ބާސެލޯނާ (ފެބްރުއަރީ 6) - ސްޕެނިޝް ލީގުގައި މިރޭ ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް 4-2 އިން ބަލިކޮށް ބާސެލޯނާ ލީގުގެ ހަތަރަކަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަަނައިގައި އޮތް ރެއާލް މެޑްރިޑަށް 22 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތީ 23 މެޗުން 47 ޕޮއިންޓް ހޯދާފައިވާ ސެވިއްޔާ އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް ވަނީ 22 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. މިރޭގެ މޮޅާ އެކު ހަތަރަކަށް ޖެހިލި ބާސެލޯނާ އަށް ވަނީ 22 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ އަށް 22 މެޗުން 36 ޕޮއިންޓް ލިބުނުއިރު، އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.
މިރޭގެ މެޗުގައި ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު ކުޅުންތެރިން ވަނީ ކުޅެފަ އެވެ. އެ ގޮތުން ފުރަތަމަ އެގާރައިގައި ހިމެނިގެން ޑެނީ އަލްވޭސް އާއި ފެރާން ޓޮރޭޒް އަދި އެޑަމަ ޓްރައޯރޭ ކުޅުނުއިރު، ޕިއޭ އެމެރިކް އޮބާމަޔަން ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.
ބާސެލޯނާ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ލުއިސް ސުއަރޭޒް ދިން ބޯޅައަކުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި، ޔަނިކް ކަރާސްކޯ ވަނީ އެތުލެޓިކޯ އަށް ލީޑުނަގައިދީފަ އެވެ. އެތުލެޓިކޯ އަށް ލީޑުހިފަހައްޓައިލެވުނީ ދެ މިނިޓެވެ. ޑެނީ އަލްވޭސް ނަގައިދިން ހުރަހަކުން ޖޯޑީ އަލްބާ ވޮލީއަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އެތުލެޓިކޯގެ ކަރަސްކޯ (ކ) ކައިރިން ބާސެލޯނާގެ އެޑަމާ ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގެ 21 ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގީ އެޑަމާ ނެގި ހުރަހަކުން ގަވީ ބޮލުން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑް އަރައުހޯ ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ހިލޭ ޖެހުމެއްގައި ބާސެލޯނާ އިން އުފެއްދި އެޓޭކެއްގައި އޭރިއާތެރެއިން ހުރަސްދަނޑީގައި ޖެހިފައި ރީބައުންސް ވެގެން އައި ބޯޅަ އަރައުހޯ ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ އަލްވޭސް ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި އެތުލެޓިކޯ އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެން އަލްވޭސް ވަނީ ބާސެލޯނާގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ. މި ގޯލާ އެކު، އުމުރުން 38 އަހަރުގެ އަލްވޭސް އަކީ ބާސެލޯނާ އަށް ލީގުގައި ގޯލު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.
އެތުލެޓިކޯގެ ދެ ވަނަ ގޯލު ޖެހީ ކުރިން ބާސެލޯނާ އަށް ކުޅުނު ފޯވާޑް ލުއިސް ސުއަރޭޒް އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ހޯސޭ ގިމެނޭޒް ބޮލުން ޖައްސާލި ބޯޅަ ސުއަރޭޒް ވަނީ ގޯލުގެ ތެރެއަށް ބޮލުން ފޮނުވާލައިފަ އެވެ.
ބާސެލޯނާ އިން ފަހު ވިއްސަކަށް މިނިޓް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 69 ވަނަ މިނިޓްގައި އަލްވޭސް އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އަލްވޭސް އަށް ރަތް ކާޑު ދެއްކީ އެތުލެޓިކޯގެ ކަރަސްކޯ އަށް ނުރައްކާތެރި ފައުލެއް ކުުރުމުންނެވެ. އަލްވޭސް އަށް ރަތް ކާޑެއް ދައްކަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.












