ބޮހެމިއަން ރެޕްސޮޑީގެ އާދަޔާހިލާފު މޭކިންއާ އެކު އޮސްކާ ކާމިޔާބުކުރި މަޝްހޫރު ޕްރޮޑިއުސަރު ގްރަހަމް ކިންގް އަދި ސްކްރީން ރައިޓާ ޖޯން ލޯގަން މިވަނީ އެމީހުން މިހާރު މަސައްކަތްކުރަމުން އަންނަ އެންމެ ބޮޑު ފިލްމުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.
"ޕޮޕް ރަސްގެފާނު" ގެ ނަމުން މުޅި ދުނިޔެ ދަންނަ، ލެޖެންޑެއްގެ ގޮތުގައި އެތައް ބަޔަކު ފޮލޯ ކުރާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ނިންމައި އެ މަސައްކަތް ކުރަމުން އަންނަކަން ގްރަހަމް ހާމަކުރީ ހޯމަ ދުވަހު އެވެ. ފިލްމުގެ ޑިސްޓްރިބިއުޝަން މަސައްކަތްތަކާ ހަވާލުވެފައިވަނީ "ލަޔަންސްގޭޓް" ސްޓޫޑިއޯއިންނެވެ.
އެންމެ ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމަށް ބެލެވޭ މި ބައޮޕިކްގެ ވާހަކަ އިތުރަށް ހިއްސާކުރަމުން ލަޔަންސްގޭޓް ސްޓޫޑިއޯގެ ޗެއާ، ޖޯ ޑެރެކް ބުނީ، ފިލްމުގައި މައިކަލްޖެކްސަންގެ ތަފާތު ދިރިއުޅުމާއި "ޕޮޕް ކިން" ގެ ލަގަބާ ހަމައަށް ވާސިލުވުމުގައި ދިމާވި ކަންތައް ވަރަށް ފުނުން ދައްކައިދޭން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ފިލްމުގައި މައިކަލް ޖެކްސަންގެ ޒާތީ ދިރިއުޅުމުގެ ބައެއް ކަންތައްތަކާއި އެންމެ އައިކޮނިކް ޕާފޯމަންސް ތަކާއި މަޝްހޫރުވެގެން ދިޔަ ދަތުރުގެ އެކި ހާދިސާތައް ސްކްރީނަށް ދިރިގެން އަންނާނެ ކަމަށް އޭނާ ބުންޏެވެ.
ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތަކުގައި މައިކަލް ޖެކްސަންގެ މިލްކުގައިވާ ތަކެތި ބަލަހައްޓާ މައިކަލް ޖެކްޗަން އެސްޓޭޓްގެ ދެ ކޯ އެކްސެކިއުޓާސް އިން ކަމުގައިވާ ޖޯން ބްރަންކާ އާއި ޖޯން މެކްލައިން ވެސް ހިމެނެ އެވެ. މައިކަލް ޖެކްސަން މަރުވި ފަހުން ވޭތުވެދިޔަ އެގާރަ އަހަރު މި ދެމީހުންގެ އިރުޝާދުގެ ދަށުން މައިކަލް ޖެކްސަންގެ މިލްކިއްޔާތަށް 2.5 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ވަނީ ހޯދިފަ އެވެ. މައިކަލް ޖެކްސަން ވެފައިވަނީ، މަރުވި ފަހުން މިލްކިއްޔާތަށް އެންމެ ބޮޑު އާމްދާނީ އެއް ލިބުނު ތަރިއަށެވެ.
ފިލްމުގެ ރޯލުތަކުން ފެންނާނީ ކޮން އެކްޓަރުންނެއްކަން އަދި ހާމަކޮށްފަ އެއް ނުވެ އެވެ. ނަމަވެސް މި ފިލްމުގެ އަމާޒުވެސް ހުރީ އެވޯޑުތަކާ ދިމާލަށް ކަން ވަނީ ބުނެފަ އެވެ.

ލޯގަން އާއި ގްރަހަމް އެކުގައި މީގެ ކުރިން ވަނީ "ދަ އޭވިއޭޓާ" ގެ މަސައްކަތް ވެސް ކޮށްފަ އެވެ. އެ ފިލްމު ވެސް އޮސްކާ އެވޯޑަށް ނޮމިނޭޓް ވިއެވެ.
މި ޕްރޮޖެކްޓްގެ ހަބަރު ލިބުމާއެކު މައިކަލް ޖެކްސަންގެ އާއިލާ އިން ނެރުނު ސްޓޭޓްމަންޓްގައި މަންމަ ކެތެރިން ޖެކްސަން ބުނެފައިވަނީ މައިކަލް ޖެކްސަން އަކީ ކުޑައިރުއްސުރެ ސިނަމާއަށް ހާއްސަ ލޯތްބެއް އޮތް މީހަކަށް ވާތީ، ބޮޑު ސްކްރީނަށް މައިކަލްގެ ދިރިއުޅުމުގެ ވާހަކަ ގެނައުމަކީ އެ އާއިލާ އަށް ލިބޭޏެ ޝަރަފެއް ކަމަށެވެ.






