ރަޝިއާއިން "ކޮންމެ ވަގުތަކު" ވެސް ޔޫކްރެއިނަށް އަރާފާނެ ކަމަށާއި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެމެރިކާ ރައްޔިތުން ޔޫކްރެއިނުން ފޭބުމަށް އިލްތިމާސް ކުރާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ވައިޓް ހައުސްއިން ހުކުރު ދުވަހު ބުނީ ރަޝިއާއިން ޔޫކްރެއިނަށް އެރުމުގެ ގޮތުން އެންމެ ފުރަތަމަ ވައިގެ ސަރަހައްދަށް އެތެރެވެ ބޮން އަޅާނެ ކަމަށް ބެލެވެ އެވެ. އެހެން މެދުވެރިވެއްޖެ ނަމަ ޔޫކްރެއިން ދޫކޮށް ދާން އުނދަގޫ ވާނެ ކަމަށާއި ފުރާނަ ނުރައްކަލަށް ހުށަހެޅޭނެ ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.
ރަޝިއާގެ 100،000 އަށް ވުރެ ގިނަ ސިފައިން ޔޫކްރެއިން ބޯޑަރު ކައިރީގައި ތިބި ނަމަވެސް، ޔޫކްރެއިނަށް އަރަން ނޫޅޭ ކަމަށް ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ވަނީ ޔޫކްރެއިނުގައި ތިބި ރައްޔިތުން އަވަހަށް ފުރުމަށް އިލްތިމާސްކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތް، ކެނެޑާ، ނެދަލޭންޑްސް، ލެޓްވިއާ، ޖަޕާން އަދި ދެކުނު ކޮރެއާ ހިމެނެ އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީން ހުޅަނގުގެ ގައުމުތަކަށް ތުހުމަތު ކުރީ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން މީގެ ކުރިން ވިދާޅުވީ ރަޝިއާއިން ޔޫކްރެއިނަށް އަރައިފި ނަމަ، އެމެރިކާ ރައްޔިތުން ސަލާމަތް ކުރަން ސިފައިން ނުފޮނުވާނެ ކަމަށެވެ.
ހުކުރު ދުވަހު ބައިޑެން އާއި ހުޅަނގުގެ އެހެން ގައުމުތަކުގެ ވީޑިއޯ ކޯލެއްގައި އެއްބަސްވީ ރަޝިއާއިން ޔޫކްރެއިނަށް އަރައިފި ނަމަ، އިގްތިސާދީ ގޮތުން ރަޝިއާ ބަލިކަށިވާނެ ފަދަ ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށެވެ.










