ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރީ ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެ އޮފިސަރަށް އިންޒާރުދީ، އޭނާގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ތުހުމަތުވާ ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
މީސްމީޑިޔާގައި މިހާރު ދައުރުވަމުން އަންނަ ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ފުލުސް މީހާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ޕާކްކޮށްފައި ހުއްޓަ އެވެ.
ރޭހިނގި އެ ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ހެޑް ކުއާޓާގެ ސީނިޔާ އިންވެސްޓިގޭޝަން އޮފިސަރަކު އެރަށަށް ފޮނުވިތާ 24 ގަޑިއިރުވުމުގެ ކުރިން، އެ ހަމަލާދިން ކަމަށް ތުހުމަތުވާ ތިން ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
"އެއީ 22 އަހަރުގެ މީހަކާ، 27 އަހަރުގެ މީހެއްގެ އިިތުރުން 31 އަހަރުގެ މީހެއް" އެ ހާދިސާއާ ގުޅޭ މައުލޫމާތު މީޑިޔާތަކަށް ހިއްސާކުރަމުން ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އެ ފަދަ މައްސަލަތައް ސީރިއެސް މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރެވި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.













