ރާއްޖޭގައި ދެ ޖިންސުން އެންމެ ގިނަ ބަޔަކު ކުޅޭ ކުޅިވަރު ކަމަށްވާ ވޮލީބޯޅައިގެ ބެލެނިވެރި ފަރާތް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އޮންލައިން ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން "އަދަދު" އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަދައި އެއްބަސްވުމުގައި ގާއިމްކުރިއިރު، އެ ޖަމިއްޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، ވީއޭއެމްގެ ނައިބު ރައީސް އަޝްރަފް އަލީ (އަޝްރާ) އެވެ. އަދި "އަދަދު"ގެ ފަރާތުން ސޮއިކުރީ އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް)، އައްޒާމް އަލިފުޅު އެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ "އަދަދު"އާ އެކު އެއްބަސްވުން ގާއިމްކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވޮލީބޯޅައިގެ ހަރަކާތްތަަކާ ބެހޭ މައުލޫމާތު ވީ އެންމެ ފުރިހަމަ އަށް ގެނެސްދޭ އޮންލައިން ނޫހަކީ "އަދަދު" ކަމަށްވާތީ އެވެ.
އަދި ވީއޭއެމް އިން ކުރިއަށް ކުރަން ރާވާފައިވާ ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ދިވެހި ވޮލީބޯޅައިގެ ކަންކަން ޕްރޮމޯޓްކުރެވޭނެ ޕްލެޓްފޯމަކީ "އަދަދު" ކަމަށް ގަބޫލުކުރެވޭތީ "އަދަދު"އާ އެކު އެއްބަސްވުމެއް ހެދީ ކަމަށް ރަނޭޝް ވިދާޅުވި އެވެ.

ވީއޭއެމްގެ ނައިބު ރައީސް އަޝްރަފް (ކ) އާއި އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރު ސްޕޯޓްސް އައްޒާމް އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ވީއޭއެމާ އެކު "އަދަދު" އިން މި ގާއިމްކުރި އެއްބަސްވުމުގެ. ދަށުން ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ޕްރޮމޯޓްކުރާނެ އެއް މުބާރާތަކީ އަތޮޅު ވޮލީބޯޅަ މުބާރާތް، ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް އެވެ. މި މުބާރާތަކީ މުޅި ރާއްޖޭގައި ވޮލީބޯޅަ ފޯރި ވަރުގަދަ ކުރުމުގެ ގޮތުން ވީއޭއެމްގެ މިހާރުގެ ލީޑަޝިޕުން ފަަށާ މުބާރާތެކެވެ. މިއީ ޒަމާނުން ސުރެ ކުޅެމުން އައި އަތޮޅު ވޮލީބޯޅަ މުބާރާތް، އާ ފުރުސަތުތަކަކާ އެކު އެނބުރި އައުމެކެވެ.
އެ ގޮތުން ފުރަތަމަ މުބާރާތް އަންނަ މަހު 11 ވަނަ ދުވަހު ފ. އަތޮޅުގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެއްބަސްވުމުގެ ދަށުން ވޮލީބޯލް އެސޯސިއޭޝަނާ ގުޅިގެން ވޮލީބޯޅައިގެ ހަބަރުތައް "އަދަދު" އިން ގެެނެސްދޭނީ ޒަމާނީ ވިސްނުންތަކާ އެކުގަ އެވެ.
މިދިޔަ އަހަރު އޭޕްރީލް މަހު ވުޖޫދުވި "އަދަދު" ނޫހަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެސް ޕާޓްނަރެކެވެ. "އަދަދު" އަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އާއި ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)ގެ ވެސް ޕާޓްނަރެކެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އޮންލައިން އަދި ޕީއާރް ޕާޓްނަރަކީ ވެސް "އަދަދު" އެވެ. ބެޑްމިންޓަން ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި "އަދަދު" އިން ވަނީ ރިވައިވަލް ސްޕޯޓްސް ކްލަބާ އެކު ވެސް އެއްބަސްވުމެއް ގާއިމްކޮށްފަ އެެވެ. މީގެ އިތުރުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ޕީއާރް ޕާޓްނަރަކީ ވެސް "އަދަދު" އެވެ.












