މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އޮންލައިންކޮށް ގަނެގެން، ރާއްޖައިން ބޭރަށް ދަތުރުކުރުމަށް ކޮންމެ ހަފުތާއަކު ދެ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ބުނި ގޮތުގައި މިއަދު ފެށި ޕްރޮމޯޝަންގައި ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ކޮންމެ ހަފުތާއަކު ވެސް ނަސީބުވެރިން ހޮވާނެ އެވެ. ނަސީބުވެރިން ހޮވާނީ އެ ކުންފުނީގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް ޑޮމެސްޓިކް ޓިކެޓް ގަންނަ ފަރާތްތަކުގެ މެދުގަ އެވެ.
މި ޕްރޮމޯޝަންގެ ބޭނުމަކީ އޮންލައިންކޮށް ޓިކެޓް ގަތުމަށް އަހުލުވެރި ކުރުވުން، މޯލްޑިވިއަންގެ އެޕް ނޫނީ ވެބްސައިޓުން ޓިކެޓް ގަތީމަ ކިޔުގައި ހުންނާކަށް ވެސް ނުޖެހޭނެ، ކޮވިޑްގެ ހާލަތަށް ބަލާއިރު ވެސް އެ ގޮތް ރައްކާތެރި،" ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި ކޮންމެ ހަފުތާއެއްގެ ނަސީބު ވެރިންނަށް، މޯލްޑިވިއަން އިން ދަތުރުކުރާ ބޭރުގެ ކޮންމެ ވެސް އެއް މަންޒިލަކަށް ދަތުރުކުރުމަށް ދެ މީހަކަށް ދެކޮޅު ޓިކެޓް ލިބޭނެ އެވެ. އެ މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ، ބަންގުލަދޭޝްގެ ޑާކާ އާއި، އިންޑިޔާގެ ކޮޗިން އަދި ޓްރިވަންޑްރަމް އެވެ.
ރާއްޖާގެ ގައުމީ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އިތުރުން އެތެރޭގެ 16 އެއާޕޯޓަކަށް ޝެޑިއުލް ދަތުރުތައް ކުރެ އެވެ. އަދި ބޭރުގެ މަންޒިލްތަކުގެ ޓިކެޓް ވެސް މޯލްޑިވިއަން އިން އޮންލައިންކޮށް ވިއްކަ އެވެ.









