ވައިގެ ސާފު މިންވަރު ދަނެގަތުމަށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށެއްގައި ސެންސަރު ހަރުކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވައިގެ ސާފު މިންވަރު ބަލާ ސެންސަރު ހަރުކުރުމަށް ހަމަޖެހިފައި ވަނީ ވެރިކަން ކުރާ މާލެ އާއި ހުޅުމާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ޅ. ނައިފަރާއި ދ. ކުޑަހުވަދޫ އާއި ލ. ގަމާއި ގދ. ތިނަދޫ އާއު ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުގަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވައިގެ ސާފު މިންވަރު ބެލުމަށް ހަރުކުރާނީ "އައިކިއު އެއާ" ނަމަކަށް ކިޔާ ބްރޭންޑެއްގެ ސެންސަރުތަކެއް ކަމަށެވެ. އެ އާލާތްތައް ހަރުކުރާނެ ރަށްތައް ހަމަޖެއްސީ އާބާދީއަށް ބެލުމަށްފަހު ކަމަށް ސަރުކާރުން ބުނެ އެވެ.
އެ ސެންސަރުތައް ރަށްރަށުގައި ހަރުކުރާނީ މިނިސްޓްރީގެ މުވައްޒަފުން އެތަނަކަށް ގޮސްގެނެވެ. އަދި އާލާތްތައް ހަރު ކުރާ ކޮންމެ ރަށެއްގައި ކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
"މި ސެންސަރުތަކުން ފަސް އަހަރު ދުވަހުގެ މުއްދަތަށް، ވައިގެ ސާފު މިންވަރު ވަޒަންވކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ލިބިގެންދާނެ. ވައިގެ ސާފު މިންވަރަށް ބަލައި، ސިއްހީ ލަފާ މި މޮނިޓަރިން ސެންސާގެ ޒަރިއްޔާއިން އާއްމުންނަށް ލިބިގެންދާނެ. މީގެ އިތުރުން، އެއްކުރެވޭ ޑޭޓާގެ އަލީގައި ވައިގެ ނުސާފުކަން ނުވަތަ ތަގައްޔަރުވެފައިވާ މިންވަރު ދެނެގަނެވި، މި ޑޭޓާ ތަހުލީލުތަކާއި ދިރާސާތައްކުރުމަށް ބެނުންކުރެވޭނެ،" ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، "އައިކިއު އެއާ" ގެ މޯބައިލް އެޕްލިކޭޝަން އިންސްޓޯލް ކުރުމާއެކު ވެބްސައިޓް ގެ އެހީގައި ވައިގެ ސާފު މިންވަރު އަންގައިދޭ ޑޭޓާ އާއްމުންނަށް ފެންނަން ހުންނާނެއެވެ.
މިއަދު އެއްބަސްވުމުގައި ސޮއިކުރިއިރު މިހާރު ވެސް އައިކިއު އެއާގެ މެޝިނެއް މިއަދު އައްޑޫ ސިޓީ ކައުންސިލުގައި ހަރުކޮށްފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
މާލޭގައި ހުންނަ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ގްރީން ބިލްޑިންގުގައި ވައިގެ ސާފު މިންވަރު ދަނެގަންނަ މެޝިނެއް މިދިޔަ އަހަރު ވަނީ ބަހައްޓައިފަ އެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި ވައި ނުސާފުވުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތައް ކަމަށް ދިރާސާތަކުން ދައްކަނީ ދުއްވާ އެއްޗެއްސާއި އުޅަނދުފަހަރާއި، ކުނި އެންދުމާއި، ފައިބަރު އުޅަނދުފަހަރު ބަނުމާއި، ކޮންސްޓްރަކްޝަން ސިނާއަތުން ކަމަށެވެ.













