ޔޫކްރެއިން މައްސަލައިގައި ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކުގެ ގުޅުން ދުވަހަކަށް ވުރެ ދުވަހެއް ގޯސްވަމުންދާ މަންޒަރު އެބަ ފެނެ އެވެ. ޔޫކްރެއިން ހިފަން ރަޝިއާއިން ނިންމާފައިވާ ކަމަށް ހުޅަނގުން ގަބޫލު ކުރާއިރު، ރަޝިއާއިން އެ ވާހަކަ ދޮގުކުރެ އެވެ. އެކަމަކު ހަމަ އެ ނޭވާގައި ރަޝިއާއިން ދަނީ ޔޫކްރެއިން ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ނުހިމެނުމަށް ޝަރުތު ކުރަމުންނެވެ.
ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް ބޮން އަޅަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ނިންމަވައިފި ނަމަ، އެއީ އަވައްޓެރި ގައުމެއް އަޅުވެތިކޮށް، ގަދަބާރުން އެ ގައުމު ހިފުމުގެ އަމަލަކަށް ނޫނީ ނުވާނެ އެވެ. ޖާސޫސީ މައުލޫމާތަށް ބިނާކޮށް ހުޅަނގުގެ ގައުމުތަކުން އަންދާޒާ ކުރަނީ ހަމަލާ ދޭން ޕުޓިން ނިންމަވާފައިވާ ކަމަށެވެ. އެކަން ބޮޑު ކާރިސާއަކަށް ވާނީ ހަމައެކަނި ޔޫކްރެއިނަކަށް ނޫނެވެ.
ޔޫރަޕްގެ އިތުރުން މުޅި ދުނިޔެއަށް ވެސް އޭގެ ލޮޅުންތައް އަންނާނެ އެވެ. ވަކިވަކި ގައުމުތަކުގެ ރައްޔިތުންނާއި އިގްތިސާދަށް އަސަރު ކުރުމުގެ އިތުރުން، ދުނިޔޭގައި ކަންކަން ހިނގާ ނިޒާމަށް ވެސް އަސަރުތަކެއް ކުރާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެގޮތުން އެއީ ޑިމޮކްރަސީ އާއި މިނިވަން ކަމަށް އޮތް ހުރަހެއްގެ ގޮތުގައި އެނެލިސްޓުން ސިފަކުރެ އެވެ.
ޑިމޮކްރަސީއަށް ގޮންޖަހައި އަލުން "އޮކިއުޕޭޝަން"ގެ ވިސްނުން
ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން ހުދުމުހުތާރު ވެރިކަންތައް ނިމި، ލިބެރަލް ޑިމޮކްރަސީތައް ކުރިއަރާފައިވާ ނިޒާމު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. ފާއިތުވި 70 އަހަރު ދުނިޔޭގެ ގައުމުތަކުގައި ކަންކަން ބިނާވެފައިވާ ނިޒާމަކީ އެމެރިކާގެ ވިސްނުމާއި، އުސޫލާއި، ހަމަތަކުގެ މައްޗަށް ހެދިފައި އޮތް މޮޑަން ޑިމޮކްރަސީގެ ނިޒާމެވެ.
އެހެންކަމުން، އެމެރިކާ އާއި ހުޅަނގުގެ އިންޒާރުތަކަށް ބެލުމެއް ނެތި، އެ ނިޒާމަށް ގުޑުން އަރާ ފަދަ ފިޔަވަޅެއް ރަޝިއާ އިން އަޅައިފި ނަމަ، އޭގެ އަސަރު ހުރިހާ ގައުމަކަށް ވެސް ކުރާނެ އެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނޭ ގައުމުތައް.
އެކާވީސް ވަނަ ގަރުނުގެ ތެރޭގައި ބާރުގަދަ އަވައްޓެރި ގައުމަކުން އެއަށްވުރެ ކުޑަ، ޔޫރަޕްގެ އެހެން ގައުމެއް "އޮކިއުޕައިކޮށް" ހިފާނެ ކަމަށް ގަބޫލުރުކަމީ ދަތިކަމަށް ވެދާނެ އެވެ. ވަކިން ހާއްސަކޮށް، ހަނގުރާމަ އާއި ދުރުގައި ދިރިއުޅުން ބިނާކުރަމުންދާ މިލީނިއަމްގެ ޖެނެރޭޝަނަށް އެއީ ވިސްނައިގަންނަން ވެސް އުނދަގޫ ކަމަށް ވެދާނެ އެވެ.
ގިނަ ގައުމުތަކުގައި ބޮޑެތިވަމުންދާ އެ ޖީލުގެ މީހުންނަށް ހަނގުރާމަ އާއި "އޮކިއުޕޭޝަންގެ" ވާހަކަ އަޑު އިވި، ފެންނަނީ ފޮތްތަކާއި ފިލްމުތަކުންނެވެ. ބޮޑު ދެ ހަނގުރާމައަށް ފަހު އައި ފިނި ހަނގުރާމަ ވެސް ނިމި، ގައުމުތަކަށް ލިބުނު ސަލާމަތާއި ރައްކާތެރިކަން އުމުރަށް ދެމިއޮންނާނެ ކަމަށް ހީކުރުމަކީ ފަހަރުގައި ނުބައި ވިސްނުމަކަށް ވެދާނެ އެވެ.
މި ވަގުތު ރަޝިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގެ ގައުމުތަކުން، އެމެރިކާ އިސް ނަގައިގެން ހިންގާ ނޭޓޯ އަސްކަރީ ކޯލިޝަނާ ގުޅުން ފަހަކަށް އައިސް އިތުރުވެފައި ވުމެވެ. އެ ގައުމުތަކުން ދަނީ އީޔޫގެ މެމްބަރުކަން ހޯދައި، ލިބެރަލް ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ގާއިމް ކުރަމުންނެވެ. ރަޝިއާގެ އެންމެ ބޮޑު ޑިމާންޑަކީ ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ޔޫކްރެއިން ނުހިމެނުމެވެ.
titledesc
ބައެއް އެނެލިސްޓުން ދެކޭ ގޮތުގައި އިރުމަތީ ޔޫރަޕްގެ ގައުމުތައް ޑިމޮކްރަސީއަށް ބަދަލުވުމަކީ ރަޝިއާގެ ވެރިކަމުގެ ނިޒާމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޕުޓިން ދެކެވަޑައިގަންނަވަ އެވެ. ރަޝިއާއަކީ ފެޑެރަލް ޑިމޮކްރެޓިކް ދައުލަތެއް ނަމަވެސް، އެއީ ހުދުމުހުތާރު ގިނަ ސިފަތަކެއް އެކުލެވޭ "ޑިކްޓޭޓާޝިޕެއް"ގެ ގޮތުގައި ބައެއް އެނެލިސްޓުން ސިފަކުރެ އެވެ.
ދެހާސް ވަނަ އަހަރުން ފެށިގެން ރަޝިއާގެ ލީޑަރަކީ ޕުޓިން އެވެ. ބޮޑު ވަޒީރުގެ ގޮތުގައި ވެރިކަމަށް ވަޑައިގެން، ފަހުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ގާނޫނަށް ބަދަލު ގެނެސް، ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތް ހަދާފައިވާ އިރު، އިދިކޮޅު ފިކުރާއި އަޑު އަދި މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމަކީ ރަޝިއާގައި މާ ފަސޭހަ ކަންކަމެއް ނޫނެވެ.
ޗައިނާއިން ދަނީ ގާތުން މަންޒަރު ބަލަމުން
ޔޫކްރެއިން މައްސަލައިގައި ރަޝިއާ އަމަލު ކުރާ ގޮތަކަށް އެންމެ ބޮޑަށް ކަޅި އަޅަމުންދާނެ ދުނިޔޭގެ ލީޑަރަކީ ޝައްކެއް ނެތް ގޮތިގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އެވެ.
ޗައިނާ އާއި ވަކިން އަމިއްލަ ދައުލަތެއްގެ ގޮތުގައި ވެރިކަން ކުރަމުންދާ ޓައިވާނަކީ ޗައިނާގެ ބަޔެއްގެ ގޮތުގައި ޗައިނާ ސަރުކާރުން ދެކެ އެވެ. އެހެންކަމުން ޔޫކްރެއިންގެ ހާލަތުން ޗައިނާއިން ޓައިވާނާ މެދު އަމަލު ކުރާނެ ގޮތެއްގެ ސްޓްރެޓެޖީ ކަނޑައެޅުމަކީ އެކަށީގެންވާ ކަމެކެވެ.
މިދިޔަ ޖޫން މަހު ޖީ7 ގެ ބައްދަލުވުމަށް އިނގިރޭސިވިލާތަށް ވަޑައިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ފާހަގަކުރެއްވީ އެކަމެވެ. އެގޮތުން ދުނިޔެ އޮތީ "ތާރީހުގައި މުހިއްމު ހިސާބަކަށް ހުއްޓިފައި" ކަމަށް ވިދާޅުވެ، ޗައިނާ އާއި ރަޝިއާގެ ހުދުމުހުތާރު ވެރިކަންތަކާ ދެކޮޅަށް ޑިމޮކްރެޓިކް ގައުމުތަކުން އެއްބައިވުމަށް ބާރު އެޅުއްވި އެވެ.

ޗައިނާ އަދި ޓައިވާން.
އެކަމަކު އޭގެ ފަހުން ވެސް ޑިމޮކްރެޓިކް ގައުމުތައް އެއްބައިވެގެން އެއްވެސް ކަމެއް ކުރި ތަނެއް ފެންނާކަށް ނެތެވެ. ޔޫކްރެއިން މައްސަލަ ދިޔައީ ގޯހުން ގޯހަށެވެ. ޓައިވާނަށް އޮތް ނުރައްކާ ވެސް ކުޑައެއް ނުވެ އެވެ. ބައެއް އެނެލިސްޓުން ދެކޭ ގޮތުގައި އެއް ބާވަތުގެ މި ދެ މައްސަލައިގައި ވެސް އެމެރިކާގެ ބަހާއި އަމަލު ހުންނަ ގޮތުން ހާލަތު ގޯސްވުމަށް މަގުފަހިވާ ކަމަށް ބެލެވިދާނެ އެވެ.
ރަޝިއާއިން ޔޫކްރެއިނަށް ހަމަލާއެއް ދިން ނަމަވެސް، ހުޅަނގުން އޮތީ ރައްދުގައި ހަމަލާ ދޭން ތައްޔާރަކަށް ނޫނެވެ. އެއާ ހިލާފަށް ހުޅަނގުގެ ގައުމުތަކުން ބުނަމުން ދަނީ ރަޝިއާއަށް ރައްދު ދޭނީ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތަކެއް އަޅާއި، އެކަހެރިކޮށްގެން ކަމަށެވެ.
އެހެންކަމުން ރަޝިއާއިން އަމަލު ކުރާ ގޮތަކާއި ރައްދުގައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނުކުންނަ ނަތީޖާ އެންމެ މުހިއްމު އެއް ގައުމަކީ ޗައިނާ އެވެ. ޔޫކްރެއިންގައި ހަނގުރާމައެއް ފަށައިފި ނަމަ "ޑޮމިނޯ އިފެކްޓެއް" އައިސް އޭޝިއާގެ އެންމެ ބާރުގަދަ އެއް ގައުމުން ވެސް ހަނގުރާމައަކަށް މިސްރާބު ޖެހުމުގެ ފުރުސަތު އެބަ އޮތެވެ.
ހަނގުރާމައެއް ފަށައިފި ނަމަ ހީވެސްނުކުރާހާ ބޮޑެތި ގެއްލުންތަކެއް ރާއްޖެއަށް
ޔޫކްރެއިންގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ހާސްކަން ހާމަކޮށްފައި ވަނިކޮށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމައަކުން ރާއްޖެ އާއި ދިވެހިންނަށް ކުރާނެ އަސަރާ މެދު ވިސްނައި ތައްޔާރުވުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ޔޫކްރެއިންގައި މިވަގުތު 50 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދެ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މޮނީޓާކުރުމަށް ދިވެހި ދަރިވަރުންނާ މުއާމަލާތު ކުރުމަށް ވަޓްސްއެޕް ގުރޫޕެއް ހަދައިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކަންބޮޑުވުމުގައި ފާހަގަކުރެއްވީ ހަނގުރާމައެއް ފަށައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރޭގައި ޔޫކްރެއިނާއި ރަޝިއާގެ ރައްޔިތުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރަޝިއާ އަކީ މިއަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ފޮނުވި ގައުމެވެ. އަހަރުގެ މިހާތަނަށް އެގައުމުން 28،468 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ޔޫކްރެއިން އޮތީ 6،503 ޓޫރިސްޓުންނާއެކު މި ލިސްޓުގެ ހަތްވަނައިގަ އެވެ.
މިދިޔަ އަހަރު ޝާއިއުކުރި ފަތުރުވެރިކަމާ ބެހޭ އަހަރާ ރިޕޯޓުގައިވާ ގޮތުން ފާއިތުވި 10 އަހަރު ވެސް ރާއްޖެ ޒިޔާރަތް ކުރާ ރަޝިއާ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ވެސް ރަޝިއާއިން ރާއްޖެ އަންނަ މީހުންގެ އަދަދު އުޅުނީ 60،000 އިން މަތީގަ އެވެ.

2016-2022 އަށް ރަޝިއާގެ ފަތުރުވެރިން ރާއްޖެ އައި ގޮތުގެ ޓްރެންޑް.
"ރަޝިއާގެ މާކެޓަކީ ރާއްޖެއަށް އަންނަ ބަދަލުތަކަށް ނުގުޑާ ފަދަ މާކެޓެއް. 2020 ވަނަ އަހަރު ފަދަ ގޮންޖެހުންތައް ގިނަ އަހަރެއްގައި ވެސް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް ވެސް ރަޝިއާގެ ފަތުރުވެރިން ހުއްޓުމެއް ނެތި ޒިޔާރަތް ކުރި. އަލުން ބޯޑަރުތައް ހުޅުވުމާ އެކު ފަތުރުވެރިކަން ރިކަވާ ކުރުމަށް ވެސް ރަޝިއާއިން ބޮޑު ދައުރެއް އަދާކުރި،" އެ ރިޕޯޓުގައިވެ އެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ 10 ގައުމުގެ ލިސްޓަށް ޔޫކްރެއިން ފުރަތަމަ ފަހަރަށް އެރީ 2020 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމާ އެކު ޔޫކްރެއިން ފާހަގަވީ މުޅިން އަލަށް ފުޅާވަމުން ދިޔަ މާކެޓެއްގެ ގޮތުގަ އެވެ.
އެހެންކަމުން, ޔޫކްރެއިންގެ މަޝްރޫހު ހޫނުވެގެން ގޮސްފިނަމަ, އޭގެ ސީދާ އަސަރު ރާއްޖޭގެ ޓޫރިޒަމަށްކުރާނެ އެވެ. ޔޫރަޕްގެ ހަނގުރާމައިގެ ބޯވިލާގަނޑުގެ އަސަރުން ރާއްޖެ ވެސް ނެއްޓި ނުދާނެ އެވެ.












