ލަންޑަން (ފެބްރުއަރީ 17) - މިދިޔަ މަހު ނިމިގެންދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ދެ ކުޅުންތެރިން ގެނައި ނަމަވެސް، އެ ޓްރާންސްފާގައި ޓޮޓެންހަމްގެ ސްކޮޑް ބަލިކަށިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިދިޔަ މަހު ޓޮޓެންހަމް އިން ވަނީ ޔުވެންޓަސްގެ ދެ ކުޅުންތެރިން ކަމަށްވާ ޑެޖާން ކުލުސެވްސްކީ އާއި ރޮޑްރީގޯ ބެންޓަކޫރް އެ ޓީމަށް ގެނެސްފަ އެވެ.
ޓޮޓެންހަމްގެ ޓަންގީ އެންޑޮމްބެލޭ އާއި ޖިއޮވާނީ ލޮ ސެލްސޯ ލޯނު އެއްބަސްވުމުގެ ދަށުން އެ ޓީމުން ދޫކޮށްލިއިރު، ޑެލޭ އަލީ ވަނީ އެވަޓަން އަށް ބަދަލުވެފަ އެވެ. އަދި ބްރައިޔަން ގިލް ވަނީ ވެލެންސިއާ އަށް ބަދަލުވެފަ އެވެ.
ކޮންޓޭ ބުނީ ޖެނުއަރީ ޓްރާންސްފާގައި މުހިންމު ހަތަރު ކުޅުންތެރިން ޓީމުން ދޫކޮށްލުމުން ސްކޮޑް "ބަލިކަށި"ވެފައިވާ ކަމަށެވެ.
"މުހިންމު ހަތަރު ކުޅުންތެރިން ދޫކޮށްލިއިރު ޓީމަށް އިތުރުވީ ދެ ކުޅުންތެރިން. އެހެންވީމަ، އަދަދުތަކަށް ބެލިޔަސް، ނޫނީ ސްކޮޑް ވަރުގަދަ ކުރަން ބެލިޔަސް މިހާރު ސްކޮޑް ބަލިކަށިވެފައިވާ ކަމަށް ބުނެވިދާނެ،" ކޮންޓޭ ބުންޏެވެ.
ނޮވެމްބަރު މަހުގެ ކުރީކޮޅު ޓޮޓެންހަމްގެ ކޯޗުކަމާ ކޮންޓޭ ހަވާލުވެ، ބަލިނުވެ ނުވަ މެޗު ފުރިހަމަކުރި އެވެ. އެކަމަކު ފަހަކަށް އަައިސް، ޓޮޓެންހަމްގެ ފޯމު ވަނީ ދަށްވެފަ އެވެ. ލީގުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެ، ޓޮޓެންހަމް ވަނީ ތާވަލްގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. ގަދަ ހަތަރެއްގެ ރޭހުގައި އޮތް ޓޮޓެންހަމް އަށް މިހާރު އޮތީ އެއް ފެންވަރެއްގައި ނަތީޖާ ނުނެރެވުމުގެ މައްސަލަ އެވެ.
ކޮންޓޭ ބުނީ ޓޮޓެންހަމްގެ ވިސްނުމަކީ އުންމީދީ ކުޅުންތެރިން ހޯދުން ކަމަށާއި އެ ވިސްނުމުގައި މައްސަލައެއް ނެތް ކަމަށެވެ.
"ރޯފިލާފައި ތިބި ކުޅުންތެރިން ހޯދުމުގެ ބަދަލުގައި ޓޮޓެންހަމް އިން ބޮޑަށް ވިސްނަނީ އުންމީދީ ކުޅުންތެރިން ގެންނަން. އެ ވިސްނުމުގައި މައްސަލައެއް ނެތް،" ކޮންޓޭ ބުންޏެވެ. -- ބީބީސީ












