ލަންޑަން (ފެބްރުއަރީ 8) - ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ކުލަބުތަކުން ކުޅުންތެރިން ގަނެ ވިއްކައިގެން މާލީ އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުލަބަކަށް އިންގްލެންޑްގެ ގަދަބާރު މެންޗެސްޓާ ޔުނައިޓެޑް ވެއްޖެ އެވެ.
ކުޅިވަރު އެކި މާލީ ތަފާސްހިސާބުތަކުގެ ދިރާސާތައް ހެދުމުގައި މަޝްހޫރު ސްވިޒަލެންޑްގެ ފުޓްބޯލް އޮބްޒަވޭޓަރީން އާންމުކުރި ރިޕޯޓުގައިވާ ގޮތުން އިނގިރޭސި މަޝްހޫރު ކުލަބް ޔުނައިޓެޑަށް ޓްރާންސްފާ މާކެޓްގައި ކުރި ހޭދަތަކަށް ބަލާއިރު, މިދިޔަ 10 އަހަރު ތެރޭ އެއް ބިލިއަން ޔޫރޯ އަށް ވުރެ ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އެ ގޮތުން 2012 އިން ފެށިގެން މިދިޔަ ޖެނުއަރީ މަހު ނިމުނު ޓްރާންސްފާގެ ބާޒާރާއި ހަމަ އަށް ޔުނައިޓެޑުން ކުރި ހޭދަ ޖުމްލަ އެއްކޮށް 1.55 ބިލިއަން ޔޫރޯ އަށް އަރަ އެވެ. މި މުއްދަތުގައި ކުޅުންތެރިން ވިއްކައިގެން އެކުލަބަށް ލިބުނީ 470 މިލިއަން ޔޫރޯ އެވެ.
ޔުނައިޓެޑުން ގަތް ކުޅުންތެރިންނަށް ބަލާލާއިރު، 2016 ވަނަ އަހަރު އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 89.5 މިލިއަން ޕައުންޑަށް ގަތް ޕައުލް ޕޮގްބާ ފާހަގަކޮށްލެ ވެއެވެ. އޭގެ އިތުރުން 2015 ވަނަ އަހަރު 36 މިލިއަން ޕައުންޑަށް ގަތް އެންތަނީ މާޝިއާލް އާއި 2020 ވަނަ އަހަރު 40 މިލިއަން ޕައުންޑަށް ގަތް ޑޮނީ ވެން ޑަ ބީކް ހިމެނެ އެވެ. އަދި 75 މިލިއަން ޕައުންޑަށް ގަތް ރޮމެލޫ ލުކާކޫ ވެސް އެކަށީގެންވާ ބޭނުމެއް ނުހިފި ޖެހުނީ ދޫކޮށްލާށެވެ.
މި ތިން ކުޅުންތެރިންގެ ތެރެއިން ޕޮގްބާއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، މާޝިއާލް އާއި ވެން ޑަ ބީކް މިހާރު ތިބީ ލޯން އުސޫލެއްގެ ދަށުން ދޫކޮށްލައިފަ އެވެ.
ކުޅުންތެރިން ވިއްކައިގެން ލިބުނު އާމްދަނީއާ ނުބައްދަލު ހޭދައެއް ކޮށްގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު ލިސްޓުގެ ދެ ވަނަ ލިބުނީ ޔުނައިޓެޑްގެ އަވަށްޓެރި ކްލަބް، މެންޗެސްޓާ ސިޓީ އަށެވެ. ޔޫއޭއީގެ ޝެއިހް މަންސޫރު ހިންގާ ސިޓީ އަށް ޓްރާންސްފާ ބާޒާރުގައި ކުރި ހޭދައިގެ ނިސްބަތުން ވަނީ 984 މިލިއަން ޔޫރޯގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.
ސިޓީން ކުޅުންތެރިން ގަތުމަށް މިދިޔަ 10 އަހަރު 1.7 ބިލިއަން ޔޫރޯ ހޭދަކުރި އެވެ. އެ ޓީމަށް ކުޅުންތެރިން ވިއްކައިގެން ލިބުނު އާމްދަނީއަކީ 715 މިލިއަން ޔޫރޯ އެވެ.
ސިޓީން ގަތް ކުޅުންތެރިންނަށް ބަލާއިރު މި ސީޒަން ފެށުމުގެ ކުރިން އެކުލަބްގެ ރެކޯޑް ފީއެއް ކަމަށްވާ 117.5 މިލިއަން ޔޫރޯއަށް ގެނައި ޖެކް ގްރީލިޝް އާއި 2016 ގައި 76 މިލިއަން ޔޫރޯއަށް ގެނައި ކެވިން ޑި ބްރޭނާ އަދި 2020 ގައި 68 މިލިއަން ޔޫރޯ އަށް ގެނައި ޑިފެންޑަރު ރުބެން ޑިއާސް ފާހަގަކޮށްލެވެ އެވެ. ސިޓީގެ ތާރީހުގައި އެންމެ އަގު ބޮޑުކޮށް ގަތް 16 ކުޅުންތެރިން ވެސް ގަތީ މިދިޔަ 10 އަހަރުގެ ތެރޭގަ އެވެ.
މި މުއްދަތުގައި ސިޓީން ވިއްކާލި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ 2020 ގައި 55 މިލިއަން ޕައުންޑަށް ވިއްކާލި ލެރޮއީ ސާނޭ އާއި މިދިޔަ ޓްރާންސްފާގައި 46.7 މިލިއަން ޕައުންޑަށް ވިއްކާލި ފެރަން ޓޮރޭސް އެވެ.
ޔުނައިޓެޑާއި ސިޓީގެ ފަހަތުން މި ލިސްޓުގެ ތިން ވަނައިގައި އޮތީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ. އެ ކުލަބަށް 914 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބުނުއިރު، ހަތަރު ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 650 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބިފަ އެވެ. އަދި ފަސް ވަނައިގައި އުޅޭ އާސެނަލުން ވަނީ ކުޅުންތެރިން ގަނެ ވިއްކައިގެން 583 މިލިއަން ޔޫރޯގެ ގެއްލުމަކާ ކުރިމަތިލައިފަ އެވެ.
ފުޓްބޯލް އޮބްޒަވޭޓަރީން އާންމުކުރި ރިޕޯޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުލަބުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް 20 ކުލަބުގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަގުބޫލު ލީގުކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ 14 ކުލަބެއް ހިމެނެ އެވެ. ޕްރިމިއާ ލީގުގެ ކްލަބްތަކުން ކުުޅުންތެރިންނަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވާ އެންމެ ބޮޑު ސަބަބަކީ އަގުބޮޑު ޓީވީ ރައިޓްސް ޑީލެއް އޮތުމެވެ.












