ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ މީހަކަށް މިއަދު ތޫނު އެއްޗަކުން ހަމަލާދިނީ މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ މީހަކު ހުއްޓުވަން އުޅުމުން ކަމަށް އެޗްޑީސީން ހިޔާގެ ސެކިއުރިޓީ ކަންކަން ހަވާލުކޮށްފައިވާ ކުންފުނި، ވަށި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
މި ހަމަލާ ދިނީ މިއަދު މެންދުރު 1:15 ގައި ހިޔާ ފްލެޓްގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އަންހެން ސެކިއުރިޓީ އޮފިސަރަކަށެވެ. ފުލުހުން އަންނަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި، މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާކަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.
"މި ހާދިސާ ހިނގާފައިވަނީ އެވަގުތު މަސްތުވާތަކެތި ބޭނުންކުރަންމުންދިޔަ ފަރާތެއް ހުއްޓުވުމަށް މަސައްކަތް ކުރުމުންނެވެ. އަދި މިކަން ކޮށްފައިވަނީ ހިޔާގެ މިނަވަރުން އާންމުކޮށް ނުފެންނަ ފަރާތެއް ކަމަށް ސެކިއުރިޓީ އޮފިސަރު ވަނީ ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދީފައެވެ،" އެ މައްސަލައާ ގުޅިގެން ވަށި ކޮމްޕެނީން ނެރުނު ބަޔާނެއްގައިވެ އެވެ.
ހަމަލާ އަމާޒުވި މުވައްޒަފަށް ވަގުތުން ވަގުތަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި، ހަމަލާދިން މީހާގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ފުރުސަތުގައި، އަނިޔާ ލިބިފައިވާ އަންހެން ސެކިއުރިޓީ އޮފިސަރުގެ ހިއްވަރުގަދަކަމާއި ކުޅަދާނަކަން މިކުންފުނިން ފާހަގަކޮށް ސާބަސް ދެމެވެ. އަދި ހިޔާ ސަރަހައްދުގައި ހިނގަމުންދާ ގަވާއިދާ ހިލާފު އެންމެހާ ކަންކަން ހުއްޓުވައި، ވަގުތުން ވަގުތައް ފިޔަވަޅު އެޅުމަށް ވަނީ ކަމާބެހޭ ފަރާތްތަކާއެކު އިންތިޒާމުތައް ހަމަޖެހިފައެވެ،" އެ ބަޔާނުގައިވެ އެވެ.

ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެއީ، އެ ތަނުގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާތީ އެވެ.
ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގެ ދަށުން ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ އާއި ބޭސްމެންޓް ޕާކިން އޭރިއާ ބެލެހެއްޓުމަށް 24 ގަޑިއިރު ވެށި ކޮމްޕެނީގެ ސެކިއުރިޓީ ގާޑެއް ހަރަކާތްތެރިވާނެ އެވެ. އަދި ފްލެޓްތަކުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ މޮނީޓާކޮށް ހާދިސާއެއް ރިޕޯޓްކޮށްފި ނަމަ އެކަމަށް އެޓެންޑުވާނެ އެވެ.












