ސެނެގާލުން ފުރަތަމަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދައިފި

Feb 6, 2022, 10:34 PM
ސެނެގާލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެނެގާލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔައުންޑޭ، ކެމަރޫން (ފެބްރުއަރީ 7) - ޕެނަލްޓީ ޖަހައިގެން 4-2 އިން މިސްރު ބަލިކޮށް ސެނެގާލުން ފުރަތަމަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފައިނަލުން 2019 ވަނަ އަހަރު އަލްޖީރިއާ އަތުން ބަލިވި ސެނެގާލް މި ފަހަރުގެ ފައިނަލުގައި 120 މިނިޓް ކުޅުނުއިރު، މިސްރު ކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލެއް ނުޖެހުނެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް ސެނެގާލް މެޗުން މޮޅުވީ އެވެ.

ކެމަރޫންގެ އޮލެމްބޭ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ސެނެގާލަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ ހަތް ވަނަ މިނިޓްގައި ސެެނެގާލްގެ ތަރި ސަޑިއޯ މާނޭ ޖެހި ޕެނަލްޓީ މިސްރުގެ ކީޕަރު އަބޫ ގަބާލް (ގަބާސްކީ) ވަނީ މަތަކޮށްފަ އެވެ.

މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ވަނީ ކައުންޓަ އެޓޭކުގައި ސެނެގާލްގެ ގޯލަށް ދެ ހަަމަލާ ފޮނުވާލައިފަ އެވެ. އެ ގޮތުން ފުރަތަމަ ބޯޅަ ސެނެގާލްގެ ކީޕަރު އެޑޮއާޑް މެންޑީ ފަސޭހަކަމާ އެކު އަތަށް ނެގިއިރު، ދެ ވަނަ ހަމަލާ މެންޑީ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

ސެނެގާލްގެ ތަރި މާނޭ އެފްރިކަން ކަޕްގެ ތަށި ހިފައިގެން: އޭނާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައި.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މިސްރާއި ސެނެގާލް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތްއިރު، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ.

މިސްރުން މި ފަހަރުގެ އެފްރިކަން ކަޕްގެ ނޮކައުޓް ބުރުގެ ހަތަރު މެޗުގައި ވެސް ވަނީ އިތުރު ވަގުތު ދެ ހާފް ކުޅެފަ އެވެ. އޭގެ ތެރެއިން ތިން މެޗުގައި ވަނީ ޕެނަލްޓީ ޖަހައިފަ އެެވެ. ފުރަތަމަ ދެ މެޗުގައި ޕެނަލްޓީ ޖަހައިގެން ދެ ވަނަ ބުރުގައި އައިވަރީ ކޯސްޓާއި ސެމީ ފައިނަލްގައި ކެމަރޫން ބަލިކުރި ނަމަވެސް ފައިނަލުގައި މި ވަނީ ސެނެގާލް އަތުން ބަލިވެފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ފުރަތަމަ ޕެނަލްޓީ ސެނެގާލްގެ ކެޕްޓަން ކަލީދޫ ކުލިބާލީ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިސްރުގެ ޒީޒޫ ވެސް ވަނީ އެ ޓީމަށް ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ސެނެގާލްގެ ދެ ވަނަ ޕެނަލްޓީ އަބްދޫ ޑިއާލޯ ކާމިޔާބުކުރިއިރު، މިސްރުން ދެ ވަނަ ޕެނަލްޓީ ފޮނުވާލި އަބްދުލްމޮނެމް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސެނެގާލަށް ލީޑުނަގައިދޭން ގޮސް ބްރޫނޯ ސާ ޖެހި ޕެނަލްޓީ ކީޕަރު ގަބާސްކީ ވަނީ މަތަކޮށްފަ އެވެ. މިސްރުގެ ތިން ވަނަ ޕެނަލްޓީ ޖަހަންދިޔަ މަންވަރު ހަމްދީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ސެނެގާލްގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ ޒުވާން ކުޅުންތެރިޔާ އަހުމަދޫ ބަމްބާ ޑިއެން ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިސްރުގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަންދިޔަ މޮހަނާދް ލަޝީން ޖެހި ބޯޅަ ސެނެގާލްގެ ކީޕަރު މެންޑީ މަތަކުރި އެވެ. އަދި އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ޖަހައި، މެޗުން މޮޅުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނެވެ. މެޗުގައި ލިބުނު ޕެނަލްޓީ މާނޭ އަތުން ބޭކާރުވި ނަަމަވެސް އޭނާ ވަނީ މި ފުރުސަތުގެ ބޭނުންހިފައި ސެނެގާލްގެ ފަސް ވަނަ ޕެނަލްޓީ ޖަހައި، އެ ޓީމު މޮޅުކޮށްދީފަ އެވެ. މިސްރުގެ ފަސް ވަނަ ޕެނަލްޓީ ޖަހަން މަޑުކުރި ސަލާހުގެ ޕެނަލްޓީއާ ހަމައަށް ނުގޮސް ސެނެގާލުން ޗެމްޕިއަންކަން ހޯދީ އެވެ.

ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ: ކުޅުންތެރިއެއްގެ ގޮތުގައި 2002 ވަަނަ އަހަރުގެ ފައިނަލުގައި ބަލިވި ނަމަވެސް ކޯޗެއްގެ ގޮތުގައި 2022 ވަނަ އަހަރު މި ވަނީ އެފްރިކާގެ ޗެމްޕިއަންކަން ސެނެގާލަށް ހޯދައިދީފައި.-- ފޮޓޯ: އޭއެފްޕީ

މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު އެވެ. އޭނާ މި ފަހަރުގެ މުބާރާތުގައި ޖުމްލަ އަށް ގޯލު ޖެހިއިރު، މިއީ 1998 ވަަނަ އަހަރުގެ ފަހުން އެފްރިކަން ކަޕަށް ފަހު އެފްރިކާގެ އެއް މުބާރާތެއްގައި އަށް ގޯލު ޖެހި ފުރަތަމަ ފަހަރެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މާނޭ އެވެ.

އެފްރިކަން ކަޕްގެ ޗެމްޕިއަންކަން މި ފަހަރު ސެނެގާލް އިން ހޯދުމުން މި ކާމިޔާބީ ހާއްސަވާނެ އެކަކަކީ ސެނެގާލްގެ ކޯޗަކަށް ހުރި ކުރީގެ ކުޅުންތެރިޔާ އަލިއޫ ސީސޭ އަށެވެ. ސެނެގާލުން 2002 ވަނަ އަހަރުގެ އެފްރިކަން ކަޕްގެ ފައިނަލުގައި ކެމަރޫން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، ސީސޭ އަތުން ޕެނަލްޓީ ބޭކާރުވި އެވެ. އެކަމަކު، މިރޭ ސެނެގާލުން ޕެނަލްޓީ ޖަހައިގެން އެފްރިކާގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދި މިސްރު ބަލިކޮށް މުބާރާތުގެ ތަށި އުފުލާލާއިރު، ކޯޗަކީ ސީސޭ އެވެ.

ސެމީ ފައިނަލްގައި ރަތް ކާޑެއް ދެއްކުމުގެ ސަބަބުން މިސްރުގެ ކޯޗު ކާލޯސް ކުއެރޯޒް މިރޭގެ ފައިނަލުގައި ހުރީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox