ލަންޑަން (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ހަނި ފަރަގަކުން ބާންލީ އަތުން 1-0 އިން ލިވަޕޫލުން މުހިންމު މޮޅެއް ހޯދިއިރު، އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 2-0 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާސްއާ ހަވާލުވެ ހުރި ކޯޗު އެންޓޯނިއޯ ކޮންޓޭ ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ކޮންޓޭ، ޓޮޓެންހަމް ގޮވައިގެން އެންމެ ފަހުން ލީގުގައި ނުކުތް ތިން މެޗުން ވެސް ބަލިވެފައިވާއިރު، މިއީ 2009 ވަނަ އަހަރުގެ ފަހުން ކޮންޓޭ ހުރި ޓީމެއް ލީގެއްގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
އިޓަލީ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ކޮންޓޭ އަކީ މީގެ ކުރިން އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާން އަދި އިންގްލެންޑްގެ ޗެލްސީ އަށް ލީގު ހޯދައިދިން ކޯޗެކެެވެ. އެކަމަކު، މިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމާ ހަވާލުވެ، ރަނގަޅު ނަތީޖާތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ނެރެވޭ ގޮތް އަދި އޮތީ ނުވެ އެވެ.
ލިވަޕޫލުން މިރޭ އުނދަގުލުން މޮޅުވެ، ވަނީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ލީޑު ނުވަ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ސިޓީ އަށް 25 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ލިބިފައިވަނީ 24 މެޗުން 54 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ފަހު ވަގުތު ލެސްޓާ ސިޓީއާ 2-2 އިން އެއްވަރުކުރި ވެސްޓް ހޭމް ޔުނައިޓެޑް ވަނީ 25 މެޗުން 41 ޕޮއިންޓް ހޯދައިފަ އެވެ.
ރެލިގޭޝަނުގައި އޮތް ބާންލީން މިރޭ ވަނީ ލިވަޕޫލް ހާސްކޮށްލައިފަ އެވެ. ބާންލީގެ ވައުޓް ވެގްހޯސްޓާއި ޖޭ ރޮޑްރިގޭޒަށް ލިވަޕޫލްގެ ގޯލަށް ޖަހަން ލިބުނު ހުސް ފުރުސަތުތައް ހުއްޓުވީ އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސްގެ (އެފްކޮން)ގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސަޑިއޯ މާނޭ އެ މުބާރާތަށް ފަހު ލިވަޕޫލް ފުރަތަމަ އެގާރައިގައި ފުރަތަމަ ފަހަރަށް ކުޅުނު މި މެޗުގައި އޭނާ ގޯލު ޖަހަން ބޮލުން ފޮނުވާލި ބޯޅަ ބާންލީގެ ކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލުން މެޗުގެ 40 ވަނަ މިނިޓްގައި މެޗުން މޮޅުވި ގޯލު ޖެހިއިރު، އެ ލަނޑުގައި މާނޭގެ ހިއްސާ އެބައޮތެެވެ. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ކޯނަރަކުން ނެގި ބޯޅަ މާނޭ ބޮލުން ޖައްސާލުމުން ފަބީނިއޯ ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ޕޯޕް އަތުގައި ޖެހިފައި ނުކުތް ވަގުތު ފަބީނިއޯ ވަނީ ގޯލަށް ވައްދާލައިފަ އެވެ. މި އަހަރު ފެށި ފަހުން ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިިދިނީ މި އަހަރު ކުޅުނު ނުވަ މެޗުން ފަސް ގޯލު ޖެހި ފަބީނިއޯ އެވެ.
ދެ ވަނަ ހާފްގައި ބާންލީ އާއި ލިވަޕޫލުން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކޮންޓޭ ޓޮޓެންހަމް ކުޅުންތެރިންނަށް ބުނެދެނީ.
ވުލްވްސް އިން ޓޮޓެންހަމް ދަނޑުގައި މޮޅުވީ މެޗުގެ ފުރަތަމަ 18 މިނިޓް ތެރޭ ޖެހި ދެ ގޯލުންނެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސް އަތުގައި ޖެހިފައި އައި ރީބައުންސް ބޯޅައެއް ހަމަޖެހިލާފައި ގޯލަށް ފޮނުވާލައި ވުލްވްސްގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް އެ ޓީމަށް ލީޑުނަގައިދިނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ލެއޮންޑާ ޑެންޑޮންކާ ވަނީ ވުލްވްސްގެ ލީޑުފުޅާކޮށްދީފަ އެވެ.
ޓޮޓެންހަމް އިން މި މެޗުގައި ގޯލެއް ޖެހޭތޯ ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. ވުލްވްސް އިން ވަރަށް ރަނގަޅަށް ޑިފެންސްކުރި އެވެ.
މިރޭގެ މޮޅާ އެކު ވުލްވްސް ވަނި ހަތް ވަނަ އަށް ޖެހިލައިފަ އެވެ. ފަސް ވަނައިގައި އޮތީ 24 މެޗުން 40 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އެވެ. ހަ ވަނައިގައި އޮތް އާސެނަލަށް 22 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ވުލްވްސް ހަތް ވަނަ އަށް އެރީ 23 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. އަށް. ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 22 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ.
މި ވަގުތު ރަނގަޅު ޓްރެކުގައި އޮތް ނިއުކާސަލް ޔުނައިޓެޑުން މިރޭ ވަނީ 1-0 އިން ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ އެސްޓަން ވިލާ ބަލިކޮށްފަ އެވެ. ކިއެރަން ޓްރިޕިއޭ ޖެހި ހިލޭ ޖެހުމުން ނިއުކާސަލް މޮޅުވި މި މެޗުގައި އޮލީ ވަޓްކިންސް ވަނީ ދެ ވަނަ ހާފުގައި އެސްޓަން ވިލާ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލިއިރު، ވަޓްކިންސް އޮފްސައިޑް ކަމަށް ދެއްކުމުން މެޗުގެ ރެފްރީ ކްރެއިގް ޕޯސަން ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ.
މި މޮޅާ އެކު ނިއުކާސަލް ވަނީ ރެލިގޭޝަން ޒޯނާ ހަތަރު ޕޮއިންޓް ދުރަށް ޖެހިލައިފަ އެވެ. ނިއުކާސަލް 17 ވަނައިގައި އޮތީ 23 މެޗުން 21 ޕޮއިންޓާ އެކު އެވެ. ލީގުގެ 18 ވަނައިގައި އޮތް ނޮރިޗް ސިޓީ އަށް 24 މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، 19 ވަނައިގައި އޮތް ވަޓްފޯޑަށް 23 މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ބާންލީ އަށް 21 މެޗުން ލިބުނީ އެންމެ 14 ޕޮއިންޓެވެ. މިއީ ލީގެއްގެ 21 މެޗެއް ކުޅުމަށް ފަހު ބާންލީ އަށް އެންމެ މަދުން ޕޮއިންޓް ލިބުނު ފަހަރެވެ.












