ޝާއިރުގެ ހިޔާލު؛ އިދާރީ ސަބަބެއްގައި ދިރިއުޅުން ހުއްޓިފައި!

ޝާއިރުގެ ހިޔާލު؛ އިދާރީ ސަބަބެއްގައި ދިރިއުޅުން ހުއްޓިފައި!

ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން، ގާނޫނީ ވަކީލުކަމުގެ ހުވާކޮށް އަޅުގަނޑު ޝަރުއީ ދާއިރާގެ މަސައްކަތަށް ނުކުތްއިރު އެ ދާއިރާއަކީ ގިނަ ދިވެހިންނަށް ބީރައްޓެހި ދާއިރާއެކެވެ. އަޅުގަނޑުވެސް އަލެވެ. ދަސްވިކަމެއް ދަސްވީ ދާއިރާގެ މަސައްކަތުގެ ތެރެއިންނެވެ. އެއީ 2003 ވަނަ އަހަރެވެ. އޭރު އޮތީ މިހާރު މި އަމަލުކުރާ ގާނޫނު އަސާސީއެއް ނޫނެވެ. ނޫ ގާނޫނު އަސާސީ އެވެ. ސަތާރަ އަހަރުން ހެދި އެ ގާނޫނު އަސާސީއަކީ ހައްގުތައް ހިފަހައްޓައި ހަނިކުރި ގާނޫނު އަސާސީއެކެވެ.

އެތައް ބައެއްގެ މަސައްކަތުން ހޯދައިގަތް ފެހި ގާނޫނު އަސާސީއަކީ ޝަރުއީ ދާއިރާއަށް އައި އިންގިލާބެކެވެ. 2004 ވަނަ އަހަރު އިއުލާނުކުރެވުނު އެ ބަދަލުގެ އޮއެވަރުގައި އަޅުގަނޑު މައިދާނަށް ނުކުތީ ދިފާއީ ވަކީލެއްގެ ތޮފި އަޅައިގެންނެވެ. އެއީ ބުނެލާ ބަހަކުން، ނުވަތަ ކުރާ އިޝާރާތަކުން މީހުން ކުށްވެރިވީ ދުވަސްވަރެވެ. މައްސަލަތައް ވަރަށް ގިނަ އެވެ. ދިފާއީ ވަކީލުން މަދެވެ. ޝަރީއަތް ހިންގެނީ ހޯދި ގޮތަކަށް ހޯދާފައި އޮންނަ އިއުތިރާފް ބަޔާނެއްގެ މައްޗަށެވެ. ޝަރީއަތުގައި އެ ބަޔާނަށް އިންކާރު ކުރީމާ އޮންނަ ގޮތަކީ އަޑުއެހި ދެ މީހުންގެ ހެކިބަސް ހޯދުމެވެ. އެހިސާބުން އޮންނަނީ މައްސަލަ ސާބިތުވެފަ އެވެ.

ފެހި ގާނޫނު އަސާސީ ތަސްދީގުވުމާއެކު ޝަރުއީ ދާއިރާއަށް ބަދަލުތަކެއް އައެވެ. އިއުތިރާފްގެ މައްޗަށް ހިންގެމުންދިޔަ ޖިނާއީ ޝަރީއަތްތައް ހެކީގެ މައްޗަށް ބަދަލުކުރެވުނެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކަށް އެކަން ވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. 2008 ވަނަ އަހަރު ފުލުހުންގެ މުއައްސަސާގެ ބައެއް އިސްވެރިން މީޑިއާތަކަށް ދީފައި ހުރި އިންޓަވިއުތަކަށް ބެލީމާ އެކަން އެނގޭނެ އެވެ. ހަނު ހުރުމުގެ ހައްގު އޭރު ވެފައި އޮތީ މުޅި ޖިނާއީ އަދުލުގެ ނިޒާމު ހުއްޓުވާލި ހައްގަކަށެވެ. ތުހުމަތެއްގައި ހައްޔަރުކުރެވޭ މީހަކު ހަނުހުރީމާ ދެން ކުރެވޭނޭ ކަމެއް ނޯވެ އެވެ. މައްސަލައިގެ ތަހުގީގު އޮންނަނީ ހުއްޓިފަ އެވެ.

Advertisement

މައާފް ކުރައްވާށެވެ. އެ ޒަމާނުގެ ވާހަކަ ދައްކަންފެށީމާ މައުޟޫއުއާ މާ ދުރަށް ދެވުނީ އެވެ. އޭރުވެސް އަޅުގަނޑުގެ މުވައްކިލުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މައްސަލަތައް ލަސްވާ ކަމުގެ ޝަކުވާ އެވެ. މި ދަންނަވަނީ އިއުތިރާފް ބަޔާނެއްގެ އިތުރުން އެހެންކަމެއް ބެލުމެއްނެތި ހުކުމްތަކަށް ވާސިލުއިރުގެ ވާހަކަ އެވެ. އޭރުވެސް ހުކުމަކާ ހަމައަށް ދެވެނީ ނިކަން ލަހުންނެވެ.

ޒަމާން ބަދަލުވެ، ޝަރީއަތުގެ އިޖުރާއަތުތައް ލިޔެވިގެން ހިންގާ މި ޖިނާއީ އަދުލުގެ ނިޒާމުގައި ވެސް ބަދަލު ނުވި ކަމަކީ މައްސަލަތަކުގެ ސްޕީޑެވެ. އަދިވެސް މުވައްކިލުންގެ އެންމެ ބޮޑު ޝަކުވާއަކީ އެއީ އެވެ.

ކްރިމިނަލް ކޯޓުގެ ނިމިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބައްލަވާށެވެ. ބާއްވަން ތާވަލުކުރެވުނީ ޖުމުލަ 9973 އަޑުއެހުމެވެ. މީގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށް ކޯޓުން ބުނެފައި ވެއެވެ. އަހަރެއް ނިމިގެން ދިޔައިރު ބޭއްވުނީ 5121 އަޑުއެހުމެވެ. އެއީ އަހަރެއްގައި އޮންނަ މަސައްކަތު 261 ދުވަހަށް ބަހާލީމާ ދުވާލަކަށް 19.9 އަޑުއެހުމެވެ. ކްރިމިނަލް ކޯޓުގައި 10 ގާޒީން ތިބިއިރު އެއީ ނިސްބަތުން ބަލާނަމަ ގާޒީއަކަށް ދުވާލަކަށް ގާތްގަނޑަކަށް ދެ އަޑުއެހުމެވެ. އެ ޖުމްލަ ތަކުރާރުކޮށް ވިދާޅުވާށެވެ. ކްރިމިނަލް ކޯޓުގައި ނިމިދިޔަ އަހަރު 10 ގާޒީންގެ ނިސްބަތުން ހިންގާފައިވަނީ ކޮންމެ ގާޒީއަކަށް ކޮންމެ ދުވަހަކަށް ގާތްގަނޑަކަށް ދެ އަޑުއެހުމެވެ.

އިދާރީ ކޮން ސަބަބުތަކެއްކަން ސާފެއް ނުވޭ!

ޖިނާއީ މައްސަލައެއްގެ ޝަރީއަތް ނުހިންގި ލަސްވެގެން ދިޔުމަކީ ސަމާސަކަމެއް ނޫނެވެ. އަމުދުން، ދިފާއީ ވަކީލަކަށް ވީތީ އަޅުގަނޑަށް އެކަން ކުޑަކޮށްވެސް މަޖަލެއް ނޫނެވެ. މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ހިނގަމުންދާ މުއްދަތުގައި އޭނާގެ ދިރިއުޅުން އޮންނަނީ ހުއްޓިފަ އެވެ. ކުރިއަށް ދާނޭ ގޮތެއް، ނުވަތަ ކުރިއަށް ދާނޭކަން ވެސް އެނގެނީ އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުނީމަ އެވެ. ދައުވާލިބޭ މީހާ އެކަންޏެއް ނޫނެވެ. އޭނާގެ މުޅި އާއިލާއާއި އޭނާއާ ގުޅިފައި ތިބި އެންމެން ތިބެނީ އެ ނުތަނަވަސްކަމުގެ ތެރޭގަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން އަހަރެއްގެ ތެރޭގައި ނިސްބަތުން މި ހިންގަނީ ކޮންމެ ދުވަހަކަށް 1.8 އަޑުއެހުމެވެ. ތާވަލުކުރާ އަޑުއެހުންތައް އިދާރީ ސަބަބެއް މެދުވެރިވެގެން ކެންސަލް ވަނީ އެވެ.

މިއީ ކޮން އިދާރީ ސަބަބެއްކަން ސާފުވާން އެބަޖެހެ އެވެ. ފަސްހާސް އެއްސަތޭކަ އެކާވީސް އަޑުއެހުން ކެންސަލްކުރަންޖެހުނު އިދާރީ ސަބަބަކީ ކުޑަ ސަބަބަކަށް ނުވާނެ އެވެ. އެ ސަބަބާއި، އެ ސަބަބު މެދުވެރިވާން ކުރިމަތިވި ސަބަބުތައް ވެސް ހޯދައި އެކަން ހައްލުކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށްޓަކައި ފުރަތަމަ އަޅަންޖެހޭ ފިޔަވަޅެވެ. އިދާރީ ސަބަބެއްގެ ފުލްސްޓޮޕްޖެހި ކްރިމިނަލް ކޯޓު ހުއްޓިފައި އޮތްއިރު އެއާއެކު އެތައް ދިވެހިރައްޔިތުންގެ ދިރިއުޅުންވެސް އޮތީ ހުއްޓިފަ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ކްރިމިނަލް ކޯޓުގައި ނުނިމި 1804 މައްސަލަ އެބައޮތެވެ. 1804 މައްސަލައިގައި ހިމެނޭ އެތައް ބަޔަކު އެތިބީ ކްރިމިނަލް ކޯޓުން އެމީހުންނަށް ގޮވާލާނޭ އިރެއްގެ އިންތިޒާރުގަ އެވެ. އެތައް ސިޓީއަކާއި އެތައް ފޯނު ކޯލަކުން އާދޭސް ދަންނަވައިގެން ތާވަލުކުރާ އަޑުއެހުމުގެ ވަގުތު ޖެހޭއިރު އިދާރީ ސަބަބަކަށްޓަކައި އަޑުއެހުން ކެންސަލްވަނީ އެވެ.

ހުލާސާ ބަޔާން ނިމި ހުކުމް ނުކުރެވޭ ކިތަންމެ މައްސަލައެއް

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ބ) ގައި ބުނެފައި އޮންނަނީ މައްސަލައެއްގެ އަޑުއެހުން ނިންމާލުމަށްފަހު، އެ މައްސަލައިގެ ހުކުމްކުރުމުގެ މަޖިލިސް، އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށެވެ. ގާނޫނުގައި އެ މާއްދާ އެހެން ލިޔެފައި އޮންނަކަން އަޅުގަނޑަށްވުރެ މާ ރަނގަޅަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވަ އެވެ. އެ މާއްދާއަށް އަމަލު ނުކުރެވޭކަން އަޅުގަނޑަށްވުރެ މާ ރަނގަޅަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނަށް އެނގިވަޑައިގަންނަވަ އެވެ. އަޅުގަނޑަށް އެނގޭހާވެސް ކަމަކީ އެ މާއްދާއަށް އަމަލުނުކުރެވޭކަމާއި، އަމަލުކުރުވަން ބަޔަކު ނުވެސް އުޅޭ ކަމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މި މާއްދާއަށް އަމަލުކުރަނީ ކްރިމިނަލް ކޯޓުގެ ބައެއް ސެކްޝަންތަކުން، އެ ފަނޑިޔާރަކަށް ފެނިވަޑައިގެންނެވި ފަހަރެއްގަ އެވެ. 'ހުކުމްކުރުމުގެ މަޖިލިސް، އެންމެ ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބާއްވަންވާނެ!' އޭ ބުނެ ގާނޫނުން ކޮށްފައި އޮތް އަމުރަކީ ބަޔަކު އެ އަމުރަށް ތަބާވާނޭ ކަމަށް ބަލައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނަކުން ކުރި އަމުރެކެވެ. އެ މަޖިލީހަށް ހީވެފައި އޮތީ ގާނޫނުގައި އެހެން ލިޔުނީމާ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ފަނޑިޔާރުން އެގޮތަށް އަމަލުކުރާނޭ ކަމަށެވެ. އެ މާއްދާއަށް އަމަލުނުކުރެވެނީ ކޮން އިދާރީ ސަބަބެއް މެދުވެރިވާތީތޯ އެއީ ސާފު ނުވާ އަރަތެކެވެ.

ކްރިމިނަލް ކޯޓަށް މި ދިމާވާ އިދާރީ ސަބަބަކީ މުވައްޒަފުން މަދުވުމުގެ މައްސަލަ ކަމުގައިވާނަމަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަން ބަލައި ހައްލުކޮށްދެވޭނޭ ގޮތަކީ ކޮބައިތޯ ހޯދަންޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފަނޑިޔާރުންނަށް ކުރުދޮށިން ދެއްވިނަމަވެސް ދިމާވެފައިވާ މައްސަލައަކަށް ހައްލެއް ނުލިބޭނެ އެވެ. ކްރިމިނަލް ކޯޓުގައި މައްސަލަތައް ލަސްވާކަން އެއީ އެންމެނަށް އެނގެން އޮތް ހަގީގަތެކެވެ. ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެއްކަލަ އިދާރީ ސަބަބު މެދުވެރިވެގެން އަޑުއެހުންތައް ކެންސަލް ކުރަންޖެހުމެވެ.

މައްސަލަތައް ލަސްވުމުގެ ހުއްޖަތަކަށް ކްރިމިނަލް ކޯޓުން އިދާރީ ސަބަބެކޭ ބުނިނަމަވެސް އަޅުގަނޑަށް ކުރެވިފައި ހުރި ތަޖުރިބާގައި ދަންނަވަންޖެހެނީ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ކްރިމިނަލް ކޯޓަށް އާންމުކޮށް ގޮސްއުޅޭ ވަކީލަކަށްވާތީ އެ ކޯޓުގެ ސެކްޝަންތަކަށް އަޅުގަނޑު ފަރިތަ އެވެ. އެހެންވީމާ ކަންހިނގާގޮތް އަޅުގަނޑަށް އެނގެ އެވެ. މި ވާހަކަ މިއަށްވުރެ އިތުރަށް ދައްކާހިތެއް ނެތެވެ. އެހެންނަމަވެސް ބައެއް ތަޖުރިބާތައް ދަންނަވާލާނަމެވެ.

ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށް އަންގަނީ ހަމަ އެދުވަހުގެ އެ ވަގުތަށް ސުޕްރީމް ކޯޓުގެ އަޑުއެހުމެއް ތާވަލުކުރެވިފައި އޮއްވަ އެވެ. މިއީ ފަހަރުގައި ދިމާވެދާނެ ގޮތެކޭ ހީފުޅުވަންޏާ މި ވާހަކަ އަޑުއައްސަވާށެވެ. ކްރިމިނަލް ކޯޓުގެ އެއް ސެކްޝަނުން އަޑުއެހުން ތާވަލުކުރާ ދުވަހާއި ވަގުތަށް އަނެއް ސެކްޝަނުންވެސް އަޑުއެހުން ތާވަލުކޮށް ވަކީލަށް އެބަ އަންގަ އެވެ. އަޅުގަނޑުމެން ވަކީލުން ޖެހެނީ ދެ ކޯޓުގެ ދެމެދުގައި ނުވަތަ ދެ ސެކުޝަން ދެމެދުގައި ގަނަތެޅޭށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން، ދައުވާލިބޭފަރާތާ މަޝްވަރާކުރެވިގެން އަޑުއެހުންތައް ތާވަލުކުރާނަމަ މި ތަކުލީފެއް ނުޖެހުނީހެވެ. މައްސަލަތައް ކެންސަލްކުރަން ކްރިމިނަލް ކޯޓަށް މެދުވެރިވާ ބައިވަރު އިދާރީ ސަބަބުތަކުގެ ތެރެއިން ސަބަބެއްގެ ހައްލު އެއޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގަ އެވެ. އެ މާއްދާއަށް އަމަލުކުރައްވަންވީ އެވެ.

އަޅުގަނޑު އަތުގައި މިވަގުތު އޮތް މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ހުއްޓިފައި އޮތީ އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވިއިރު، މައްސަލައިގައި ހިމެނޭ ސީޑީ ތަކެއް ފޮނުވާފައި ނުވާތީ އެވެ. ސީޑީތައް ނުލިބޭކަން ކޯޓަށް އެންގިތާ އަދި މިވީ އެންމެ ތިން މަސް ދުވަހެވެ. އިދާރީ ސަބަބަކާއިހުރެ، ސީޑީ ލިބުންލަސްވަނީ އެވެ.

އެހެން މައްސަލައެއްގެ ހެކިބަސް ނަގަންބެލިއިރު، އިދާރީ ސަބަބަކާހުރެ ދައުލަތަށް ހެކީން ހާޒިރު ކުރެވޭގޮތެއް ނުވެ އެވެ. މައްސަލައިގައި ހިމެނެނީ ސިއްރު ހެކިން ކަމުގައިވާތީ ކޯޓުންވެސް ޗިޓެއް ނުފޮނުވަ އެވެ. ހެކިންގެ ސިއްރުވެރިކަން ގެއްލިދާނެތީ އެވެ. ސިއްރު ހެކިވެރިން ހާޒިރުނުކުރެވުމުގެ ސަބަބުން ދައުވާލިބޭ މިހާ ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވި ބަންދުގައި ހުންނަތާ 03 އަހަރުވަނީ އެވެ. މިވެސް ހަމަ އަޅުގަނޑު ވަކީލަކަށް ދާ މައްސަލައެކެވެ.

ކްރިމިނަލް ކޯޓަށް ދިމާވެގެން އުޅެނީ މި ދެންނެވި ކަހަލަ އިދާރީ މައްސަލަތަކެކެވެ. ހައްލު ނުކުރެވޭނޭ ކަމެއް މިޔަކު ނެތެއް ނޫންތޯ އެވެ. މިއީ އެތައް ހާސް ރައްޔިތުންގެ އަސާސީ ހައްގުތައް ހުއްޓުވާފައި ބާއްވަން އެކަށީގެންވާ ފަދަ ސަބަބުތަކެއް ކަމަށް ހަމަ ޔަގީނުންވެސް އަޅުގަނޑެއް ނުދެކެމެވެ. ކްރިމިނަލް ކޯޓަށް އިދާރީ ސަބަބެކޭ ހީވާ ގޮތަށް މެދުވެރިވާ ކުދިކުދި ކަންކަމުގައި ކޯޓުގެ ނިޒާމުގެ ތެރެއިން ހައްލު ހޯދަން ފަނޑިޔާރުން މިހާރަށްވުރެ ބޮޑަށް އަހުލުވެރިވާންޖެހެ އެވެ. އެއަށް ވުރެ ބޮޑެތި ކަންކަމުގައި ނަމަ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން މެދުވެރިކޮށް ހައްލު ހޯދާނީ އެވެ. އިދާރީ ސަބަބެއްގައި ބައެއްގެ ދިރިއުޅުން ހުއްޓުވާފައި ބާއްވަން ހެޔޮނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox