ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އަހަރަކު 120 ޒުވާނުން ތަމްރީނުކުރުމަށް ޔޫތު މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ވަޒީފާއާ ގުޅުންހުރި މަސައްކަތްތަކަށް ލެވެލް ތިނެއްގެ ސަނަދު ލިބިގެންދާ ތަމްރީނު ޕްރޮގުރާމްތައް ހިންގުމަށް ދެ ފަރާތުން ސޮއިކުރި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ތަމްރީން ޕްރޮގްރާމްތަކަކީ، ނެޝަނަލް ސެޓްފިކެޓް ތިނަކުން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް ތިނަކުން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް ތިނަކުން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސާވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް ތިނަކުން ވޯޓާ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް އެވެ.
ފެނަކައިން ބުނީ މި ޕްރޮގްރާމްގެ ދަށުން، އަހަރަކު ޖުމްލަ 120 ފަރާތެއް ތަމްރީންވެގެން ދާނެ ކަމަށެވެ.
އެގޮތުން މި އެއްބަސްވުމާއެކު ޒުވާނުންނަށް ފަހިވެގެންދާ ފުރުސަތުތަކަކީ ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް އެޅިގެންދާ ބިންގަލެއް ކަމަށާއިސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް ޒުވާނުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންނަށް މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދާ މި ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" ތަކާއި އެއްގޮތަށެވެ.












