ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތަކީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގޭ އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އަންނަނީ ދިރާސާއެއް ކުރަމުންނެވެ.
މިހާރު ކުރިއަށްދާ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ހިންގަވާ ކެމްޕެއިން ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށާއި މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މި ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ.
"އިންޑިއާ އައުޓް ކިޔައިގެން މި ހިންގާ ކެމްޕޭނަކީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް އޮވެގެން ހިންމޭ ކެމްޕޭނެއް ނޫން. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކްފާން ނުރުހޭ ހަބަރު ގެނެސްދޭ ސްޓޭޝަންތައް ރޯކޮށް ބޮޑެތި ޖޫރިމަނާކޮށް ރިލްވާން އާއި ޔާމީން ފަދަ ބްލޮގަރުންނާއި ނޫސްވެރިން މަރާ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ހިޔާނާތްތައް އަޑު ކަނޑުވާލުމަށް ރާވައިގެން ހިންގާ ހީލަތްތެރި ކެމްޕޭނެއް،" މާރިޔާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހި ސަރުކާރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ދެއްވާ މާރިޔާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތްތާވެސް ނުކުރައްވާނެ ކަމަށެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަބަދުވެސް އެންމެ އިސްކަން ދެއްވަނީ ގައުމީ ސަލާމަތާއި ގުޅިފައިވާ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާރިޔާ ވަނީ ރައީސް ޔާމީން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިން މިހާރު އޮތް ހިސާބުން ނުނިންމަވާނެ ކަމަށާ ދެން އޮންނާނީ ބަންގްލަދޭޝް އާއި ލަންކާ ފަދަ ގައުމުތަކާއި އޮތް ގުޅުމަށް ބުރޫއަރުވާލުމަށް ހަރަކާތްތަކެއް ފެށުން ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
މާރިޔާ ވިދާޅުވީ މި ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީހުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށެވެ.
މާރިޔާ ވިދާޅުވީ މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ، ދިވެހިރާއްޖޭގެ ގައުމީ ދިފާއާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކުރަމުންދާ މަސައްކަތްތަކަށް، ހުރަސް އެޅިގެންދާކަމަށެވެ
ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ބާރުތަކުގެ އެންމެ އިސް ފަރާތްތަކުން އެހެން ބުނެފައި ވާއިރު ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ފޮރިން މިނިސްޓްރީން ދިނީ އިއްޔެ އެވެ.
އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.
އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.
ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ނޮވެމްބަރު 30، 2021 ގައި ބާތިލް ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ގެ ޒިންމާ ނަންގަވައިފަ އެވެ.












