މިއުނިކް (ފެބްރުއަރީ 5) - ޖަރުމަނު ލީގުގައި މިރޭ އާރްބީ ލައިޕްޒިގު އަތުން 3-2 އިން މޮޅުވެ، ބަޔާން މިއުނިކުން ލީގުގެ އެއް ވަަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ބަޔާން އެއް ވަނައިގައި އޮތީ 21 މެޗުން 52 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 20 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މާދަމާ ބަޔާ ލެވަކޫސަން އަތުން މޮޅުވެގެން ޑޯޓްްމަންޑަށް ބަޔާންގެ ލީޑު ހަ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.
ޖަރުމަނުގެ މަޝްހޫރު ސްޓޭޑިއަމް، އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗު ފަށައިގެން 12 ވަނަ މިނިޓްގައި ބަޔާނުން ލީޑުނެގީ ތޯމަސް މުލާ ޖެހި ގޯލަކުންނެވެ. މި ގޯލަކީ ރޮބަޓް ލެވަންޑޯސްކީ ޖެހި ބޯޅައެއް ލައިޕްޒިގުގެ ކީޕަރު ހަންގޭރީގެ ޕީޓަ ގުލާކްޝީ އަތުގައި ޖެހިފައި ރީބައުންސް ވެގެން ނުކުތް ވަގުތު މުލާ ޖެހި ގޯލެކެވެ.
ލައިޕްޒިގުން ވަނީ މެޗުގެ 27 ވަނަ މިނިޓްގައި ޕޯޗުގީސް ފޯވާޑް އަންދްރޭ ސިލްވާ ޖެހި ގޯލުން ނަތީޖާ ހަމަަހަމަކޮށްފަ އެވެ. ބަޔާން އޭރިއާތެރެއިން ލައިޕްޒިގުގެ ކޮންރަޑް ލައިމާ ހުރަސްކޮށްލި ބޯޅައެއް ބަޔާން ޑިފެންޑަރުންނަށް ސަލާމަތް ނުކުރެވިގެން ލިބުނީ އަންދްރޭ ސިލްވާ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ތިރިތިރިން ބޯޅަ ފޮނުވާލައިފަ އެެވެ.
ބަޔާނުން ވަނީ މެޗުގެ 36 ވަނަ މިނިޓްގައި މުލާ ޖެހި ގޯލަކުން އަލުން ލީޑުނަގައިފަ އެވެ. އެކަމަކު، މި ގޯލު ބަލައިނުގަންނަން ނިންމީ އެ އެޓޭކް ފެށިއިރު، ލެވަންޑޯސްކީ ލައިޕްޒިގުގެ ކުޅުންތެރިއަކަށް ފައުލެއްކޮށްފައިވާތީ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ކިންގްސްލީ ކޯމަން ނަގައިދިން ހުރަަހަކުން ބޮލުން ގޯލެއް ޖަހައި ލެވަންޑޯސްކީ ވަނީ ބަޔާނަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ލެވަންޑޯސްކީ މި ޖެހި ގޯލަކީ މި ފަހަރު ޖަރުމަނު ލީގުގައި އޭނާގެ 24 ވަނަ ގޯލެވެ.
ދެ ވަނަ ހާފްގައި ކުޅެން ނުކުމެ، އަށް މިނިޓް ތެރޭ ލައިޕްޒިގުން ވަނީ އަނެއްކާ ވެސް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ފަހަރު ވެސް ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ ލައިމާ އެެވެ. މެޗުގެ 53 ވަނަ މިނިޓްގައި ލައިމާ ދިން ބޯޅައެއް ހިފައިގެން ގޮސް ލައިޕްޒިގުގެ ކުރިއަށް ކުޅޭ ކްރިސްޓިއަން އެންކުންކޫ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
އޭގެ ފަސް މިނިޓް ފަހުން ބަޔާނުން މެޗުން މޮޅުވި ގޯލު ޖެހިއިރު، މިއީ ލައިޕްޒިގުގެ ޖޮސްކޯ ގްވާޑިއޯލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 58 ވަނަ މިނިޓްގައި ބަޔާންގެ ސާޖް ގްނަބްރީ ގޯލު ކުރިމައްޗަށް ހުރަސްކުރަން ނެގި ބޯޅަ ގްވާޑިއޯލް ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަނީ ގޯލުގެ ދުރު ކަނަށެވެ.
މިރޭގެ މެޗަކީ ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ ޖަރުމަނު ލީގުގައި މޮޅުވި 310 މެޗެވެ. މިއާ އެކު ކުރިން ޝާލްކާ އަށް ވެސް ކުޅެފައިވާ ނޯޔާ ވަނީ ޖަރުމަނުގެ ލެޖެންޑަރީ ގޯލްކީޕަރު އޮލިވާ ހާންގެ މޮޅުވުމުގެ ރެކޯޑާ ހަމަކޮށްފަ އެވެ.
ޖަރުމަނު ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާރްމީނިއާ ބީލަފެއިލްޑް ވަނީ 1-1 އިން ބޮރޫޝިއާ މުންޗެންގްލަޑްބެކާ އެއްވަރުވެފަ އެވެ. މައިންޒުން 2-0 އިން ހޮފެންހައިމް ބަލިކުރިއިރު، ސްޓުޓްގާޓް ދަނޑުގައި ފްރޭންކްފާޓް މޮޅުވީ 3-2 އިންނެވެ.












