މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅޭ ގޮތަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ ޔޫތު ޗެމްޕިއަންޝިޕް ފައިނަލް މެޗު ނިލަންދޫގައި ހޯސްޓް ކުރަން ކުރިއަށް ގެންދަން ޖެހޭ އިންސްޕެކްޝަން ނިމިފައިވާ ކަމަށާއި ފައިނަލް މެޗު ކުޅޭނީ ނިލަންދޫ ޓާފް ދަނޑުގައި ކަމަށެވެ.
މިހާރު އޮތްގޮތުން ނިލަންދޫ ދަނޑުގައި އަންނަ އާދިއްތަ ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގެ ފުރަތަމަ ޖާގަ ކްލަބް އީގަލްސް އިން ވަނީ ހޯދައިފަ އެވެ. އެއީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށްގެންނެވެ. ފައިނަލްގެ ފަހު ޖާގަ ލިބޭނީ މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.
ދާދި ފަހުން އެފްއޭއެމާއި ޔޫތު މިނިސްޓްރީން ގުޅިގެން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފައިނަލް މެޗު ހޯސްޓްކުރީ ރ. އަލިފުށީ ޓާފް ދަނޑުގަ އެވެ. ސަރުކާރުން ރަށްރަށުގައި އަޅާފައިވާ ޓާފް ދަނޑުތަކުގެ ބޭނުންހިފައި، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ މެޗުތައް ރަށްރަށަށް ގެނައުމަކީ ހާއްސަ އަމާޒެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ވިދާޅުވެފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ރަށްރަށުގައި ފުޓްބޯޅައިގެ މެޗުތައް ކުޅުމުގެ ވިސްނުމުގައި ކުރިއަށް އޮތްތަނުގައި ވެސް ގިނަ ކަންތައްތަކެއް ރޭވިގެންދާނެ ކަމަށާއި އުއްމީދަކީ މުސްތަގުބަލުގައި ގައުމީ ޓީމުގެ މެޗުތައް ވެސް އަތޮޅު ތެރޭގައި ހޯސްޓްކުރުން ކަމަށް ވިދާޅުވެފަ އެވެ.
މުޅި ރާއްޖެ އަށް ފުޅާކޮށްގެން ފަށަން ނިންމާފައިވާ 2023/2024 ގެ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަށަންވާއިރަށް ރަށްރަށުގައި މެޗުތައް ކުޅުމަކީ ލީގު ކުރިއަށް ގެންދިއުމަށް ބަލާއިރު، ފަސޭހަތަކެއްވާނެ ކަމެއްގެ ގޮތުގައި އެފްއޭއެމުން ގަބޫލުކުރެ އެވެ.
ރާއްޖޭގެ ފުރަތަަމަ ޑިވިޝަނުގައި ވެސް ދާދި ފަހުން ވާދަކުރި ފ. ނިލަންދޫ އަކީ ފުޓްބޯޅައިގެ މަޝްހޫރު ރަށެކެވެ. ސަރުކާރުގެ ހަރަދުގައި ނިލަންދޫގައި އެޅި ޓާފް ދަނޑުގެ މަސައްކަތް ނިންމާލީ 2020 ވަނަ އަހަރުގެ މެއި މަހުގަ އެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ނިލަންދޫ ދަނޑުގެ މަސައްކަތް ކުރިއިރު، އެކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނިލަންދޫ ކައުންސިލާއި އެ ރަށުގެ ޑޭލައިޓް ކްލަބުން ދިން އެހީތެރިކަން ޔޫތު މިނިސްޓަރު މަހުލޫފް ވަނީ މީގެ ކުރިން ފާހަގަކުރައްވައިފަ އެވެ.












