ރަޝިއާއިން ރާވަނީ 1945 ވަނަ އަހަރަށް ފަހު ޔޫރަޕުގައި ނުކުރާ ވަރުގެ ބޮޑު ހަނގުރާމައެއް ފަށަން ކަމަށް އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ތުހުމަތު ކުރައްވައިފި އެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ބޮރިސް ވިދާޅުވީ ރަޝިއާގެ ރޭވުމުގެ ދަށުން އަމަލީ މަސައްކަތް ފަށާފައިވާ ކަމުގެ ނިޝާންތައް މިހާރު ފެންނަމުންދާ ކަމަށެވެ.
ބޮރިސް ވިދާޅުވީ ޖާސޫސީ މައުލޫމާތުން ހެކިދޭ ގޮތުގައި ރަޝިއާއިން އުޅެނީ ޔޫކްރެއިނަށް ހަމަލާދީ، ވެރިރަށް ކިޔެވް ވަށާލާނެ ގޮތަށް ހޯދުމަށެވެ.
"އެންމެން ވިސްނަންވީ ކަމަކީ މިކަމުން އިންސާނުންގެ ފުރާނަތަކެއް ގެއްލު ނުކުންނާނެ ދެރަ ނަތީޖާ."
ބޮރިސް މި ވަގުތު ހުންނެވީ ޖަރުމަނުވިލާތުގެ މިޔުނިކްގަ އެވެ. ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ މެދުގައި ބާއްވާ ސެކިއުރިޓީ ކޮންފެރެންސެއް އެ ތަނުގައި ފަށަން ވަނީ ތައްޔާރުވެފަ އެވެ.
އެމެރިކާ ސަރުކާރުން އެންމެ ފަހުން ލަފާކުރި ގޮތުގައި 169،000 އާއި 190،000 އާ ދެމެދުގެ އަދަދަކަށް ރަޝިއާ ސިފައިން ވަނީ ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް ޖަމާވެފަ އެވެ.
އެގޮތުން ރަޝިއާ އާއި އަވައްޓެރި ބެލަރޫސްގައި ސިފައިންތައް ތިބީ ތައްޔާރަށެވެ. އެމެރިކާއިން ލަފާކުރާ ސިފައިންގެ އަދަދުގެ ތެރޭގައި އިރުމަތީ ޔޫކްރެއިނުގައި ސަރުކާރާ ވަކިވެގެން އުޅޭ ފައުޖު ވެސް ހިމެނެ އެވެ.










