މެންޗެސްޓާ ޔުނައިޓެޑަށް އުފަލެއް ނެތް، މެންޗެސްޓާ ސިޓީ ލީޑުފުޅާކޮށް ހިތްހަމަޖެހިގެން

Feb 12, 2022, 8:05 PM
ޔުނައިޓެޑްގެ ތަރި ރޮނާލްޑޯ: ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ގޯލެއް ނުޖެހޭ.

ޔުނައިޓެޑްގެ ތަރި ރޮނާލްޑޯ: ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ގޯލެއް ނުޖެހޭ.

މެންޗެސްޓާ (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 1-1 އިން ސައުތެމްޓަނާ އެއްވަރުވެ ގަދަ ހަތަރެއްގެ ރޭހުގައި ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާއިރު، މެންޗެސްޓާ ސިޓީން ރެލިގޭޝަން ޒޯނުގައި އޮތް ނޮރިޗް ސިޓީ 4-0 އިން ބަލިކޮށް ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 25 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ޗެލްސީ ތިން ވަަނައިގައި 24 މެޗުން 47 ޕޮއިންޓާ އެކު އޮތްއިރު، ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 24 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަަނައިގައި އޮތް ޔުނައިޓެޑަށް ވެސް 24 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް އާސެނަލާއި ހަތް ވަނައިގައި އޮތް ޓޮޓެންހަމްގެ މެޗު މަދެވެ. އާސެނަލަށް 22 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ. ޓޮޓެންހަމަށް 21 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. އާސެނަލާއި ޓޮޓެންހަމުން މެޗު ހަމަކުރާއިރު، ޔުނައިޓެޑަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ފަހުން އެފްއޭ ކަޕްގައި މިޑްލްސްބަރާއާ ދެކޮޅަށް ކުޅުނު މެޗާއި ޕްރިމިއާ ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް ޔުނައިޓެޑުން މިރޭ ވެސް ފުރަތަމަ ހާފުގައި ލީޑުނެގި އެވެ. މެޗުގެ 21 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް ހުސްކޮށްލާފައި ދިން ބޯޅަ ޖޭޑަން ސަންޗޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ކުރިން މެޗުގައި ބާންލީއާ ދެކޮޅަށް ހެދި ގޯސް ޔުނައިޓެޑްގެ ޑިފެންޑަރުން މި މެޗުގައި ވެސް ތަކުރާރުކުރި އެވެ. ދެ ވަނަ ހާފް ފެށިތަނުން ޔުނައިޓެޑް ފަހަތުން ފަރުވާކުޑަ ކޮށްލުމުން އޭގެ ފައިދާ ސައުތެމްޓަނުން ނެގި އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ސައުތެމްޓަނަށް އެއްވަރުކޮށްދިނީ ޗޭ އެޑަމްސް އެވެ. ސައުތެމްޓަން މޮޅުކޮށްދޭން އެ ޓީމުގެ އަރްމާންޑޯ ބްރޯޖާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ލިބުނު ފުރުސަތު ނަގާލިއިރު، ދެ ވަނަ ހާފްގައި ގޯލެއް ޖެހި ނަމަވެސް އެ ގޯލު ބަލައިނުގަތީ އޮފްސައިޑް ވުމުންނެވެ. ރޮނާލްޑޯ މި ވަނީ އޭނާގެ ކްލަބް ކެރިއަރުގައި 2009 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ފަސް މެޗުން ގޯލެއް ނުޖެހި ނިންމާލައިފަ އެވެ.

ސިޓީގެ ސްޓާލިން (ވ) ނޮރިޗްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.

ނޮރިޗް ދަނޑުގައި މިރޭ އެ ޓީމުން ސިޓީ ކޮޅަށް ލީޑުނެގޭތޯ ރަނގަޅު ހަމަލާއެއް އުފެއްދި އެވެ. ނޮރިޗްގެ ކެޕްޓަން ގްރޭންޓް ހަންލީ ބޮލުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ސިޓީން މިރޭ މޮޅުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ހެޓްރިކެއް ހެދި ރަހީމް ސްޓާލިން އަށެވެ. މެޗުގެ 31 ވަނަ މިނިޓްގައި ސްޓާލިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ސިޓީގެ ފިލް ފޯޑެން ޖެހި ބޯޅައެއް ގޯލު ރޮނގު ހުރަސްކުރިކަން ގޯލްލައިން ޓެކްނޮލޮޖީން ކަށަވަރު ކޮށްދިނުމުން އެ ގޯލާ އެކު ސިޓީން ލީޑުފުޅާކުރި އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ސިޓީގެ ރުބެން ޑިއާޒް ހުސްކޮށްލާފައި ދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި ސްޓާލިން އޭނާގެ ދެ ވަނަ ގޯލު ޖަހައި ސިޓީގެ ލީޑު ތިން ގޯލަށް ފުޅާކުރި އެވެ. މެޗުގެ އިތުރު ވަގުތުގައި ސްޓާލިން ތިން ވަނަ ގޯލު ޖަހައި، ކްލަބް ލެވަލްގައި އޭނާގެ ހަ ވަނަ ހެޓްރިކް ފުރިހަަމަކުރި އެވެ. މި ގޯލަކީ ޕެނަލްޓީ އަކުން ސްޓާލިން ފޮނުވާލި ބޯޅަ ނޮރިޗްގެ ކީޕަރު އެންގަސް ގަން އަތުގައި ޖެހިފައި ނުކުތުމުން ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން ސްޓާލިން ޖެހި ގޯލެކެވެ.

ލީގުގައި މިރޭ އެވަޓަން އިން ވަނީ 3-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މިއީ ދާދި ފަހުން އެވަޓަންގެ ކޯޗުކަމާ ހަވާލުވި ފްރޭންކް ލަމްޕާޑަށް ލީގުގައި އެޓީމު ގޮވައިގެން ހޯދުނު ފުރަތަމަ މޮޅެވެ. ލަމްޕާޑް ކޯޗުކޮށްދިން ފުރަަތަމަ މެޗުގައި އެފްއޭ ކަޕްގައި އެވަޓަން އިން ބްރެންޓްފޯޑް ބަލިކުރި އެވެ. އެކަމަކު، ޕްރިމިއާ ލީގުގައި އެވަޓަން ގޮވައިގެން ލަމްޕާޑް ނުކުތް ފުރަތަމަ މެޗުން ނިއުކާސަލް ޔުނައިޓެޑް އަތުން ވީ ބައްޔެވެ.

ރޯއީ ހޮޖްސަން، ވަޓްފޯޑާ އެކު އެ ޓީމު ދަނޑުގައި ލީގުގައި ފުރަތަމަ ފަހަރަށް މިރޭ މެޗެއް ކުޅުނުއިރު، ވަޓްފޯޑް ވަނީ 2-0 އިން ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަތުން ބަލިވެފަ އެވެ. ކްރިސްޓިއަން އެރިކްސަން ބްރެންޓްފޯޑް ކުޅުންތެރިއެއްގެ ގޮތުގައި މިރޭ އެ ކްލަބްގެ ސަޕޯޓަރުންނަށް ތައާރަފްކުރި އެވެ. އެރިކްސަން މި މެޗުގައި ނުކުޅެ އެވެ. ބްރެންޓްފޯޑް ވަނީ މިރޭގެ މެޗުން ލަނޑެއް ނުޖެހި ކްރިސްޓަލް ޕެލަސްއާ 0-0 އިން އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox