ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީގައި ފެތުރެން ފެށި 'ނޮވެލް ކޮރޯނާ ވައިރަސް' މުޅި ޗައިނާ ހިސޯރުކޮށް މުޅި ދުނިޔެއަށް ފެތުރިގެން ދިޔުމާއެކު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ ބަލިމަޑުކަމަށް އާލަމީ ވަބާއެއްގެ ދަރަޖަ، މާޗް 11، 2020ގައި ދިނެވެ.
އެ ޖަމިއްޔާއިން އެންމެ ފުރަތަމަ މި ބަލިމަޑުކަމަށް ނަން ދީފައި ވަނީ ބަލި ފެނުނު ސަހަރަށް ނިސްބަތްކޮށް، 'ވުހާން ހިއުމަން-1 ކޮރޯނާވައިރަސް'ގެ ގޮތުގައެވެ. އެ ނަމަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ބަލީގެ ނަން، "ހާސް–ކޮވް" (HARS-CoV) ބަދަލުކުރި އެވެ. އެހާ ހިސާބުން ވެސް ބަލީގެ ނަމާ ގުޅޭ ގޮތުން އުފެދުނު ނުތަނަވަސްކަމާއި ފާޑުކިޔުންތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ހިންދަމައިލެވޭ ވަރެއް ނުވި އެވެ. އެންމެ ފަހުން، 'ކޮރޯނާ ވައިރަސް ޑީޒީޒް–2019' (Corona Virus Disease 2019) މި ނަން ގަލައިލައިގެން (ލަފުޒު ގެލުމަކީ ލަފުޒުގެ އެކި ބައިތައް ނައިގައި މަހައިލައިގެން އައު ލަފުޒެއް އުފެއްދުން) ގެލި ލަފުޒުގެ ހަމަތަކަށް ފައްތައިގެން 'ކޮވިޑް-19'ގެ ގޮތުގައި ކަނޑައެޅި އެވެ.
މިއީ، "ކޮވިޑް-19" މި ނަން ބަސްވާރުންނަށް ވިއްސަން ޖެހުނު މައިގަނޑު ސަބަބެވެ. ފާއިތުވެ މި ދިޔަ ތިން އަހަރު ތެރޭގައި އެކި ބަސްބަހުން ވާހަކަ ދައްކަމުންދާ އެކި ނަސްލުގެ އެކި ކުލަކުލައިގެ އެންމެން ވެސް އެންމެ ފަރިތަ، އެންމެ ގިނައިން ބޭނުންކުރި ލަފުޒަކަށް ވެފައިވާ ލަފުޒަކީ ވެސް މިއަދު މި ނަމެވެ. "ކޮވިޑު-19" އެވެ. ލަފުޒެއް އުފަންވެ ވައިގައި ހިފުމާ ހަމައަށް ދަތުރުކުރަނީ މިފަދަ އެތައް ކަންތައްތަކެއް ގިރާކޮށްގެން ކަން މި ކަމުން ހާމަވެ އެވެ.
ކޮވިޑް -19ގެ ނަން ދިވެހިން ކިޔާ ގޮތް
ކޮވިޑު-19ގެ ބަލިމަޑުކަމުގެ ހިތްދަތިކަން ދިވެހިން ތަޖުރިބާ ކުރާން ބޭނުން ނުވި ނަމަވެސް، އެ ބަލިމަޑުކަން ދިވެހި ފުށި ރަށްތަކާއި ދޮންވެލި ފިނޮޅުތަކާ ހަމައަށް އައުމާއެކު، އެ ލަފުޒަށް ނޭނގި ނަމަވެސް ދިވެހިންގެ ހިތުން ޖާގަ ދެވުނެވެ. ދިވެހި ދޫތަކަށް ފަރިތަ ގޮތްތަކަށް ބޭނުންކުރާން ފެށި އެވެ. "ކޯވިޑް19" (ކޯވިޑް ނައިންޓީން) ނުވަތަ ކޮވިޑް19 (ކޮވިޑް ނައިންޓީން)ގެ ބަދަލުގައި އެ ނަން ދިވެހިން ކިޔާން ފެށީ "ކޮވިޑު ނަވާރަ"ގެ ގޮތުގައެވެ.
ދެން އޮތީ ކޮވިޑު -19އާ ގުޅިގެން ދިވެހިބަހަށް ތައާރަފުވީ އެންމެ ލަފުޒެއްތޯ އުފެދޭނެ ސުވާލެވެ. ސުވާލު އިވުމާއެކު އޭގެ ޖަވާބު ވެސް ހިތައިހިތުން ބުނެލެވިއްޖެ އެހެން ނޫންތޯ އެވެ! އެހެން އެވީ ކީއްވެ ހެއްޔެވެ؟ އާއެކެވެ. ކޮވިޑު-19ގެ ސަބަބުން ދިވެހި ބަހުގެ ބަސްކޮށާރަށް އެތައް ލަފުޒުތަކެއް ވަދެގެން ގޮސްފައި ވާތީ އެވެ. ކުރިން ބޭނުން ނުކުރާ އެތައް ލަފުޒެއް ބޭނުންކުރަމުންދެ އެވެ. އޭގެ ތެރެއިން ބައެއް ލަފުޒުތަކަކީ އުފަންވި ލަފުޒުތަކެވެ. އަނެއްބައި ލަފުޒުތަކަކީ ތެޔޮފެންލައި ހާނުވައިގެން އުފަންކުރުވި ލަފުޒުތަކެވެ.
ލަފުޒު އުފަންވުން
ލަފުޒު އުފަންވުމާއި އުފެއްދުމަކީ މުޅީން ދެ ކަމެވެ. ލަފުޒަކީ އޭގެ ޒާތުގައި އުފަންވާ ނުވަތަ ވިހާ އެއްޗެކެވެ. މިއީ، ބަހަށް ކާންދީ ބޮޑުވާ ކޮންމެ ވެށްޓެއްގައި ތޮބީއީ ގޮތުން ކުރިއަށްދާ އާއްމު ކަމެކެވެ. ލަފުޒު ވިހައިގެން ހެދި ބޮޑު ނުވާނަމަ ބަހަށް ދިރުން ލިބުމެއް ނެތެވެ. ބަހަށް ކުރިއެރުމެއް ނުވެ އެވެ. ބަސްވާރުން ވިދާޅުވާ ގޮތުގައި ލަފުޒު އުފަންވުމުގެ ފުރަތަމަ މަރުހަލާއިން ފެންނާނެ އެއް ކަމަކީ "ނުމާނަ ލަފުޒު"ތައް އާއްމުވުމެވެ. ނުމާނަ ލަފުޒަކީ ވެހީންގެ ވާހަކަ ދެއްކުމުގެ ތެރެއިން ތޮބިއީ ގޮތުން ވުޖޫދުވާ ލަފުޒުތަކެވެ. ބައެއް ހާލަތްތަކުގައި މޫސުމީ ލަފުޒުތަކެވެ. އަނެއްބައި ހާލަތްތަކުގައި ދޫމަތީ ނުވަތަ އަތްމަތީ ލަފުޒުތަކެވެ. ނުމާނަ ލަފުޒުތަކުން ބަސްކޮށާރުން ބަހަށް ލިބެނީ ތިޔާގިކަމެވެ. މުއްސަނދިކަމެވެ.
ނަމަވެސް އެކަމަށް ބަސްދިރުވާ އާލާކުރުމުގެ ޒިންމާތައް ބޮލުއަޅައިފައިވާ ފަރާތްތަކުން މަރުޙަބާ ކިޔާނަމަ އެވެ. އެފަދަ ލަފުޒުތަކަށް ރަދީފުތަކުންނާއި ބަސްފޮތްތަކުން ޖާގަ ފަހިކޮށްދޭނަމަ އެވެ. އެހެން ނޫނީ، ނުމާނަ ލަފުޒުތައް ބަލިކަށިވެ މަރުވެ ފަނާވެގެންދާނީ އެވެ. މިއީ ބަސްވާރުންގެ ރައުޔުތަކެވެ. ހިޔާލުތަކެވެ. ކޮވިޑު-19ގެ އާލަމީވަބާގައި ދުނިޔެ ބަނދެވުނު ހިނދު، އުފަންވި ނުމާނަ ލަފުޒުތަކާއެކު އެކި ބަސްބަހަށް ވަނީ ދިރުން ލިބިފައެވެ. އިނގިރޭސިބަހަށް އަލަށް ގެނެވުނު "ރޯނާ" އަދި "ޕެންޑީ" ފަދަ ލަފުޒުތަކަކީ މި ދެންނެވި ތަރަހައިގެ މަތިން ހެދި ބޮޑުވެ ރަސްމީ ހައިސިއްޔަތު ދިން ލަފުޒުތަކެވެ.
ދެން އުފެދޭނެ ސުވާލަކަށް ވާނީ މި ހާލަތުގައި ދިވެހި ބަހުގައި ނުމާނަ ލަފުޒުތައް އުފެދުނުތޯ އުފެދޭ ސުވާލެވެ. ޖަވާބު ހޯދުމަށް ޖެހޭނީ ދިރާސާތަކެއް ކޮށްލާށެވެ. މިއީ ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. މީސްމީޑިއާގެ މަންސަތަކަށް ފުންކޮށް ބަލައިލާށެވެ. ކޮވިޑު-19އާ ގުޅުންހުރި ހަބަރު ހިއްސާކުރާން ބޭނުންކޮށްފައިވާ ލަފުޒުތަކަށް ބަލައިލާށެވެ. ހަބަރުތަކާ ގުޅިގެން ނުވަތަ ފިޔަވަޅުތަކާ ގުޅިގެން ބަންޑުންވަމުންދާ އިހުސާސްތަކާއި ކަންބޮޑުވުންތަކަށް ދިރާސީ ކަޅިއަކުން ބަލައިލާށެވެ. މިފަދަ އެތައް ލަފުޒެއް ފެންނާނެއެވެ.
ލަފުޒު އުފެއްދުން
ލަފުޒަކީ އަނެއްބައި ހާލަތްތަކުގައި ކަމުގެ ފަންނުވެރިންނާއި ބަސްވާރުންގެ އުނގުން އުފަންވާ އެއްޗެކެވެ. ކޮވިޑު-19ގެ އާލަމީވަބާގެ ދުވަސްވަރު އުފަންކުރުވި ލަފުޒުތައް ދިރާސާކުރުމަށް ފަހު ރަޝިއަން ޖާނަލް އޮފް ލިންގުއިސްޓިކްސްގެ 25 ވަނަ އަދަދުގައި 2021 ވަނަ އަހަރު އަލް ސަލްމާން އެސް އަދި ހައިދަރަށް ހޯދުނު ކަމަށް ބަޔާންކޮށްފައި ވަނީ، ކޮވިޑު-19އާ ގުޅިގެން އުފަންވި އަދި އުފެއްދި ލަފުޒުތައް މައިގަނޑު 2 ހަމައަކަށް ފެތޭކަމަށެވެ. އެއީ، އެއް ލަފުޒު އުފެއްދުމުގެ ހަމަ (ސިންގަލް ވޯޑު ފޯމޭޝަން) އާއި ދެ ލަފުޒު އުފެއްދުމުގެ ހަމަ (ޑުއަލް ވޯޑު ފޯމޭޝަން)އެވެ. މި ދެންނެވި ހަމަތަކާއި ދިވެހިން ބޭނުންކުރަމުންދާ ލަފުޒުތައް ތަރާދުކޮށް މީޒާނަށް އަޅައިލުމުން ފެނުނީ އެއްހަމައެއްގައި ގުނައިލެވޭނެ ލަފުޒުތައް ދިވެހިން ވެސް ބޭނުންކުރާކަމެވެ.
އެއް ލަފުޒު އުފެދުމުގެ ހަމަ
އެއް ލަފުޒު އުފެއްދުމުގެ ހަމައަށް ބަލާއިރު، މައިގަނޑު 10 ހަމައެއް ބަސްބަހާބެހީގައި އާއްމުކޮށް ބޭނުންކޮށް އުޅެއެވެ. މިގޮތުން ފާހަގަކޮށްލެވޭ، އެއް އުސޫލަކީ، މުޅީން އައު ލަފުޒެއް ވުޖޫދުކުރުމެވެ. އިނގިރޭސިބަހުގެ މިސާލަކަށް ބަލާއިރު، 'ކޮވިޑް-'19 މި ގިންތިއަށް ފެތިގެންދެ އެވެ. އަރަބި ބަހަށް މި ލަފުޒު ހިޖުރަކުރީ 'ކޫފީދު-19 (-كوفيد- 19)' ގެ ގޮތުގަ އެވެ. ދިވެހި ބަހުން ފެންނަން ހުރި މިސާލުތަކަށް ބަލާއިރު، 'ޕާސަނަލް ޕްރޮޓެކްޓިކް އިކުއިޕްމަންޓް" (ޕީ.ޕީ.އީ)ގެ ބަދަލުގައި ދިވެހިން ކިޔަމުން ދިޔަ "ޕީޕީ" މި ގިންތިއަށް ފެތޭނެ ކަމަށް ބެލެވެ އެވެ. ހަމަ އެހެންމެ، ކޮވިޑު-19 އަށް ނިސްބަތްކޮށް ކިޔަމުންދާ "ކޮވިޑު" މި ހަމައަށް ފެތިގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
ލަފުޒު އުފަންވުމުގައި ދެން އެންމެ އާއްމުކޮށް ބޭނުންކުރާ އަނެއް ހަމައަކީ އެކަ އިތުރުކޮށްގެން ލަފުޒު އުފެއްދުން (އެފިކްޒޭޝަން)އެވެ. އިނގިރޭސިބަހުގައި ބޭނުންކުރާން ފެށި "މާސްކުލެސްނެސް" މި ގިންތިއަށް ފެތޭއިރު، ދިވެހިބަހުގައި ކޮވިޑު- 19އަށް ނިސްބަތްކޮށް ކިޔާ "ކޮވިޑު" މި ލަފުޒު އެކި ހާލަތުގައި ފިރައިލެވިގެން އުފެދޭ ލަފުޒުތައް ކަމަށްވާ، "ކޮވިޑުން (ކޮވިޑު+އިން)، ކޮވިޑާ (ކޮވިޑު+އާ)، ކޮވިޑެއް (ކޮވިޑު+އެއް)، ކޮވިޑަކީ (ކޮވިޑު+އަކީ)" މި ހަމައަށް ފެތޭ ދިވެހި މިސާލުތަކެކެވެ.
ލަފުޒު އުފެއްދުމުގެ ދެން ބޭނުންކޮށް އުޅޭ އަނެއް ހަމައަކީ، އެކުވި ލަފުޒު (ކޮންޕައުންޑިން)ގެ އުސޫލުތަކެވެ. މި ހަމައަށް ފެތޭ އިނގިރޭސި ބަހުގެ މިސާލަކީ، "ލޮކުޑައުން"އެވެ. މި ގިންތިއަށް ފެތޭ ދިވެހި ލަފުޒުތަކަށް ބަލާއިރު، "ކޮވިޑުރާޅު"، "ކޮވިޑުބާނި"، "ކޮވިޑުބިރު"، "ކޮވިޑުބަލި"، "ކޮވިޑުމަރު"، ހަރުކަށިކުރުން“، "ފިޔަވަޅުއެޅުން،"، "ހާލަތުން އަރައިގަތުން“، "ފުރަބަންދުކުރުން" ފަދަ ލަފުޒުތަކަކީ ދެ ލަފުޒެއް އެކުވެގެން އުފެދިފައިވާ ކޮވިޑު-19އާ ގުޅުން ހުރި ދިވެހި ބަސްކޮށާރެވެ.
ފުރަބަންދު ނިންމުމަކަށް ގެނައުމުގެ މާނައިގައި އިނގިރޭސި ބަހަށް ވުޖޫދުވި "ލޮކުޑައުން+އެކްޒިޓް"ގެ ބައިތައް މަހައިލައިގެން އުފައްދާފައިވާ "ލޮކްޒިޓް"، މިއީ ލަފުޒު ގަލައިގެން އުފެދިފައިވާ އައު ލަފުޒެކެވެ. ދިވެހިބަހަށް ބަލާއިރު، "ބިރާއި ހާސްކަން" ގަލައިގެން އުފެއްދި "ބިރާސް" މިއީ މި ދުވަސްވަރު އުފަންވެގެން ދިޔަ މިފަދަ ގެލި ލަފުޒެކެވެ.
ކޮރޯނާ ވައިރަސް ކުރުކޮށްލުމަށްފަހު "ރޯނާ"ގެ ގޮތުގައި އިނގިރޭސިބަހުގައި ބޭނުންކުރަމުން ދިޔައިރު، ދިވެހިން ވެސް މި ފަދަ ބައެއް ލަފުޒުތައް ކޮވިޑު-19އާ ގުޅިގެން ބޭނުންކުރަމުން ދެއެވެ. މިސާލަކަށް، "ހޭންޑު ސެނެޓައިޒަ"ގެ ބަދަލުގައި ދިވެހިން ބޭނުންކުރަނީ ހަމައެކަނި "ސެނެޓައިޒާ"އެވެ. ވީމާ، މިއީ މި ލަފުޒުން ބައެއް ދޫކޮށްލައިގެން ލަފުޒު އިތުރު ކުރުމުގެ ހަމައަށް ފައްތައިގެން އުފަންވި ލަފުޒެކެވެ.
އެއްޗެއް ތައާރަފުވި ގޮތާ ގުޅުވާ ނަން ހެދުން (އިންވެންޝަން) މިއީ ވެސް ލަފުޒު އުފެއްދުމުގައި ދިވެހިން ބޭނުންކޮށް އުޅުނު ގޮތެކެވެ. މީގެ އެންމެ ރީތި މިސާލަކީ އޯމޯ އެވެ. އޯމޯއަކީ ދޮންނަ ކުނޑި ރާއްޖެ އަށް ތައާރަފުކުރި އިރު އެންމެ ފުރަތަމަ އެތެރެކުރި ދޮންނަ ކުނޑީގެ ބުރޭންޑު ނަމެވެ. އެ ނަން މަޤުބޫލުވެ ހުރިހާ ބުރޭންޑެއްގެ ދޮންނަ ކުނޑިއަށް އާއްމުކޮށް ދިވެހިން ކިޔަނީ އޯމޯ އެވެ. ހަމަ މިގޮތަށް، ކޮވިޑު-19ގެ ޝިކާރައަކަށް ވެފައިވޭތޯ ކަށަވަރު ކުރުމަށް ހަދަމުން ދިޔަ "ޕީސީއާރު ޓެސްޓު"އަށް ނިސްބަތްކޮށް ދިވެހިން ބޭނުންކުރާ "ކޮވިޑު ޓެސްޓު" މިއީ މިފަދައިން އުފެދިފައިވާ ލަފުޒެކެވެ.
ލަފުޒުތައް އިސްފަސްކޮށްގެން އުފައްދާ "އިސްފަސް ބަސް" މިއީ ދިވެހި ލަފުޒު އުފެއްދުމުގައި ގެންގުޅޭ އުސޫލެކެވެ. "ބަންދު އަދި ފުރަ" އެއްކޮށްލައިގެން "ލޮކުޑައުން"އަށް ކިޔުމަށް އުފައްދާފައިވާ "ފުރަބަންދު" މިއީ ވެސް މިފަދަ ލަފުޒެކެވެ. އެ ލަފުޒު އުފައްދާފައި ވަނީ "ލޮކު"ގެ ތަރުޖަމާއެއްގެ ގޮތުގައި "ބަންދު" ބޭނުންކުރުމާއެކު "ބޮޑު"ގެ މާނައިގައި "ފުރަ" ބޭނުންކޮށްގެން ލަފުޒުތައް އިސްފަސްކޮށްގެންނެވެ.
ލަފުޒުން ބައެއް އުނިކޮށްލައިގެން (ބެކް ފޯމޭޝަން)އެ ހަމަތަކަށް ފައްތައިގެން ދުނިޔޭގެ މަގުބޫލު ގިނަ ބަސްބަހުގައި ލަފުޒު އީޖާދުކޮށްފައި ހުރެއެވެ. "ވެކުސިނޭޝަން" އިން ބައެއް އުނިކޮށްލާ "ވެކުސިނޭޓް" އިނގިރޭސިބަހުގައި ބޭނުންކުރާއިރު، 'ސާންޕަލް' މި ލަފުޒަށް ދިވެހިން ބޭނުންކުރުމަށް އުފަންކުރުވި "ސުންކު" މިއީ މިފަދަ ލަފުޒެކެވެ. "ސުންކު" މި ލަފުޒު ނަގައިފައި ވަނީ ދިވެހިބަހުގައި ހިމެނޭ "ސުންކަން" މި ލަފުޒުންނެވެ. މާނައަކީ އެއްޗެހިން ނަގާ މަދު މިންވަރެކެވެ. އެހެން ކަމުން، "ސުންކު" މިއީ ލަފުޒުން ބައެއް އުނިކޮށްގެން އުފައްދާފައިވާ ލަފުޒެކެވެ. ކޮވިޑު-19ގެ ދުވަސްވަރު އެންމެ ގިނައިން އިވުނު އެއް ލަފުޒުތަކަށްވާ "ފައްސި" މިއީ "ފައްސިޔަ" މި ލަފުޒުންގެ ފަހު އަކުރާއި ފިލި އުނިކޮށްލައިގެން ހަދާފައިވާ ލަފުޒެކެވެ.
ދިވެހި އަޑު ތައްގަނޑުތަކަށް ފައްތައިގެން ލަފުޒު ހެދުން މިއީ ދުނިޔޭގެ މަޤޫބޫލު އެތައް ބަހެއްގައި ބޭނުންކޮށް އުޅޭ ހަމައެކެވެ. މިގޮތުން، "ޕޮޒިޓިވް" މި ލަފުޒަށް ބޭނުންކުރުމަށް އުފެއްދި "ފައްސި" މިއީ މި ލަފުޒުގެ ކުރީގައި ހިމެނޭ ތިން އަކުރެވެ. އަދި އެ ލަފުޒުގެ އިދިމާނަ ދޭހަކުރުމަށް {ނައްސި} ބޭނުންކުރާ ލަފުޒު ވެސް މި ދެންނެވި ހަމައަށް ފެތެއެވެ. މީގެއިތުރުން، {ގައިދުރު} މި ލަފުޒު އުފައްދާފައިވަނީ "ގައިގޯޅި" މި ލަފުޒުގެ އިދިމާނަ ދޭހަވާ ގޮތަށެވެ. އެހަމައަށް ފައްތައިގެންނެވެ.
މޫ ލަފުޒަށް ބަދަލު ގެނެސް ލަފުޒު ފުރޮޅައިގެން (ޑެރިވޭޝަން) ވެސް ބަސްބަހާ ބެހީގައި އައު ލަފުޒު އުފައްދާ ބޭނުންކުރަމުން ދެއެވެ. ކޮވިޑު-19ގެ ދުވަސްވަރު އުފަންވި، {ގައިދުރުކަން} މި ލަފުޒު އުފެދިފައި ވަނީ، ގައިދުރު+ކަން، / {އެކަހެރިކަން} = އެކަހެރި+ކަން މިގޮތަށެވެ. އެހެންކަމުން، މި ދެ ލަފުޒު ނަމުގެ ގިންތިން ކަމުގެ ގިންތިއަށް ބަދަލުވާތީ މިއީ ދެ ލަފުޒު އެވަނީ ފުރޮޅިފައެވެ.
ލަފުޒު ތަރުޖަމާ ކުރުމަކީ ޒަމާނުންސުރެ ދިވެހި ބަހުގައި ބޭނުންކުރަމުން އައި ގޮތެކެވެ. ކޮވިޑުގެ ސަބަބުން ދިވެހިބަހަށް އިތުރުވި ގިނަ ލަފުޒުތަކުގައި ވެސް މި އުސޫލު ބޭނުންކޮށްފައިވާތީ ފެނެއެވެ. މިސާލަކަށް، "ވޭވް–ބާނި"، "ކޮންޓެކްޓް–އެއްތާވި"، "ނިއުނޯމަލް–އައު އާއްމު ހާލަތު"، "ފްރޮންޓްލައިން–އިސްސަފު"، "ޒޫނޮޓިކް–ޖަނަވާރުގެ ފުށުން ފެންނަ"، "ޕާސަން ޓު ޕާސަން،-ގައިންގަޔަށް"، "ރޭންޑަމް-ތަރުތީބެއް ނެތި" ފަދަ އެތައް ލަފުޒެއް ބަހުން ބަހަށް ތަރުޖަމާކޮށްގެން ދަނީ ބޭނުންކުރަމުންނެވެ.
ބަސްބަހަށް ލަފުޒު ގެނައުމުގެ އެންމެ އާއްމު އަނެއް ގޮތަކީ ލޯނު ލަފުޒުގެ ގޮތުގައި ލަފުޒު ގެނައުމެވެ. ކޮވިޑު-19އާ ގުޅޭ މިފަދަ އެތައް ލަފުޒެއް ދިވެހިބަހަށް ގެނެވިފައިވެއެވެ. މިގޮތުން، ލަފުޒު އޮތްގޮތަށް ގެނެސްފައިވާ ލަފުޒުތަކަށް ބަލާއިރު، "ޒޫމް ކުލާސް"، "ގޫގުލް ކުލާސް"، "އޮންލައިން ކުލާސް"، "ކޮވިޑް ފެސިލިޓީ" އަދި ސާންސްކުރިތު ބަހުން ގެނެސްފައިވާ "ވޭދަނަ" ފަދަ ލަފުޒުތައް ފާހަގަކޮށްލެވެ އެވެ.
ހަމައެހެންމެ، ލޯނު ލަފުޒު ދިވެހިކޮށްގެން ނުވަތަ ދިވެހި ހަމަތަކަށް ފައްތައިގެން ވެސް ލަފުޒު ގެނެސްފައި ހުރެއެވެ. މިސާލަކަށް "މާސްކު"، "ކެރިއަރު"، "އިސްކުރީނުކުރުން"، "ކަރަންޓީނު"، "ވެންޓިލޭޓަރު" ފަދަ ލަފުޒުތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ލޯނު ލަފުޒަކާ ދިވެހި ލަފުޒަކާ އެއްކޮށްގެން ވެސް ލަފުޒު ބޭނުންކުރަމުން ދެއެވެ. މިސާލަކަށް، "ސެނެޓައިޒުކުރުން" އަދި "ވެކުސިން ދިނުން/ ވެކުސިން ޖެހުން"، "ކޮވިޑު ޖެހުން" ފަދަ ލަފުޒުތައް ފާހަގަކޮށްލެވެއެވެ.
ކޮވިޑު -19ގެ ސަބަބުން ކުރިން ބޭނުންކުރަމުން ދިޔަ ލަފުޒުތައް ބޭނުންކުރާނެ ހާލަތު ލިބުމުން އަލުން ބޭނުންކުރާން ފަށައިފައިވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ. މިސާލަކަށް، "ކަރަންޓީނު"، "ކާފިއު"، "ދިފާއު"، "ފަރުދީ ޒިންމާ"، "އަލާމަތްތައް ފެންނަ"، "ބަލިފެތުރުން"، "އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ"، "ގޭގައި މަޑުކުރުން" "ބަލީގެ އަލާމާތް"ތައް މިއީ ކުރިން ވެސް ދިވެހި ބަހުގައި ހުރި، ނަމަވެސް ބޭނުން ކުރާނެ ގިނަ ފުރުސަތުތަކެއް ނެތުމުން ބޭނުން ނުކޮށްވާ ލަފުޒުތަކެކެވެ. ކޮވިޑު-19ގެ ސަބަބުން މި ލަފުޒުތައް ބޭނުންކުރާނެ ވެށިތައް ފުޅާވެ ފައްކާވުމުގެ ނަތީޖާއަކީ މި ލަފުޒުތައް ބޭނުންކޮށް އާއްމުވުމެވެ.
ދެ ލަފުޒު އުފެއްދުމުގެ ހަމަ
ލަފުޒު އުފެއްދުމުގައި ބޭނުންކުރާ ދެ ލަފުޒު އެއްކޮށްލައިގެން އައު ލަފުޒު ހެދުމުގެ ހަމައަށް ފެތޭ ލަފުޒުތައް ދިވެހިބަހަށް ކޮވިޑު-19އާ ގުޅިގެން ތައާރަފުވެފައިވެ އެވެ. މިސާލަކަށް، ޓެލިކިލާސް އަދި އާލަމީވަބާ ފަދަ ލަފުޒުތައް މިއީ ލޯނު ލަފުޒާއި އެކުވި ލަފުޒު މަހައިލައިގެން އުފަންވެފައިވާ ލަފުޒުތަކެއްކަން ފާހަގަކޮށްލެވެ އެވެ. މި ނޫނަސް މި ގިންތިއަށް ފެތޭ އެތައް ލަފުޒެއް މި އާލަމީވަބާގެ ދުވަސްވަރު ދިވެހިންދަނީ ބޭނުންކުރަމުންނެވެ.
ކޮވިޑު -19ގެ ސަބަބުން ބަސްބަހާ ބެއްސަށް ވަނީ ރޯޝަންކަން ގެނުވައިދީފަ އެވެ. ބަހުގެ ތެރެއަށް ނުމާނަ ލަފުޒުން ފެށިގެން އެއް ލަފުޒުގެ ހަމައަށް ފެތޭ ލަފުޒުތަކާއި ދެ ލަފުޒުގެ ހަމައަށް ފެތޭ ލަފުޒުތައް ވަނީ އިތުރުވެފަ އެވެ. މުޅީން އައު ލަފުޒުތައް ބަހަށް ލިބުނު އިރު ކުރިން ބަހުގައި ހުރި ލަފުޒުތައް ނަގައި ހިރަފުސް ފޮޅައިލުމަށްފަހު ބޭނުންކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދިޔައެވެ. ދުނިޔޭގެ މަގުބޫލު ބަސްބަހަށް ވެސް މި ތިޔާގިކަން ވަނީ ލިބިފަ އެވެ. ދިވެހިރާއްޖޭގެ ރަސްމީ ބަސްކަމަށްވާ ދިވެހިބަހަށް ވެސް ވަނީ މިކަމުގެ ހެޔޮ އަސަރު ފޯރާފަ އެވެ.
ވީމާ، ކޮވިޑު-19ގެ ސަބަބުން ދިވެހި ބަސްކޮށާރަށް ތިޔާގިކަން ވަނީ ލިބިފަ އެވެ. ބަހަވީ ސުންނަތާ އެއްގޮތަށް އެއް ވަޒަނަކަށް ކިރާނެ އެތައް ލަފުޒެއް ވަނީ އުފަންވެފަ އެވެ. ނުވަތަ އުފައްދާފަ އެވެ. ތިބީންނަށް އޮތީ މި ލަފުޒުތައް އަންނާން ތިބީންނަށް ފޯރުކޮށްދިނުމެވެ. ކަރަންޓީނާއި ފުރަބަންދުގައި ކަސްތޮޅު އެޅި އާއިލާތަކުގެ އަތްމަތި ދަތިވެ، ގުޅުންތަކާއި މިލި އުޅުންތައް ނެތި ދިޔަ ވާހަކަ ކިޔައިދޭށެވެ. ސެނެޓައިޒުކޮށް، އިޖުތިމާއީ ގައިދުރުކަން އިސްކޮށް، މާސްކު އަޅައިގެން އުޅުނު ގޮތް އަންގައިދޭށެވެ. ޓެލިކިލާސްތަކާއި ޒޫމު ކުލާސްތަކުގެ އެހީގައި ގޭގައި ތިބެގެން އޮންލައިން ކުލާސްތަކުން ދަރިންނަށް ކިޔަވައިދިން ގޮތުގެ ވާހަކަތައް ބުނެދޭށެވެ. ކޮވިޑު ބަލި ޖެހި ކޮވިޑު މަރެއްގެ ގޮތުގައި ގުނުނު އާއިލީ މެންބަރުންގެ ވާހަކަތައް މުނިމުނި ދަރީންނާހަމައަށް އޭގެ އަސަރާއި ޖަޒުބާތާއެކު ވާސިލުކޮށް ދެވޭނީ އޭރުންނެވެ.












