ކުޅިވަރުގައި ވެސް ދިވެހިރާއްޖެ އާއި ބަންގްލަދޭޝްގެ ދެމެދު އޮތީ ބަދަހި ގުޅުމެއް ކަމަށް ބަންގްލަދޭޝް ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ޑާކާގެ ނޯތު ސިޓީ ކޯޕަރޭޝަންގެ މޭޔަރު މުހައްމަދު އަތީގުލް އިސްލާމް ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ބަންގްލަދޭޝްގެ ވޮލީ ރައީސް އަތީގުލް އިސްލާމް މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެއީ ބަންގްލަދޭޝް ގައުމީ ވޮލީ ޓީމުން މި ވަގުތު ރާއްޖޭގެ ގައުމީ ފިރިހެން ޓީމާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެމުންދާތީއާ އެކު އެވެ.
އެއާޕޯޓުގައި ހުންނަވައި އަތީގުލް އިސްލާމް ދެއްވި އިންޓަވިއުއެއްގައި އަތީގުލް އިސްލާމް ވިދާޅުވީ މީގެ ހަފްތާތަކެއް ކުރިން ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ރާއްޖެ ވަޑައިގެން، ދިވެހި ސަރުކާރާ އެކު ބޭއްވި ބައްދަލުވުންތަކުގައި ކުޅިވަރު ހިމެނޭހެން އެކި ރޮނގުރޮނގުން ގުޅުން ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްވެފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ވޮލީ އެސޯސިއޭޝަން ރައީސް އަތީގުލް އިސްލާމް (ކ) އާއި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އެ ފަދަ މުހިންމު އެއްބަސްވުމެއްގައި ދެ ގައުމުގެ ސަރުކާރުން ސޮއިކޮށްފައިވަނިކޮށް ރާއްޖޭގެ ރަސްމީ ދައުވަތެއް ލިބުމުން އުފަލާ އެކު ބަލައިގަތީ ކަމަށް އަތީގުލް އިސްލާމް ވަނީ ވިދާޅުވެފަ އެވެ.
"ޑިޕްލޮމެޓިކް ގުޅުންތަކަށް ވަރަށް މުހިންމު ކުޅިވަރު ވެސް. އިކޮނޮމިކާއި ފޮރިން ޑިޕްލޮމެސީ ހިމެނޭ ގޮތަށް ކުޅިވަރަކީ ވެސް ޑިޕްލޮމެސީ ހިމެނޭ ކަމެއް. ދެ ގައުމެއްގެ ގުޅުން ބަދަހިކުރަން ކުޅިވަރު ވެސް މުހިންމު ރޯލެއް ކުޅޭ،" އަތީގުލް އިސްލާމް ވިދާޅުވި އެވެ.
"އަހަންނަށް އެނގޭ ރާއްޖޭގެ ރައީސް (އިބްރާހިމް މުހައްމަދު ސޯލިހު) ވޮލީބޯޅަ ދެކެ ވަރަށް ލޯބިވާކަން. އަހަންނަށް ރާއްޖެ އައުމުގެ މި ފުރުސަތު ލިބުނީތީ ވަރަށް އުފާކުރަން. އުންމީދަކީ ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުން ކުޅިވަރުގެ ތެރެއިން ވީ އެންމެ ފުރިހަމަކޮށް ބަދަހިވެގެން ދިއުން،"
އަތީގުލް އިސްލާމް ވިދާޅުވީ ވޮލީބޯޅަ އަކީ ދެ ގައުމެއްގެ ގުޅުން ބަދަހިކުރަން ބަލާއިރު، ވަރަށް މުހިންމު ރޯލެއް ކުޅެވިދާނެ ކުޅިވަރެއް ކަމަށެވެ. ވޮލީބޯޅަ އަކީ އިންޑޯ އާއި ބީޗް ކުޅިވަރެއްގެ ގޮތުގައި އޮތްއިރު، މީގެ ތެރެއިން ފުރުސަތު އިތުރުވާނެކަން ދޭހަވާ ކަަމަކީ މިހާރު ޖަޕާންގައި ކުރިއަށްދާ ވިންޓާ އޮލިމްޕިކްސްގައި ވެސް ވޮލީބޯޅަ އޮތުން ކަމަށް އަތީގުލް އިސްލާމް ވިދާޅުވި އެވެ.
"އިންޑިވިޖުއަލީ ކުޅުންތެރިންގެ ގުޅުމަށް ވެސް ވޮލީބޯޅަ މުހިންމު ރޯލެއް ކުޅޭ. ބަންގްލަދޭޝް ކުޅުންތެރިން ރާއްޖެ އަންނަން ވީ. ރާއްޖޭގެ ކުޅުންތެރިން ބަންގްލަދޭޝަށް ވެސް ދާންވީ. ދެ ގައުމުގެ ވޮލީބޯޅައިގެ އާއިލާގެ ވެސް ގުުޅުމެއްގެ ގޮތުގައި މި ފެނިގެންދަނީ. ސެންޓްރަލް ޒޯނުގައި މި އޮތް ބަންގްލަދޭޝާއި ރާއްޖެގެ އިތުރުން ސްރީ ލަންކާ، އިންޑިއާ، ކިރްގިސްތާން ދެން ތަޖިކިސްތާން ފަދަ މި ޒޯންގައި މި އޮތް ހުރިހާ ގައުމެއްގެ މެދުގައި މި އޮތީ ވަރަށް ގާތް ގުޅުމެއް،" އަތީގުލް އިސްލާމް ވިދާޅުވި އެވެ.
ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭގެ ވޮލީބޯޅަ ޓީމުން މާލޭގައި ޖުމްލަ ތިން މެޗެއް ކުޅޭނެ އެވެ. އޭގެ ތެެރެއިން ފުރަތަމަ މެޗުގައި ރޭ ރާއްޖެ ވަނީ ފަހަތުން އަރައި 3-1 ސެޓުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗު މާދަމާރޭ ކުޅޭއިރު، ފަހު މެޗު އޮންނާނީ ހުކުރު ދުވަހުގެރޭގަ އެވެ.

ބަންގްލަދޭޝްގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް އަތީގުލް އިސްލާމް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އަތީގުލް އިސްލާމް ވިދާޅުވީ ރާއްޖޭގެ މީހުން ވޮލީބޯޅަ ދެކެ ވަރަށް ލޯބިވާކަން އެނގޭ ކަމަށެވެ. އަދި ބަންގްލަދޭޝާއި ރާއްޖެ މި ވަގުތު ކުޅޭ މެޗުތަކަކީ މޮޅުވާ ޓީމެއް ބެލުމަށް ވުރެ، ދެ ގައުމުގެ ގުޅުމުގެ މުހިންމު ކަންތައްތަކެއް ހާސިލްކުރެވިދާނެ މެޗުތަކެއް ކަމަށެވެ.
"މި ވަގުުތު ސުވާލަކީ މި މެޗުތަކުން މޮޅުވާ ޓީމެއްގެ ވާހަކަ ދެއްކުމެއް ނޫން. މި ވަގުތުގެ ހުރިހާ ސަމާލުކަމެއް އޮތީ މި ދެ ގައުމުގެ ގުޅުން ބަދަހިކޮށް މީގެ އެއް ބަޔަކު އަނެއް ބަޔަކަށް އެހީވެގެން ކުރިއަށްދެވޭނެ ފުރުސަތުތަކެއް ހޯދުން،" އަތީގުލް އިސްލާމް ވިދާޅުވި އެވެ.
މިއީ މި ވަގުތަށް އެކަނި ކޮށްދޭ ކަމެއްގެ ބަދަލުގައި އަންނަން އޮތް ޖީލުތަކަށް ވެސް މި ދެ ގައުމުގެ ގުޅުމުގެ ސަބަބުން ފައިދާތަކެއް ކުރާނެ މަަގުތަކެއް ހޯދައިދިނުން މުހިންމު. ކުޅިވަރެއްގެ ތެރެއިން ގައުމެއް ބިނާކުރެވޭނީ މި ފަދަ ގޮތަކަށް،"
ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމާއި ރާއްޖޭގެ މި މެޗުތަކަކީ ކުޅިވަރާބެހޭ ވަޒީރު މަހުލޫފް ދާދި ފަހުން ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ކުރެއްވި މަޝްވަރާތަކަށް ފަހު ހަމަޖައްސާފައިވާ މެޗުތަކެކެވެ.













