މި އަހަރަކީ ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ކުރިއެރުމަށް މުހިންމު އަހަރެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ބައްސާމް މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ފުރަތަމަ އެޕިސޯޑްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޕްރޮގްރާމްގައި ބައްސާމް ވަނީ ފުޓްބޯޅައިގެ މުހިންމު ގިނަ ކަންތައްތަކަށް އަލިއަޅުވާލައިފަ އެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކަށެވެ.
އެ ގޮތުން މި މަހުގެ 15 އާއި 18 ވަނަ ދުވަހު އޮންނަ ދެ މެޗުގައި ގައުމީ އަންހެން ޓީމު ވާދަކުރާނީ ސީޝެލްސްއާ އެވެ. ރާއްޖެ ކުޅޭ ފަހު މެޗުގައި މި މަހު 24 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ބައްދަލުކުރާނެ އެވެ. އަދި މި މަހު 20 ވަނަ ދުވަހު ސީޝެލްސް އާއި ސައުދީ އަރަބިއްޔާގެ މެޗެއް ވެސް ކުޅޭ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އަބަދު ވެސް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެ ގޮތުން އަންހެން ޓީމަށް ގިނަ ފުރުސަތުތަކެއް ހޯދައިދޭން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެ ގޮތުން މި އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން ހަތަރު ސަރަހައްދެއްގައި ކުރިއަށްގެންދާ އަންހެން ލީގު ބައްސާމް ފާހަގަކުރެއްވި އެވެ.
"ކޮވިޑާއި ހެދި މިދިޔަ ދެ އަހަރު އަންހެން ޓީމުގެ މަސައްކަތްތައް އޮތީ ހުއްޓިފައި، އެހެން ނަމަވެސް މި އަހަރު މިހާރު އަންހެން ލީގު ފެށިއްޖެ. ޅ.އަތޮޅުގެ ބުރު މިހާރު ނިމިއްޖެ. އިރާދަކުރެއްވިއްޔާ ފެބްރުއަރީ ފަހުކޮޅު ނުވަތަ މާޗް މަހު ލ އަތޮޅު ބުރު ފެށޭނެ." ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ގައުމީ ޓީމަށް ރަނގަޅު ކޯޗެއް ގެނެސް ޓީމުގެ ނަތީޖާތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ އެފްއޭއެމުން ބޮޑު އިސްކަމެއް ދޭކަމެއް ކަމަށެވެ.
ގައުމީ އަންހެން ޓީމުން މިހާރު ފަރިތަކުރަމުން އަންނަނީ ދާދި ފަހުން ޓީމުގެ ކޯޗުކަމާ ހަވާލުވި ސާބިއާގެ ކޯޗު ޑޭވޯ ބާބާގެ އިރުޝާދުގެ ދަށުންނެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކޯޗު ބާބާއާ ހަވާލުކުރެވުނު އެންމެ މުހިންމު ޓާގެޓަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕެވެ.
ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް މި އަހަރު ބާއްވަން ތާވަލްކޮށްފައި އޮތުމާ އެކު މި އަހަރު ގައުމީ އަންހެން ޓީމަށް ބައިނަލްއަގުވާމީ ގިނަ މެޗުތަކެއް ހޯދައިދޭން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މި މަހު ކުޅޭ އެކުވެރިކަމުގެ މެޗުތަކަކީ ވެސް ސާފް އަށް ތައްޔާރުވުމުގެ ފެށުމުގެ ގޮތުގައި ބައްސާމް ވަނީ ސިފަ ކުރައްވާފައެވެ.
"އަބަދުވެސް މަސައްކަތް ކުރަން ރަނގަޅު ކޯޗެއް ގެނެސް ރަނގަޅު ނަތީޖާތަކެއް ނެރުމަށް. މި އަހަރު އަންހެން ސާފް ވެސް އޮންނާނެ. އެހެންކަމުން އަޅުގަނޑުމެން ބޭނުން އިންޓަނޭޝަނަލް ބައިވަރު މެޗުތަކެއް ކުޅެ ޓީމް ތައްޔާރުވުމަށް ފުރުސަތު ހޯދައިދޭން،" ބައްސާމް ވިދާޅުވި އެވެ.
ގައުމީ އަންހެން ޓީމުން އެންމެ ފަހުން ވާދަކުރީ މިދިޔަ އަހަރު ކުރިއަށް ދިޔަ އަންހެން އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގަ އެވެ. ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގައުމީ އަންހެން ޓީމުން ނެރެމުން އަންނަ ނަތީޖާތައް ޖުމްލަކޮށް ބަލާއިރު، އަންނަނީ ރަނގަޅު ވަމުންނެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.













