ސްރީލަންކާއިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ރާއްޖޭގެ ޒުވާނާގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަަށް ދާން ނިންމައިފި އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ދެހިވަލައިގައި ދިރިއުޅޭ އަފްހަމް ނަސީރު, 24 އެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނު އިރު، ޒަހަމްތަކެއް ވެސް ހުރުމާ ގުޅިގެން އެ މަރުގެ ހަގީގަތް ހޯދަން ޕޯސްޓްމޯޓަމް ހަދަން ވެސް މިހާރު ވަނީ ނިންމާފަ އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އަފްހާމްގެ މަރުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށާއި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރުމަށް ފުލުހުންގެ ޓީމެއް މިއަދު ލަންކާއަށް ދާގޮތަށް ހަމަޖެގިފައިވާ ކަމަށެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޯހަނާ އެ ގައުމުގެ ބައެއް މީޑިއާތަކަށް އެ ދުވަހު ވިދާޅުވެފައި ވަނީ މަރުވެފައި އޮއްވައި އިއްޔެ ފެނުނު ދެ މީހުންގެ ތެރެއިން އެކަކަކީ އަފްހާމްކަން ކަށަވަރުކޮށް ދެއްވާފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުކުރިއަށްދާތީ އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ.
ނަމަވެސް އޭނާ މަރުވެފައި އޮއްވައި ފެނުނު ވެއްލަވައްތަގެ ގޮނޑުދޮށު ސަރަހައްދު އަފްހާމްގެ ހަށިގަނޑު ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްނލަންކާގެ ބައެއް މީޑިއާތަކުން ވަނީ އާންމުކޮށްފަ އެވެ. އެ ސަރަހައްދުން ވަޅިއަކާއި އަފްހާމް ގެންގުޅު ބައެއް ތަކެތި ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވެ އެވެ.

ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމް ހާސިލް ކުރަމުން ދިޔަ އަފްހަމްއާ އާއިލާ މީހަކާ އެންމެފަހުން ބައްދަލުވީ ހުކުރު ދުވަހުގެ ރޭ 11:00 ހާއިރު އޭނާގެ އާއިލާއިން ބުނެ އެވެ. އޭނާ ފެނިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އެވެ.












