ޔައުންޑޭ، ކެމަރޫން (ފެބްރުއަރީ 6) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ފޯރިގަދަ ފައިނަލް މެޗުގައި މިރޭ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، މިސްރާއި ފުރަތަމަ ފަހަރަށް ތަށި ހޯދުމަށް ނިކުންނަ ސެނެގާލް ވާދަކުރާއިރު، މިއި ފަހުގެ ތާރީހުގައި އެފްރިކާގައި ކުޅޭ އެންމެ ފޯރިގަދަ ފައިނަލަށް ވުމުގެ ފުރުސަތު ބޮޑެވެ.
މިސްރު މިފަހަރުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި މުބާރާތް މި ފަހަރު ބާއްވާ ގައުމު ކެމަރޫން ބަލިކޮށްގެންނެވެ. ފޭވަރިޓުންގެ ގޮތުގައި ފެނުނު ކެމަރޫން އަތުން މިސްރު މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ އަނެއްކޮޅުން ސެނެގާލް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ބުރްކީނާ ފާސޯ ބަލިކޮށްގެންނެވެ.
މިސްރު ތައްޔާރުވަނީ 12 އަހަރަށް ފަހު ތަށި ކާމިޔާބުކުރަން
މުބާރާތުގެ ތަށި ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ހޯދާފައިވާ މިސްރު ނިކުންނަނީ 2010ގެ ފަހުން ތަށި ހޯދުމުގެ އުއްމީދުގަ އެވެ. އެފްރިކާގެ އެންމެ ޝަރަފްވެރި މުބާރާތުގެ ތަށި އަށް ވަނަ ފަހަރަށް މިސްރުން ހޯދަން މަސައްކަތްކުރާއިރު، އެ ކަމަށް އެންމެ ބޭނުންވެފައި ހުރީ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހު އެވެ.
މިސްރުގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަކީ ސަލާހު ކަމަށް ބުނާއިރު، އެ ކަމަށް ބާރު ލިބެން އޮތް އެންމެ ބޮޑު ސަބަބަކީ ސަލާހުގެ ބައިވެރިވުމާ އެކު މިސްރަށް އެފްރިކަން ކަޕް ކާމިޔާބު ކުރުމެވެ. މީގެ ކުރިން 2017 ވަނަ އަހަރުގެ ފައިނަލުގައި ސަލާހު ކުޅުނު ނަމަވެސް މިސްރު ބަލިވީ އެވެ. މި ފަހަރުގެ ފައިނަލުގައި އެކަން ތަކުރާރުވާން ސަލާހު ނޭދެ އެވެ.
"އަހަރެން ޗެމްޕިއަންސް ލީގު ވެސް ހޯދިން. ތިރީސް އަހަރަށް ފަހު ލިވަޕޫލުން ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު އެ ޓީމުގައި ހުރެވުމަކީ ވެސް ވަރަށް ތަފާތު އިހުސާސެއް. އަހަރެން ސްވިޒަލެންޑްގައި (ބަސެލްގައި) ވެސް ކާމިޔާބު ހޯދިން. އެހެން ތަންތަނުގައި ވެސް ހޯދިން. އެކަމަކު، މި ވަގުތު އަހަރެން ބޭނުންވަނީ މިސްރަށް ތަށްޓެއް ހޯދައިދޭން،" ސަލާހު ބުންޏެވެ.
ފައިނަލް މެޗަށް ނުކުންނައިރު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ މިސްރަށެވެ. ސެމީ ފައިނަލްގައި ކެމަރޫނާ ދެކޮޅަށް ކުޅުނު މެޗުގައި މިސްރުގެ ކޯޗު ކާލޯސް ކުއެރޯޒަށް ރަތް ކާޑެއް ދެއްކުމުން، މިރޭގެ މެޗުގައި ޓީމަށް އިރުޝާދުދޭން ކުއެރޯޒަށް ބެންޗުގައި ނީނދެވޭނެ އެވެ.
ކުއެރޯޒްގެ ބަދަލުގައި އެޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު ވައީލް ގޮމާ އެވެ. މިސްރުގެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ އަހުމަދު ހެގާޒީ އާއި އޮމަރު ކަމާލްގެ އިތުރުން ކީޕަރު މުހައްމަދު އެލް ޝެނާވީ އަށް ވެސް މިރޭގެ ފައިނަލް މެޗުގައި ނުކުޅެވޭނެ އެވެ. ހެގާޒީ އާއި ޝެނާވީ އަށް އަނިޔާވެފައިވާއިރު، ކަމާލް ވަނީ މި މެޗަށް ކާޑު ހަމަވެގެން ސަސްޕެންޑް ވެފަ އެވެ.
މިސްރަށް އޮތް ހިތްހަމަޖެހުމަކީ ޕެނަލްޓީ ޖަހައިގެން އެ ޓީމު ދެ މެޗުން މޮޅުކޮށްދިން ގޯލްކީޕަރު މުހައްމަދު އަބޫގަބާލް (ގަބާސްކީ) ރަނގަޅު ފޯމެއްގައި ހުރުމެވެ.
ސެނެގާލްގެ ކޯޗު ސީސޭ އަށް ހާއްސަ ފައިނަލެއް
ސެނަގާލުން ފައިނަލް މެޗަށް ނިކުންނަނީ އެގައުމުގެ ތާރީޚުގައި ފުރަތަމަ ސަރަހައްދީ ތަށި ހޯދުމުގެ އުއްމީދުގަ އެވެ. މީގެ ކުރިން އެފްރިކަން ކަޕްގައި 2002 ވަނަ އަހަރާއި 2019 އަހަރުގެ ފައިނަލުން ސެނެގާލް ވަނީ ބަލިވެފައެވެ. ޖެހިޖެހިގެން ދެ ފައިނަލުން ސެނެގާލް ޖާގަ ހޯދުމަކީ އެޓީމާ މެދު ކުރެވޭ އުއްމީދު ބޮޑުވާ ކަމެއްގެ ގޮތުގައި ސަޕޯޓަރުން ދެކެ އެވެ.
ސެނެގާލްގެ ކޯޗު އަލިއޫ ސީސޭ އަށް މިއީ ހާއްސަ ފައިނަލެކެވެ. މީގެ ކުރިން އެގައުމު ބަލިވި ދެ ފައިނަލުގައި އޭނާގެ ހިއްސާ އެބައޮތެވެ. އެ ގޮތުން 2002ގެ ފައިނަލްގައި ކެމަރޫނާއި ދެކޮޅަށް ކުޅެ ޕެނަލްޓީގައި ބަލިވިއިރު، އެ މެޗުން ކެމަރޫން މޮޅުވީ ސީސޭ އަތުން ބޭކާރުވި ޕެނަލްޓީންނެވެ. 2019ގެ ފައިނަލްގައި އަލްޖީރިއާ އަތުން ސެނެގާލް ބަލިވީ އޭނާގެ ކޯޗުކަމުގެ ދަށުންނެވެ.
"ކުޅުންތެރިއެއްގެ ގޮތުގައިވެސް އަދި ކޯޗެއްގެ ގޮތުގައިވެސް މިފަހަރު މި ތައްޓަށް ކުރެވޭ އުއްމީދު މާ ބޮޑު، އަނެއްކޮޅުން މި ނިކުންނަނީ މިސްރާއި ދެކޮޅަށް. ވަރަށް ފޯރިގަދަ ވާނެ. އަހަރެންގެ އަމާޒަކީ މިވީ ހުރިހާ ދުވަހު ގައުމުގެ ރައްޔިތުން ކުރަމުން އަންނަ އުއްމީދު ހަގީގަތަކަށް ހެދުން" ކޯޗު ސީސޭ ބުންޏެވެ.
މިރޭ ސެނެގާލާއި މިސްރު ކުޅޭ ފައިނަލަކީ އެ ދެ ޓީމުގައި ހިމެނޭ ލިވަޕޫލްގެ ދެ ފޯވާޑުން ކަމަށްވާ މިސްރުގެ ސަލާހާއި ސެނެގާލްގެ ސަޑިއޯ މާނޭގެ ކުރިމަތިލުމެއްގެ ގޮތުގައި އިނގިރޭސި މީޑިއާ އިން އަންނަނީ ސިފަކުރަމުންނެވެ. އެކަމަކު، ސީސޭ ދެކެނީ މިއީ ދެ ކުޅުންތެރިންނަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ ދެ ގައުމުގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ.
ލިވަޕޫލްގެ ދެ ފޯވާޑުންގެ ބޮޑު ކުރިމަތިލުން: ލިވަޕޫލްގެ ކޯޗު ކްލޮޕް ހުރީ ޕޮޒިޓިވްކޮށް
އިނގިރޭސި މީޑިއާތަކުން އަންނަނީ އެފްރިކަން ކަޕްގެ ފައިނަލުގައި ސަލާހާއި މާނޭގެ ކުރިމަތިލުމެއް ފެންނާނެތީ އެ ދެ ކުޅުންތެރިން ކުޅެމުން އަންނަ ކްލަބް، ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ވެސް ސުވާލުތަކެއް ކުރިމަތިކުރުވަމުންނެވެ.
ކްލޮޕް ބުނީ ލިވަޕޫލްގެ ދެ ތަރިން ފައިނަލުގައި ވާދަކުރުމަކީ އޭނާއަށް ބޮޑު އުފަލަކާއި ފަހުރެއް ލިބޭކަމެއް ކަމަށެވެ. އަދި ދެ ކުޅުންތެރިންނަށް މި ފައިނަލުން ލިބުނު ތަޖުރިބާއަކީ ލިވަޕޫލަށް ކުރިއަށް އޮތްތާނގައި އޭގެ ފައިދާ ކުރާނެކަމެއް ކަމެއްގެ ގޮތުގައި ކްލޮޕް ގަބޫލުކުރެ އެވެ.
"އެ ދެ ކުޅުންތެރިން (ސަލާހާއި މާނޭއާ މެދު) އަހަރެން ފަހުރުވެރިވަން. އެ ދެ ކުޅުންތެރިން ފައިނަލާ ހަމައަށް ދިޔުމަކީ ބުރަ މަސައްކަތެއް. ދެ ޓީމުގެ ދެ ތަރިންނަކީ ވެސް އެއީ. އެހެންވީމަ އެ ދެ ކުޅުންތެރިންނަށް އޮތް ޕްރެޝަރުވެސް ބޮޑުވާނެ. ޔަގީނުންވެސް ލިވަޕޫލްގެ އެންމެން މެޗު ބަލާނެ." ކްލޮޕް ބުންޏެވެ.
ސަލާހު ބުނީ މާނޭ އަށް މި ފަހަރުގެ އެފްރިކަން ކަޕްގެ މެޗެއްގެ ތެރެއިން އަނިޔާވެގެން ހާލު އޮޅުންފިލުވިކަމަށާއި އަބަދުވެސް އެ ގާތްކަން އޮންނާނެ ކަމަށެވެ. ފައިނަލުގައި މާނޭއާ ދެކޮޅަށް ކުޅެން ޖެހޭއިރު، މެޗުގައި ވާދަވެރިކަން އޮންނާނެ ކަމަށް ސަލާހު ވެސް ވަނީ ބުނެފަ އެވެ.
"ވަރަށް ތަފާތު އިހުސާސެއް ކުރެވެނީ މި ފައިނަލުގައި އެކުވެރި މާނޭއާ ދެކޮޅަށް ކުޅެން ޖެހޭތީ. މެޗުގައި އަހަރުމެންނަކީ ދެ ވާދަވެރިން. އެކަމަކު، މެޗު ނިމުނީމަ އެކަން އެ ނިމުނީ." ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާހު ބުންޏެވެ.
ސެނެގާލާއި މިސްރުގެ ވާދަވެރިކަން މި ފަހަރުގެ އެފްރިކަން ކަޕްގެ ފައިނަލާ ހަމައިން ނުނިމޭނެ އެވެ. މި އަހަރުގެ ފަހުކޮޅުގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ އެފްރިކަން ޕްލޭއޮފްގައި ވެސް މިސްރާއި ސެނެގާލް އަންނަ މަހު ކުޅޭނެ އެވެ. ގަތަރު ވޯލްޑް ކަޕުން ފުރުސަތު ލިބޭނީ މިސްރާއި ސެނެގާލް ތެރެއިން އެއް ޓީމަށެވެ.
ކެމަރޫންގެ އޮލެމްބޭ ސްޓޭޑިއަމްގައި މިރޭ ކުޅޭ ފައިނަލް މެޗު ބައްލަވާލެއްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އެފްރިކާގެ ފުޓްބޯޅަ އިދާރާގެ ރައީސް ޕެޓްރިސް މޮޓްސެޕޭގެ އިތުރުން ސެނެގާލްގެ ރައީސް މަކީ ސާލް އަދި ކެމެރޫންގެ ރައީސް ޕައުލް ބިޔާ ވެސް ވަޑައިގަންނަވާނެ އެވެ.
ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.












