ފެނަކަ ކޯޕަރޭޝަނުން އިންޖީނުގެތައް ހިންގާ ހުރިހާ ރަށަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި ގާއިމްކޮށްފައިވާ 100 ހައުސިން ޔުނިޓް އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މަސްވެރިންނަށް އުންމީދީ ހަބަރުތަކެއް ދެއްވާފަ އެވެ.
"ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް، މިހާރު ފެނަކައިން އެ ގެންދަނީ އެ މަޝްރޫއު ރާވާ ކުރިޔަށްގެންދިޔުމުގެ އަމަލީ މަސައްކަތް ފައްޓަން ތައްޔާރުވަމުން،" މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ބޯހިޔާވަހިކަމުގެ ވައުދާ އެއްގޮތަށް މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަކީ ވެސް ސަރުކާރުގެ ވައުދެއް ކަމަށް ވިދާޅުވެފަ އެވެ.
"މިއަދު ވެސް އަޅުގަނޑުމެން ބޭއްވި ބައްދަލުވުންތަކުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އަޅުގަނޑުމެންނާ ހިއްސާކުރި. އައިސް ލިބުމުގެ ދަތި ވާހަކަ އަޅުގަނޑުމެންނާ ހިއްސާކުރި. މަހަށް ރަނގަޅު އަގު ބޭނުންވާ ވާހަކަ ހިއްސާކުރި. އަދި ބާނާ މަސް އެކީގައި ކިރޭނެ ގޮތެއް ވުމަކީ މަސްވެރިންގެ އެދުމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެކަންކަން ހައްލުކުރުމަށް ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން، މިފްކޯ އެކްސްޕޭންޑްކޮށް ފެލިވަރުގެ ތަރައްގީކޮށް ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރަށްރަށުގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބުމަކީ އެ މަސްވެރިން ނުހަނު ބޭނުންވެފައިވާ ކަމެއް. އެހެންވެ، ދެމެހެއްޓެނިވި ގޮތެއްގައި އައިސް ދިނުމަށް ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން މި ދަނީ," މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވާ ގޮތުން މިއީ އެ ކުންފުނީގެ މެންޑޭޓްގައި ވެސް ހިމެނޭ ކަމެކެވެ.
"ފެން ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންގެ މެންޑޭޓުގައި ހިމެނޭ ކަމެއް. އޭގެ ބައި ޕްރޮޑަކްޓެއް އައިސް އަކީ. ފެނަކައިގަ އަޅުގަނޑު ހުރެގެން އަބަދު ވެސް މަސައްކަތް މިކުރަނީ ރައްޔިތުންގެ އިހްސާސްތައް އެނގިގެން، ބޭނުންތަކަށް ފުރިހަމަކުރަން،" ސައީދު ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ރައީސް ސޯލިހު ފާހަގަކުރައްވާފައިވެ އެވެ. ވަކިން ހާއްސަކޮށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
"މަސްވެރިންނަށް މަހުން ލިބޭ އާމްދަނީގައި ހޫނުކަމެއް ހުންނަނީ ކިރާ މަހުގައި ފިނިކަމެއް ހުރެގެން. އެގޮތުން، 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް، މި އަހަރުތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރަން ފަށާނެ،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން، ޅ. ފެލިވަރުގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ވަރުގެ ކާރުހާނާއެއް ގާއިމުކުރުމަށް ވެސް މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ. އެ މަޝްރޫއުގެ ދަށުން ކޯލްޑް ސްޓޮރޭޖްއަކާއި މަސް ޕްރޮސެސް ކުރާ ކާރުހާނާއަކާއި ބްރައިން ފްރީޒިން ފެސިލިޓީއެއް، ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިިލިޓީއެއް، ފިޝް މީލް ޕްލާންޓެއް، އައިސް ޕްލާންޓެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.












