ބާސެލޯނާ (ފެބްރުއަރީ 18) - ޔުއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ ކުޅުނު ފުރަަތަމަ ލެގުގެ މެޗުން ބާސެލޯނާ އާއި ނަޕޯލީ 1-1 އިން އެއްވަރުވެއްޖެ އެވެ.
އެކާވީސް އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ބާސެލޯނާ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ. ބާސެލޯނާ ވާދަކުރި ގްރޫޕްގެ ތިން ވަނަ އަށް ދިއުމުން ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުން ފުރުސަތު ލިބުނުއިރު، މިއީ 2004 ވަނަ އަހަރަށް ފަހު ބާސެލޯނާ އިން ޔޫރޮޕާ ލީގުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ބާސެލޯނާ އިން އެންމެ ފަހުން ޔޫރަޕްގެ ދެ ވަނަ ފަންތީ ކްލަބް މުބާރާތުގައި ވާދަކުރިއިރު، އެ މުބާރާތް އޮތީ ޔުއެފާ ކަޕްގެ ނަމުގަ އެވެ. ފަހުން ޔޫރޮޕާ ލީގަށް ރިބްރޭންޑްކުރީ އެވެ.
ރޭގެ މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކައި ނަޕޯލީން ބާސެލޯނާ އަށް ޕްރެޝަރު ބޮޑުކޮށްލި އެވެ. ނަޕޯލީ ޓީމަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމްހެއިން ޖެހި ބޯޅަ ބާސެލޯނާގެ ކީޕަރު ޓާ ސްޓެެގެން މަތަކުރި އެވެ.
އޭގެ ފަހުން ބާސެލޯނާގެ ޕިއޭ އެމެރިކް އޮބާމަޔަން އާއި ފެރާން ޓޮރޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ނަތީޖާ އަކަށްވީ ނަޕޯލީން ލީޑުނެގުމެވެ. މެޗުގެ 29 ވަނަ މިނިޓްގައި ބާސެލޯނާ އޭރިއާތެރެއިން ނަޕޯލީގެ ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ފުރަތަމަ ބޯޅަ ބާސެލޯނާ ކީޕަރު ސްޓެގެން ފައިގައި ޖެހިފައި އައި ވަގުތު ޒިއެލިންސްކީ ވަނީ ރިބައުންސް ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 15 މިނިޓް ތެރޭ ބާސެލޯނާ އިން އެއްވަރުކުރީ ފެރާން ޓޮރޭޒް ޖެހި ޕެނަލްޓީންނެވެ. މިއީ ބާސެލޯނާގެ އެޑަމާ ޓްރައޯރޭ ނެގި ބޯޅައެއް ނަޕޯލީގެ ހުއާން ޖީސޫސް އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. ފެރާން ޓޮރޭޒް ވަނީ ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓަށް އެއްވެސް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އިތުރު ގޯލެއް ޖަހައި މޮޅުވާން ދެ ޓީމުން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ. ދެ ވަނަ ލެގު ނަޕޯލީ ދަނޑުގައި ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ.
ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމަންޑް ދަނޑުގައި ރޭންޖާސް ވަނީ 4-2 އިން މޮޅުވެފަ އެވެ. ޒެނިޓް ދަނޑުގައި 3-2 އިން ރެއާލް ބެޓިސް މޮޅުވިއިރު، އެޓަލަންޓާ އިން ވަނީ 2-1 އިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރިހޯދައިފަ އެވެ. ޕޯޓޯ އިން 2-1 އިން ލާޒިއޯ ބަލިކުރިއިރު، އާރްބީ ލައިޕްޒިގާއި ރެއާލް ސޮސިއެޑާޑްގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އަދި ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ ވަނީ 3-1 އިން ޑިނަމޯ ޒަގްރެބް ބަލިކޮށްފަ އެވެ.












