ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ނެޓްފްލިކްސް އިން މިވަނީ އަނެއްކާވެސް ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އާ ކްރައިމް ޑޮކިއުމެންޓްރީއެއް ރިލީޒްކޮށްފަ އެވެ. "ޓިންޑާ ސްވިންޑްލާ" ގެ ނަން ދެވިފައިވާ މި ސީރީޒްގައި ފެނިގެންދަނީ މަޝްހޫރު ޑޭޓިން އެޕް "ޓިންޑާ" ބޭނުންކޮށްގެން ގިނަ އަދަދެއްގެ އަންހެނުންތަކެއްގެ އަތުން ފައިސާ ފޭރިގަނެފައިވާ ސައިމަން ލެވިއެވް ގެ ވާހަކަ އެވެ. ޑޮކިއުމެންޓްރީ ރިލީޒްކުރިތާ 48 ގަޑިއިރު ނުވަނީސް ސައިމަން ވަނީ އެ އެޕްލިކޭޝަން އިން "ބޭން" ކޮށްފަ އެވެ.
ޑޮކިއުމެންޓްރީގައި ބުނާގޮތުން ސައިމަން ވަނީ އޭނާ އަކީ މަޝްހޫރު ވިޔަފާރަވެރިޔާ އަދި ބިލިއަނަރު ކަމުގައިވާ "ޖަވާހިރުގެ ރަސްގެފާނު" ލެވް ލެވިއެވްގެ ދަރިއެއް ކަމަށްބުނެ އެކި އަންހެނުންނަށް އޮޅުވާލައިގެން ދިހަ މިލިއަނަށްވުރެ ގިނަ ފައިސާ ހޯދާފަ އެވެ. ޓިންޑާއިން އެކި އަންހެނުންނާ ވާހަކަދައްކާ, މުއްސަނދި ދިރިއުޅުމުގެ ދަޅަ ދެއްކުމަށް ޕްރައިވެޓް ޖެޓްތަކުގައާއި އަގުބޮޑެތި ހޮޓެލްތަކުގައި ދުނިޔޭގެ އެތަން މިތަނަށް އަންހެނުން ގޮވައިގެން ދިއުމަށްފަހު އޭނާ މަޖުބޫރު ކުރަނީ ބޮޑެތި އަދަދުތަކުގެ ފައިސާ ޖަމާކޮށްދިނުމަށެވެ. އަދި ވީހާވެސް އަސްލު ކަމަށް ދެއްކުމަށްޓަކައި ގިނަ ފަހަރު ސަބަބެއް ކަމުގައި އޭނާ ބުނަނީ އެކި ދުޝްމަނުންގެ ސަބަބުން ފުރާނަ އަށް ނުރައްކާވެގެން އުޅޭ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ޓިންޑާ އިން ރަސްމީކޮށް ބުނެފައިވާ ގޮތުގައި ސައިމަން ލެވިއެވް ގެ އެއްވެސް އެކައުންޓެއް އެވަގުތުން ފެށިގެން އެ އެޕްގައި ބޭނުމެއް ނުކުރެވޭނެ އެވެ.
މި ޑޮކިއުމެންޓްރީގައި ސައިމަންގެ ފަރާތުން 2018-2019 އާއި ދެމެދު ގެއްލުން ލިބުނު ތަފާތު ތިން އަންހެނެއްގެ ވާހަކަ ގެނެސްދެ އެވެ.

ޑޮކިއުމެންޓްރީ ރިލީޒްވުމުގެ އެއް ދުވަސްކުރިން ޓިންޑާ އިންވަނީ "ރޮމޭންސް ސްކޭމްސް" ތަކުން ރައްކާވެތިބުމަށް ގޮވާލާ ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުތަކެއްވެސް އާންމުކޮށްފަ އެވެ. ޓިންޑާއިން ބުނާގޮތުން މިފަދަ ފުރުސަތުތަކަަކަށް ބަލަބަލާ ތިބޭ މީހުންގެ ޝިކާރައަކަށް ގިނަ ފަހަރު ވަނީ ލޯބީގެ އިންތިޒާރުގައި ތިބޭ "ވަލްނަރަބަލް" މީހުންނެވެ.
ރިލީޒްކުރުމާއި އެކުވެސް ޓިންޑާ ސްވިންޑްލާ އަށް ވަނީ ބޮޑު ތަރުހީބެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިގެން ގޮސްފަ އެވެ.

ޝިމޯން ހައްޔަރު ކުރެވުނު އިރުގެ ފޮޓޯއެއް --
ސައިމަން ގެ އަސްލު ނަމަކީ ޝިމޯން ހަޔަތު އެވެ. އޭނާއަށް 2011 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން މީހުންނާ އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ ކުށްތައް ސާބިތުވެ ހުކުމްވެސް ކުރެވިފަ ވެއެވެ. އިންޓަޕޯލްގެ އެހީގައި އެންމެ ފަހުން އޭނާ ހޯދައި ހައްޔަރުކޮށް, 15 މަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއް ވަނީ ކޮށްފަ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އޭނާ ތަންފީޒުކުރީ އޭގެ ތެރެއިން އެންމެ ފަސް މަހުގެ ހުކުމެކެވެ.
އޭނާ އުޅޭ ނޫޅޭ ތަނެއް މާބޮޑަށް ސާފުނުވާއިރު, ޑޮކިއުމެންޓްރީ ރިލީޒްވުމާއެކު ދެލައްކަ ފޮލޯވަރުން ތިބޭ އޭނާގެ އިންސްޓަގްރާމުގައި ސައިމަން ވަނީ މި ހާދިސާތަކުގައި ކަންހިނގައިދިޔަ ގޮތް އޭނާވެސް ހިއްސާކުރަން ތައްޔާރަށް ހުރިކަމުގައި ބުނެފަ އެވެ. ނަމަވެސް ފަހުން އެ ޕޯސްޓްވަނީ ޑިލީޓްކޮށްފަ އެވެ.






