ޕެރިސް (ފެބްރުއަރީ 6) - މި ސީޒަން ނިމުމާ އެކު، ޕީއެސްޖީގެ ކޯޗުކަމުން އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓިނޯ ވަކިކުރާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
ޕީއެސްޖީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވި ފަހުން، އޭނާ އަށް ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި ފްރެންޗް ކަޕްގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ނީސް އަތުން ބަލިވެ ޕީއެސްޖިީ މުބާރާތުން ކެޓުމާ އެކު، ޕޮޗެޓިނޯ އަމާޒުވެފައިވާ ފާޑުކިއުންތައް ވަނީ އިތުރުވެފަ އެވެ.
ޕީއެސްޖީއާ މި ފަހުން ހަވާލުވި ކޯޗުން ތެރެއިން، އެންމެ ދަށް "ވިން ރޭޓް" އޮތީ ޕޮޗެޓީނޯގެ އަތުގަ އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ޕޮޗެޓީނޯގެ ބަދަލުގައި، ޕީއެސްޖީން ބޭނުންވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދީން ޒިދާނަށް އެ ޓީމމު ހަވާލުކުރާށެވެ. ޕީއެސްޖީގެ ކޯޗުކަމާ ޒިދާން ހަވާލުވުމަކީ ގާތްކަމެއް ކަމަށް ރިޕޯޓްތަކުން ބުނެފަ އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ޕީއެސްޖީން ޕޮޗެޓީނޯ ވަކިކޮށްފި ނަމަ، އޭނާ ގެންދަން މެންޗެސްޓާ ޔުނައިޓަޑުން ޝައުގުވެރިވެ އެވެ. ޕޮޗެޓީނޯ ގެންދަން ޔުނައިޓަޑުން މީގެ ކުރިން ވެސް މަސައްކަތްކުރި އެވެ. -- ބީބީީސީ












