ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެ މަގާމުގެ ހުވާ ކުރައްވައިފި އެވެ.
އެމަނިކުފާނު ހުވާ ކުރެއްވީ ފަތިހު 5:50 ހާއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. އެމަނިކުފާނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގަ އެވެ.
ރައީސް ސޯލިހު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މާދަމާ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ މަގާމުގެ ޒިންމާތައް ނައިބު ރައީސްއާ ހަވާލު ކުރާ މުއްދަތެއް ހާމަކޮށްފައެއް ނުވެ އެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ.

ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ ހ. ގައި އޮތީ "ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެ ކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެ،" ކަމަށެވެ.
ނައިބު ރައީސް ކަމުގެ ހުވާ ފައިސަލް ކުރެއްވީ ނޮވެމްބަރު 17، 2018 ގަ އެވެ. އެމަނިކުފާނު ރައީސް ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް، ރައީސްކަމުގެ ހުވާ ކުރައްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމަނިކުފާނު ހޮސްޕިޓިލިޓީ އެންޑް ޓޫރިޒަމް މެނޭޖްމެންޓުގެ ދާއިރާ އިން ބެޗްލާސް ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީންނެވެ. ކާޑިފް މެޓްރޯޕޮލިޓަން ޔުނިވާސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރެއްވި އެވެ.
ޕެރަޑައިސް އައިލެންޑާއި ސަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑްގެ ކްރިއޭޓިވް ޑައިރެކްޓަގެ މަގާމުގެ އިތުރުން ޕެރަޑައިސް އައިލެންޑް ރިސޯޓުގެ އެސިސްޓެންޓް މެނޭޖަރު ކަމާއި، މެނޭޖަރު އަދި ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އެމަނިކުފާނު އަދާކުރެއްވި އެވެ.
ސިޔާސީ ދާއިރާއަށް ފައިސަލް ނުކުމެވަޑައިގެންނެވީ 2004 ވަނަ އަހަރު އެވެ. ރާއްޖޭގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް އެކުލަވާލި ހާއްސަ މަޖިލީހުގެ ފުވައްމުލަކުގެ މެމްބަރެއްގެ ގޮތުގައެވެ.
އެ މަޖިލިސް އުވިގެން ދިއުމަށް ފަހު، ސިޔާސީ ދާއިރާއާ ދުރުގައި ހުންނެވުމަށް ފަހު، 2014 ވަނަ އަހަރު، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ.
ޒުވާނުންގެ ދާއިރާއަށް ކޮށްދެއްވާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 1999 ވަނަ އަހަރު ޒުވާނުންގެ ގައުމީ އިނާމު ފައިސަލަށް ލިބިވަޑައިގަތެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކޮށްދެއްވާ ހިދުމަތް ފާހަގަކުރުމުގެ ގޮތުން، ޑިސްއެބިލިޓީ އެމްބެސެޑަރުކަން 2014 ވަނަ ލިބިވަޑައިގަތެވެ.
އަދި، ޓޫރިޒަމްގެ ދާއިރާއަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް، މަޓާޓޯއިން ހާއްސަ އެވޯޑެއް 2015 ވަނަ އަހަރު ފައިސަލަށް ލިބިވަޑައިގެންފައި ވެއެވެ.














