ބާސެލޯނާ (ފެބްރުއަރީ 14) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ލޫކް ޑި ޔޯން ޖެހި ލަނޑުން އެސްޕަންޔޯލް އަތުން ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ. އެސްޕަންޔޯލާއި ބާސެލޯނާގެ ކުރިމަތިލުން ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މި މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ވެސް ބާސެލޯނާ ވަނީ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ފަސް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ދެ ޓީމުން ވެސް 23 މެޗުން ވަނީ 39 ޕޮއިންޓް ހޯދައިފަ އެވެ.
އެސްޕަންޔޯލް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ މިނިޓް ތެރޭ ޕެޑްރީ ގޮންޒާލޭޒް ބާސެލޯނާ އަށް ލީޑުނަގައިދިނީ ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުންނެވެ. މެޗުގެ 36 ވަނަ މިނިޓްގައި ބާސެލޯނާގެ އެޑަމާ ޓްރައޯރޭ އޭރިއާތެރެއިން ޖެހި ބާރު ބޯޅަ އެސްޕަންޔޯލް ގޯލުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރުު ޑިއޭގޯ ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 40 ވަނަ މިނިޓްގައި އެސްޕަންޔޯލްގެ ރައުލް ޑެ ޓޯމާސް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، ސާޖީ ޑާޑޭ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް މެޗުގެ 64 ވަނަ މިނިޓްގައި ޑާޑޭ ދިން ބޯޅައެއް މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާތެެރެއިން ރައުލް ޑެ ޓޯމާސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އެސްޕަންޔޯލަށް ކުރި ހޯދައިދީފަ އެވެ.
އިތުރު ވަގުތުގެ ހަ ވަނަ މިނޓްގައި ލޫކް ޑި ޔޯން ބާސެލޯނާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބޮލުންނެވެ. އޭރިއާތެރެއަށް ޓްރައޯރޭ ހުރަސްކޮށްލި ބޯޅަ ލޫކް ޑި ޔޯން ވަނީ ހަމަޖެހިލާފައި ބޮލުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.
މި މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ޖެރާޑް ޕީކޭ އާއި އެސްޕަންޔޯލްގެ ނިކޯ މެލަމެޑް އާއި މާނޫ މޮލާނޭސް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެސްޕަންޔޯލުން 2009 ވަނަ އަހަރުގެ ފަހުން ބާސެލޯނާ ބަލިކުރަން ކުރި މަސައްކަތް ނާކާމިޔާބުވީ ދެ ރަތް ކާޑު ދެއްކުމުގެ ސަބަބުން ކަމަށް އެ ޓީމުގެ ކޯޗު ވިސެންޓޭ މޮރޭނޯ ވަނީ ބުނެފަ އެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އެ ޓީމުން ބޭނުންވާ ލެވަލަށް އެންމެ މޮޅަށް ނުކުޅެވުނު ކަމުގައި ވިޔަސް މި މެޗުން މޮޅެއް ހައްގުވާ ފެންވަރުގެ ކުޅުމެއް ކުުޅުނު ކަމަށެވެ. އަދި ބަލިނުވެ ސަލާމަތްވީ ފަހު ވަގުތާ ހަމައަށް ފޯކަސް ގެއްލުވާނުލައި ކުރި މަސައްކަތުން ކަން ޒަވީ ވަނީ ފާހަގަކޮށްފަ އެވެ.
ލީގުގެ ތިން ވަނައިގައި އޮތް ރެއާލް ބެޓިސް ވަނީ ރޭ ރަށުންބޭރުގައި ލެވަންޓޭ އަތުން 4-2 އިން މޮޅުވެފަ އެވެ. ހަ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ ގްރަނާޑާ 2-0 އިން ބަލިކޮށްފަ އެވެ.












