ޕެރިސް (ފެބްރުއަރީ 15) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ކުޅޭ މެޗަށް ޕީއެސްޖީގެ ނޭމާ ފިޓްވިކަމުގައި ވިޔަސް އެ ޓީމުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް އޭނާ ކުރިން ކުޅުނު ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނޭމާ މިހާރު އަންނަނީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ޓީމު ޓްރެއިނިންތަކުގައި ބައިވެރިވާން ފަށާފައިވާ ނޭމާ މިރޭ ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު އެބައޮތެވެ.
އެކަމަކު، ރެއާލް ދޫކޮށް މި ސީޒަނުގައި ޕީއެސްޖީއާ ގުޅުނު ރާމޯސް ހުރީ ފަޔަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އެހެންވެ، ރާމޯސް މިރޭގެ މެޗަށް ފިޓްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
ރެއާލަށް 16 އަހަރު ވަންދެން ކުޅުނު ރާމޯސް މި ފަހަރު ޕީއެސްޖީއާ ގުޅުނު ފަހުން އަދި ކުޅުނީ އެންމެ ފަސް މެޗެވެ. އެއީ ފްރެންޗް ލީގުގައި ހަތަރު މެޗާއި ކަޕްގައި އެއް މެޗެވެ. ޖެހީ އެންމެ ގޯލެކެވެ. ޕީއެސްޖީގެ އުންްމީދަކީ ޗެމްޕިއަންސް ލީގުގައި 129 މެޗު ކުޅެ، ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ތަޖުރިބާކާރު ޑިފެންޑަރު، ރާމޯސް ރެއާލާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގަށް ފިޓްވުމެވެ. ދެ ވަނަ ލެގު އޮތީ އަންނަ މަހު ނުވަ ވަނަ ދުވަހު އެވެ.
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ޓީމުން އެންމެ ބޭނުންވާ ތަށްޓަކީ ޗެމްޕިއަންސް ލީގުކަން އެއީ އެންމެންނަށް ފެންނަން އޮތް ހަގީގަތެއް ކަމަށާއި އޭނާ އެ ޓީމަށް ގެނެސް ހަވާލުކުރި އެންމެ ބޮޑު ޓާގެޓަކީ ވެސް އެއީ ކަމަށެވެ.
"މި ތަށި (ޗެމްޕިއަންސް ލީގު) ހޯދަން ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަތާ 50 އަހަރު ވެއްޖެ. އެހެންވީމަ އަހަރެމެންނަކީ ޗެލެންޖަރުން. ރެއާލަކީ މި މުބާރާތުގެ ޗެމްޕިއަންކަން 13 ފަހަރު ހޯދާފައި އޮތް ޓީމެއް. އެ މީހުންނަށް އެކަަމަށްޓަކައި އިހުތިރާމް ކުރަން ޖެހޭ. އެކަމަކު، ދަނޑުމަތީގައި އޮންނާނީ ވާދަވެރި ރޫހު. މޮޅުވާން ބޭނުން،" ޕޮޗެޓީނޯ ބުންޏެވެ.
ޕީއެސްޖީ އާއި ރެއާލް ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގެ ގުރު އަތުލުން ދެ ވަނަ ފަހަރަށް ބާއްވައިގެންނެވެ. ގުރުއަތުލުން ދެ ވަނަ ފަހަރަށް ބޭއްވީ ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ހެދި އެވެ. ފުރަތަމަ ގުރުއަތުލުމުގައި ޕީއެސްޖީ ކުޅެން ޖެހުނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. އެކަމަކު، ދެ ވަނަ ފަހަރު ގުރުއަތުލުމުން ޕީއެސްޖީން ކުޅޭނީ ރެއާލާ އެވެ.
މިހާތަނަށް ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ހަ މެޗުގެ ތެރެއިން ރެއާލް ތިން މެޗުން މޮޅުވިއިރު، ޕީއެސްޖީ އަށް ހަމައެކަނި ލިބުނު މޮޅަކީ 2019 ވަނަ އަހަރުގެ މުބާރާތުގައި ލިބުނު މޮޅެވެ. މި މެޗު ހާއްސަވާނެ ދެ ކުޅުންތެރިއަކީ ކުރިން ބާސެލޯނާގައި ހުރެ ރެއާލް ކޮޅަށް ގިނަ ގޯލު ޖެހި ލިއޮނަލް މެސީ އާއި އަންނަ ސީޒަނުގައި ރެއާލަށް ބަދަލުވާނެ ކަމަށް އަޑުފެތުރިފައިވާ ކީލިއަން އެމްބާޕޭ އަށެވެ.
ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ މިރޭ 1 ޖަހާއިރު އެވެ.












