ޔޫކްރެއިން މައްސަލައިގައި މަޝްވަރާ ކުރަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ އެކު ސަމިޓެއް ބާއްވަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެއްބަސްވެވަޑައިގެންފި އެވެ.
ރަޝިއާ އާއި އެމެރިކާގެ ސަމިޓެއް ބާއްވަން ހުށަހެޅީ ފްރާންސުންނެވެ. ވައިޓް ހައުސްއިން ބުނީ ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދީފި ނަމަ ސަމިޓުގައި އެމެރިކާއިން ބައިވެރިއެއް ނުވާނެ އެވެ.
ފަހުގެ ތާރީހެއްގައި ޔޫރަޕުގައި އުފެދިފައިވާ އެންމެ ބޮޑު ސެކިއުރިޓީ ކާރިސާއަށް ޑިޕްލޮމެޓިކް ހައްލެއް ހޯދަން އެމެރިކާ އާއި ރަޝިއާގެ ސަމިޓެއް މުހިއްމެވެ.

ޖާސޫސީ މައުލޫމާތަށް ބިނާކޮށް އެމެރިކާގެ އޮފިޝަލުން ބުނަނީ ރަޝިއާއިން ވަނީ ކޮންމެ ވަގުތަކު ވެސް ހަމަލާ ދޭން ތައްޔާރުވެފައި ކަމަށެވެ. ނަމަވެސް ރަޝިއާއިން އެކަން ދޮގުކުރެ އެވެ.
އެމެރިކާ އާއި ރަޝިއާގެ ސަމިޓެއް އޮންނާނެކަން އިއުލާނު ކުރީ ފްރާންސްގެ ރައީސް އޮފީހުންނެވެ. ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވަނީ ދެ ފަހަރެއްގެ މަތިން ފޯނުން ޕުޓިންއާ މަޝްވަރާ ކުރައްވާފަ އެވެ.
ޖުމްލަ ތިން ގަޑިއިރަށް ކުރިއަށް ދިޔަ މަޝްވަރާތަކުގައި ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވީ ޔޫކްރެއިން މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން މަސައްކަތް ކުރުމަށެވެ.
މެކްރޯން އާއި ޕުޓިންގެ ފުރަތަމަ ފޯނު މަޝްވަރާއަށް ފަހު މެކްރޯން ވަނީ ބައިޑެންއަށް ގުޅުއްވައި 15 މިނެޓު ވަންދެން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ ފަހުން ޕުޓިންއާ އެކު ދެ ވަނަ މަޝްވަރާ ކުރިއަށް ގެންދެވި އެވެ.
މެކްރޯންގެ އޮފީހުން ބުނީ ބައިޑެން އާއި ޕުޓިންގެ ސަމިޓާ ގުޅޭ ތަފްސީލް ހާމަކުރާނީ އަންނަ ބުރާސްފަތި ދުވަހު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯ ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ.










