މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި އައިސްފައި ވެއެވެ. އަބޫބަކުރުގެފާނު ވަނީ ސުވަރުގޭގަ އެވެ. ޢުމަރުގެފާނު ވަނީ ސުވަރުގޭގަ އެވެ. ޢުޘްމާންގެފާނުވަނީ ސުވަރުގޭގަ އެވެ. ޢަލީގެފާނު ވަނީ ސުވަރުގޭގަ އެވެ. ޠަލްޙަތުގެފާނު ވަނީ ސުވަރުގޭގަ އެވެ. ޒުބައިރުގެފާނު ވަނީ ސުވަރުގޭގަ އެވެ. ޢަބްދުއްރަޙްމާން ބިން ޢައުފް ވަނީ ސުވަރުގޭގަ އެވެ. އަދި ސަޢުދު ބިން އަބީ ވައްޤާޞް ވަނީ ސުވަރުގޭގަ އެވެ. އަދި އަބޫޢުބައިދާ ބުނުލްޖައްރާޙް ވަނީ ސުވަރުގޭގަ އެވެ.
އުންމު ސަލަމާ ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. މާތް ﷲ ގެ ރަސޫލާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޙަދީޘްކުރައްވާތީ ތިމަންކަމަނާ އެއްސެވީމެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފަހު ތިޔަބައިމީހުންނަށް އޯގާތެރިވާނީ ތެދުވެރި ރަނގަޅު މީހާ އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޢަބްދުއްރަޙްމާން ބިން ޢައުފްއަށް ސުވަރުގޭގެ ސަލްސަބީލުގެ އާރުން ރޯދިކުރައްވާށި އެވެ! އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރެއްވި ހަދީސެއްގައި ވެސް ސުވަރުގޭގެ ސަލްސަބީލުގެ އާރުން ޢަބްދުއްރަޙްމާން ބިން ޢައުފަށް ރިޒްޤުކޮށްދެއްވުން އެދި ދުޢާކުރައްވާފައި ވެއެވެ. ސަލްސަބީލްއަކީ ސުވަރުގޭގެ މީރު ބުއިންތަކުގެ ތެރެއިން ބުއިމެއްގެ ދެމިގެންވާ އާރެކެވެ. އެއާރުގެ ވާހަކަ އަލްއިންސާން ސޫރަތުގައި އައިސްފައި ވެއެވެ.
ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގެ ވަންނާނެކަމުގެ އުފާވެރިކަމުގެ ހަބަރު ލިބިވަޑައިގަތުމުގެ އިތުރުން، ސަލްސަބީލުގެ އާރުން ރޯދިކޮށްދެއްވުމަށް މާތް ނަބިއްޔާ ތަކުރާރުކޮށް ދުއާކުރެއްވި މި މާތް ސަހާބީގެ ހާއްސަ ސިފަތަކަކީ ކޮބައިތޯ ބަލާލުން މުހިންމުކަމުގައި ފެނިއްޖެ އެވެ.
ޢަބްދުއްރަޙްމާން ބިން ޢައުފް ހިމެނިވަޑައިގަންނަވަނީ އެންމެ ފުރަތަމައަށް އިސްލާމްވީ މަދު ބޭކަލުންގެ ތެރޭގަ އެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ އަބޫބަކުރުގެފާނުގެ އަތްޕުޅުމައްޗަށް އުމުރުފުޅުން ތިރީސް އަހަރުގަ އެވެ. މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މުސްލިމުންގެ ތެރޭގައި ޢަބްދުއްރަޙްމާން ބިން ޢައުފް ހިމެނިވަޑައިގަތެވެ. ސިޔަރަތުން އަޑުއަހާފައިވާނެ ގޮތުގައި، މަދީނާއިން އިސްލާމްވީ މީހުންނާއި މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މީހުންގެ މެދުގައި މާތް ނަބިއްޔާ ގެންގުޅުއްވި ވަރަށް ފުރިހަމަ އެއް ސިޔާސަތަކީ އެކުވެރިކުރެއްވުމުގެ ސިޔާސަތެވެ.
މިގޮތުން ޢަބްދުއްރަޙްމާން ބިން ޢައުފް އެކުވެރިކުރެއްވީ ސަޢުދު ބުނުއްރަބީޢުލްޚަޒްރަޖީއާ އެވެ. އެކުވެރިކުރެއްވުމުގެ މި ސިޔާސަތުގައި ކަންހިނގި އާންމު އުސޫލުން ހިޖުރަކުރެއްވި ބޭބޭކަލުންނަށް ލިބިވަޑައިގެންނެވި ފުރުސަތުތަކަށްވުރެ ވެސް ފަހި ފުރުސަތުތަކެއް ޢަބްދުއްރަޙްމާން ބިން ޢައުފަށް ލިބިވަޑައިގަތެވެ. އެކަލޭގެފާނާ އެކުވެރިކުރެއްވުނު ސަޢުދު ބުނުއްރަބީޢުއަކީ އަތްމަތި ތަނަވަސް ބޭކަލަކަށްވާތީ އެވެ. ސަޢުދު ބުނުއްރަބީޢު، ޢަބްދުއްރަޙްމާން ބިން ޢައުފަށް ހުށަހެޅުއްވީ، މުދަލާއި އަނބީން ދެބޭކަލުންގެ މެދުގައި ހަމަހަމަޔަށް ބައްސަވައި، ހިލޭ ދެބައިކުޅަ އެއްބައި ދެއްވުމަށެވެ. އެކަމަކު ޢަބްދުއްރަޙްމާން ބިން ޢައުފް ވިދާޅުވި އެވެ. ކަލޭގެފާނުގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާށި އެވެ. ތިމަންކަލޭގެފާނަށް ބާޒާރު ދައްކަވާށެވެ. އެޔަށްފަހު ބާޒާރު ހޯއްދަވައިގެން ވަޑައިގެން އުނގުވިޔަފާރިން ފެއްޓެވި ވިޔަފާރި ފުޅާވެ ނަންހިނގާ މަޝްހޫރު ވިޔަފާރިވެރިއަކަށް ވެވަޑައިގަތެވެ. ނަފުސުގެ އިއްފަތްތެރިކަމާއި އަމިއްލަ ނަފުސު އަގުކުރުމުގެ އެފަދަ ދެވަނައެއް ނެތް މިސާލެކެވެ.
ސުމަކުން ފެއްޓެވި ވިޔަފާރީގައި މަދީނާގެ ބޮޑެތި ވިޔަފާރިވެރިންގެ ކެޓަގަރީގައި އެކަލޭގެފާނު ހިމެނިވަޑައިގަތީ އެކަންޏެއް ނޫނެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ އާދަޔާ ހިލާފަށް ދީލަތި ބޭކަލެއްގެ ގޮތުގަ އެވެ. ފަގީރުންނާއި މިސްކީނުންނަށް ހޭދަކުރެއްވުމުގައި ދެވަނައެއް ނެތް ބޭކަލެއްގެ ގޮތުގަ އެވެ. ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނުގެ މުޅި މުދަލުގެ ދެބައިކުޅަ އެއްބައި ސަދަގާތްކުރެއްވީ ވެސް މަދު ފަހަރަކު ނޫނެވެ. އަޅުންގެ ގިނަކަމާއެކު ވެސް ހިތްތިރިކަމުގެ ކަންތައް ބެހެއްޓެވި ހިސާބަކީ އެކީގައި ހިނގާފައި ދާއިރު، އެކަލާގެފާނާއި އަޅު މީހާ އާއި ބަލާބެލުމަށް ވަކިކުރަން ނޭނގޭކަމުގައިވި އެވެ.
މުއްސަނދި ތަނަވަސް އަދި ދީލަތި މި ސަހާބީގެ އެހެން ބާބަކުން ވިދާޅުވާށެވެ. ޢަބްދުއްރަޙްމާން ބިން ޢައުފަކީ، ޢުމަރުގެފާނު އެކަލާގެފާނަށްފަހު ހަލީފާއަކަށް އިސްވާނެ ބޭކަލަކު ކަނޑައެޅުއްވުމަށް ނެންގެވި ޝޫރާ މަޖިލީހުގެ މެންބަރެކެވެ. ޢުޘްމާންގެފާނުގެ ހަޔާތުގެ ފަހުކޮޅުގައި އެކަލޭގެފާނަށްފަހު ހަލީފާއަކަށްވުމަށް ޢަބްދުއްރަޙްމާން ބިން ޢައުފަށް ވަސިއްޔަތްކުރައްވައި ފަތްކޮޅެއް ލިޔުއްވި އެވެ. އެކަމުގެ ހަބަރު ލިބިވަޑައިގަތްހިނދު ވިދާޅުވި އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނާ ޚިލާފަތު ހަވާލުކުރައްވަނީ ޢުޘްމާންގެފާނުކަމަށްވާނަމަ ފަހެ އޭގެ ކުރިޔަށް ތިމަން މަރުގަންނަވާފާނދޭވެ. ބުނެވޭ ގޮތުގައި އޭގެ ހަ މަހެއްހާ ދުވަސްތެރޭގައި އެކެލާގެފާނު އަވަހާރަވެއްޖެ އެވެ. ޚަލީފާކަން ލިބިވަޑައިގަތުމުން އެކަލޭގެފާނު އިންކާރުކުރެއްވީ އެންމެ ފަހަރަކު ނޫނެވެ. ޢުޘްމާންގެފާނަށް ޚަލީފާކަން ލިބިވަޑައިގަތްއިރު، ޢުމަރުގެފާނަށްފަހު ވެސް ޚަލީފާކަން ކުރައްވާންވީ ބޭކަލެއްގެ ގޮތުގައި ޢަބްދުއްރަޙްމާން ބިން ޢައުފްގެ ނަން ހުށަހެޅިފައި ވެއެވެ. އެކަމަކު އެކަމުން އެކަލޭގެފާނުގެ ނަފުސު ދުރުކުރެއްވި އެވެ.
މިކަންކަމުން ޢަބްދުއްރަޙްމާން ބިން ޢައުފްގެ ވަރަށް މުހިންމު ސިފަފުޅުތަކެއް ފާޅުކަން ބޮޑުގޮތުގައި ހާމަވަމުން ދެ އެވެ. މުދާވެރިކަމާއި ބާރުވެރިކަމާއެކު އެއްވެސް މިންވަރަކަށް ބޮޑާވެރިކަން ނެތުމެވެ. ހިތްތިރިކުރެއްވުމާއި ޝުކުރުކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ވެވަޑައިގަތުމެވެ. އާދަޔާ ޚިލާފު ދީލަތިކަމެވެ.
އަޅުގަނޑަށް އެބަ އިވެއެވެ. ސަލްސަބީލް އާރުން ރޯދިވުމުގެ ސަބަބަކީ ކޮބައިތޯ އެވެ. އަލްއިންސާން ސޫރަތް ވިދާޅުވާށެވެ. ސަލްސަބީލުގެ އާރުގެ ވާހަކައިގެ ކުރިން އައިސްފައިވާ އާޔަތްތަކަށް ވިސްނާފިކުރު ހިންގަވާށެވެ. އަލްއިންސާން ސޫރަތުގެ 8 ވަނަ އާޔަތުން 9 ވަނަ އާޔަތަށެވެ. "އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެއެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހަފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމު އެވެ."








