ލަންޑަން (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ކާޓް ޒޫމާ، އޮޅުކޮށްގެން ގެންގުޅޭ ބުޅަލަކަށް އަނިޔާކުރި މައްސަލަ ހޫނުވެ، އޭނާ ޖޫރިމަނާކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ހަލުވިކަމާ އެކު ދައުރުވަމުްނ އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ޒޫމާ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ދެ ބުޅަލުގެ ތެރެއިން އެއް ބުޅަލަށް އަނިޔާކުރާތަން ފެނެ އެވެ. އެ ގޮތުން ފައިން ޖަހައި، ބުޅަލަށް އެނގި ގޮތްގޮތުން އިހާނެތިކޮށް ހިތާ ދައްކަ ފެނެ އެވެ. މިއީ ޒޫމާގެ ކޮއްކޮ އެއް ސްނެޕްޗެޓަށް ލުމުން ވައިރަލްވި ވީޑިއޯ އެކެވެ. އެ މައްސަލައިގައި ޒޫމާ މައާފަށް އެދުނު ނަމަވެސް އެކި ފަރާތްތަކުން ޒޫމާއާ މެދު އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ފްރާންސްގައި ޖަނަވާރުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ބްރިޖިޓް ބާޑޮޓްގެ ފައުންޑޭޝަނުން މި ކަމުގައި އިސްނަގައި މައްސަލަ ހިންގަން ފެށި އެވެ. އެ ފައުންޑޭޝަނުން ވަނީ މައްސަލަ ރިޕޯޓްކޮށް އިނގިރޭސި ފުލުހުން މެދުވެރިކޮށް ރޯޔަލް ސޮސައިޓީ ފޯ ދަ ޕްރިވެންޝަން އޮފް ކްރުއެލްޓީ ޓު އެނިމަލްސް (އާރްއެސްޕީސީއޭ) އިން ބައިވެރިކޮށްގެން މައްސަލައިގެ ތަހުގީގެއް ފަށައިފަ އެވެ.
އެ ގޮތުން އާރްއެސްޕީއޭއިން ވަނީ ޒޫމާގެ ދެ ބުޅާ ވެސް އެކި ތަހުލީލުތައް ކުރަން އެ ޖަމިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ އެޑިޑާސް ކުންފުނިން ސްޕޮންސަކުރާ ކުޅުންތެރިން ހިމެނޭ އެމްބަސަޑާޝިޕް ދަފްތަރުން ޒޫމާގެ ނަން ވަނީ އުނިކޮށްފަ އެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ޒޫމާ ޖޫރިމަނާކޮށްފަ އެވެ. ޒޫމާގެ ޖޫރިމަނާގެ ގޮތުގައި އައީ ދެ ހަފްތާ އަށް މުސާރަ ނުލިބޭ ސަސްޕެންޝަނެކެވެ. ޖުމްލަ އަދަދަކީ 340،000 ޑޮލަރު އެވެ. މި ފައިސާ ޖަނަވާރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ބައިވެރިވާ ޖަމިއްޔާތަކަށް ޗެރިޓީގެ ގޮތުގައި ދޭން ވަނީ ނިންމައިފަ އެވެ.
މި މައްސަަލައިގައި ފާޑުކިޔުންތައް އަމާޒުވެފައި އޮއްވައި، ވެސްޓް ހޭމް އިން ވަނީ އަންގާރަ ދުވަހުގެ ރޭ ވަޓްފޯޑާ އަތުން މޮޅުވި މެޗުގައި ޒޫމާ ފުރަތަމަ އެގާރައިގައި ކުޅެން ނެރެފަ އެވެ. އެ މެޗުގައި ޒޫމާ ބޭނުންކުރީ އޭނާ ރަސްމީކޮށް މާފަށް އެދިފައިވާތީ ކަމަށް ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް ވަނީ ބުނެފަ އެވެ.
އެކަމަކު، އެ މެޗުގައި ވެސްޓް ހޭމް އާއި ވަޓްފޯޑްގެ ސަޕޯޓަރުން ވަނީ ޒޫމާއާ ދިމާކޮށްލައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތައް ފެށުމުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮއިސް ބުނީ މި ހަފްތާގައި ލެސްޓާއާ ދެކޮޅަށް ވެސްޓް ހޭމް ކުޅޭ މެޗުގައި ޒޫމާ ބޭނުންކުރާނެ ކަމަށެވެ. އެއީ ޒޫމާ އަށް ކްލަބުން ދޭ އަދަބަށް އޭނާ ރުހޭތީ ކަމަށް މޮއިސް ވަނީ ބުނެފަ އެވެ.
ގިނަ ފަރާތްތަކުން ބައިވެރިވެގެން، އުމުރުން 27 އަހަރުގެ ޒޫމާ އަށް ފިޔަވަޅު އަޅަމުންދާތީ ވެސްޓް ހޭމްގެ ފޯވާޑް މިކޭލް އެންޓޯނިއޯ ވަނީ މުހިންމު ވާހަކައެއް ދައްކައިފަ އެވެ. އެންޓޯނިއޯ ބުނީ ޒޫމާގެ މައްސަލަ އެހާ ގޯސްކަމެއްގެ ގޮތުގައި ހުރިހާ ބަޔަކު އެއްވެގެން ބަލާއިރު، ނަސްލީ ތަފާތުކުރުން/ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް ކުރެވޭ ކަންކަން (ރޭސިޒަމް) ހުއްޓުވަން މަސައްކަތް ނުކުރަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.












