފުއްލެވުމުގެ މިއުރާޖު ފެއްޓެވުނު ތަނެވެ.
މާތް ސަހާބީ މާތް ﷲ ރުއްސުންލެއްވި ބަރާއުގެފާނު ރިވާކުރައްވާ ވިދާޅު ވެއެވެ. ތިމަންމެން މާތް ނަބިއްޔާގެ އަރިހުގައި ބައިތުލްމަޤްދިސްއަށް ކުރިމަތިލައިގެން 16 ނުވަތަ 17 މަސްދުވަހު ނަމާދުކުރީމެވެ. އެޔަށްފަހު ކައުބާއާ ދިމާއަށް ގިބުލަ ބަދަލުކުރެއްވުނެވެ. އާދޭހެވެ. ބައިތުލްމަޤްދިސް އެއީ މުސްލިމުންގެ ފުރަތަމަ ގިބުލަ އެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫޛައްރު ރިވާކުރައްވާފައިވާ ގޮތުގައި މަސްޖިދުލްއަޤްޞާއަކީ މިބިންމަތީގައި ދެވަނައަށް ބިނާކުރެވުނު މިސްކިތެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާކުރައްވާފައިވާ ގޮތުގައި ތިން މިސްކިތަކަށް މެނުވީ ދަތުރު ހަދައިގެން އައުން ނުވާކަމުގައި މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެއެވެ. އަދި ދަތުރުހަދައިގެން އައުން އެދެވިގެންވާ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުލްއަޤްޞާ މާތް ނަބިއްޔާ ހިމަނުއްވާފައި ވެއެވެ.
ކައުއިތުރު މާތް ނަބިއްޔާ ސުވަރުގެވަޑައިގެންނެވިއިރު، މާތް ﷲ ރުއްސުންލެއްވި އުސާމާ ބިން ޒައިދުގެ ލީޑަރޝިޕްގައި ރުކުރުވާލައްވާފައި އޮތް ލަޝްކަރަކީ ބައިތުލްމަޤްދިސް ފަތަޙަކުރެއްވުމުގެ ގަސްދުފުޅުގައި އިތުރު އެކަލޭގެފާނު ހިއްޕަވާފައި އޮތް އަމާޒެވެ. މުސްލިމުންނަށް އެންމެ ފުރަތަމައަށް ބައިތުލްމަޤްދިސް ފަތަހަކުރެވުނީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުބުނުލްޚައްޠާބްގެ ޚަލީފާކަމުގަ އެވެ. އަދި އޭގެ ފަހުން ޞަލީބީންގެ ކިބައިން ބައިތުލްމަޤްދިސް ހޯއްދެވީ މުސްލިމުންގެ ޤާއިދު ޞަލާޙުއްދީނުލްއައްޔޫބީ އެވެ. އޭގެ ފަހުގައި ވަޑައިގެންނެވި ވެރިން އެފަތަޙަ ފުޅާކުރައްވައި ދެމެހެއްޓެވި އެވެ. ކޮންމެއަކަސް މިއަދުގެ ހާލަތާއި ހާލުގެ ދުލުން އިވޭ ޝަކުވާ އެންމެނަށް ވެސް އިވެ އެވެ. މަންޒަރު ފެނެ އެވެ.
އަހަރެމެން މުސްލިމުންގެ އަތުން ބީވެ ގޮސްފައިވާ ޤުދުސްގެ ބިމަކީ ބަރަކާތްލެއްވިގެންވާ ބިމެވެ. އެތައް ނަބިއްޔުންގެ އަސަރުތައް އެބިމާ އެކުލެވިފައިވާ މުސްލިމުންގެ ތާރީހީ ހަޒާނާއެކެވެ. ފަހު ޒަމާނުގެ ވެރިކަންތައް އެތަނަކާ ގުޅިފައިވާކަމުގެ އުފާވެރިކަމުގެ ހަބަރު މާތް ނަބިއްޔާގެ ދޫފުޅުން އެބިމަކާމެދު ލިބިފައިވާ ބިމެވެ. އެބިން މުސްލިމުންނަށް ގެއްލިފައިވަނީ އެކަންޏެއް ނޫނެވެ. އެބިމާއި އެބިމުގެ ވަށައިގެން ދިރިއުޅޭ މުސްލިމުން އެބިމުން އަނިޔާވެރިކަމާއެކު ފައްސާ ނަގާލެވި ކުޑަކުއްޖެއް މުސްކުޅިއެއް ފަރަގުކުރުމެއް ނެތި ހަމަލާދެވެމުންދާއިރު، އެބައިމީހުންނަށް ހައްގު ހިމާޔަތާއި ނަސްރު ހޯދައިދިނުމުގައި ދުނިޔޭގެ އެތަން މިތަނުގައި ދިރިއުޅެމުން މިދާހާ މުސްލިމުން އިންތިހާއަށް ނުކުޅެދުންތެރިވެފައިވާ މައްސަލަ އެބިމަކާ ގުޅިފައިވާ ބިމެވެ.
ހިނގަމުންމިދާ ދެހާސް ބާވީހުގެ ޤުދުސް ހަފުތާ ދިމާވަނީ މި ފެބްރުއަރީ މަހުގެ 25 އިން މާރޗް މަހުގެ 4 ގެ ނިޔަލަށެވެ. ޤުދުސް ހަފްތާ ފާހަގަކުރަން ފެށުނީ 2017 ވަނަ އަހަރު އެވެ. އާލަމީ ޤުދުސް ހަފުތާގެ ގޮތުގައި ހަފުތާއެއް ފާހަގަކުރަން ފެށުނީ، ޤުދުސްގެ ބިމުގެ މުހިންމުކަމާމެދު އެކި ގޮތްގޮތުން ހޭލުންތެރިކުރުވުމުގެ އާލަމީ ހަރަކާތެއްގެ ގޮތުގަ އެވެ. ޤުދުސްއަށް ނަސްރުދިނުމަށް ހިންގޭ ހޭލުންތެރިކުރުމުގެ ފުޅާ ކެމްޕޭނެއްގެ ގޮތުގަ އެވެ. ކޮންމެ އަހަރަކު އެއްފަހަރު ޤުދުސް ހަފުތާގެ ގޮތުގައި ހާއްސަކުރެވޭ ހަފުތާއަކީ ހިޖުރީ ސަނަތުން ރަޖަބު މަހުގެ ފަހު ހަފުތާ އެވެ.
އިސްލާމީ މުޅި ދުނިޔެއަށް ފުޅާކުރެވިފައިވާ މިހަރަކާތުގައި ބައިނަލްއަގުވާމީ 270 މުއައްސަސާއަކާއި 42 ގައުމެއްގެ އެކި ފެންވަރުގެ ޖަމިއްޔާތަކުން ބައިވެރިވަމުން ދެއެވެ. ޤުދުސްގެ ހަފުތާއާ ގުޅުވައި އިސްލާމީ ދުނިޔޭގައި ޤުދުސްއާއި ފަލަސްތީނު މައްސަލައާ ގުޅޭ މައުލޫމާތާއި އިސްލާމީ ފިކުރާއި ސަގާފަތު ފެތުރުމުގެ މަގުސަދުގައި އެތައް ސަތޭކަ ޕްރޮގްރާމްތައް ހިންގެ އެވެ.
ގުދުސްއަކީ މުސްލިމުންގެ ހިތާ ގުޅިފައިވާ، އަދި އިސްލާމީ އުއްމަތުގެ ނަޒަރުގައި މުހިންމު މަރުކަޒަކަށްވީ އިސްވެ މި ބަޔާންކުރެވުނު ފަދަ ކިތަންމެ ސަބަބެއް ހުރީމަ އެވެ. ފަލަސްތީނުގެ މުސްލިމުންނަށްޓަކައި ކުރެވޭ ހެޔޮ ދުއާތައް އިތުރުކުރުމާއެކު، މި ހަފްތާއަކީ ގުދުސްއާ ބެހޭ ގިނަ މައުލޫމާތު ހޯދައި މައުލޫމާތުގެ ހަޒާނާ މުއްސަނދި ކުރެވޭ ހަފްތާއަކަށް ހަދަމާތޯ އެވެ. އެނގެމުން، އޮޅުންފިލަމުން ދިޔަ މިންވަރަކުން އިތުރުވާނީ އީމާން ކަމެވެ. ޤުދުސްގެ ހަގީގީ ހައްގުވެރިންނަކީ ކޮބައިކަމާއި، ޤުދުސްއާމެދު ފަލަސްތީނާއި، މުސްލިމު އުއްމަތުގެ ކަރުނައިގެ ސަބަބަކީ ކޮބައިކަން ސާފުވާނެ އެވެ.








