މި ޒަމާނުގައި ކައިވެންޏެއް ކުރަނީ ކައިވެނީގެ ކުރިން ދެމީހަކަށް އެކަކު އަނެކަކު އެނގި، ކަމުގޮސްގެންނެވެ. ކައިވެނީގެ ވަލީމާ އާއި ކައިވެނީގެ އުފަލަށްޓަކައި އެތައް ހޭދައެއް ކުރާ ސަބަބަކީ، މި ކައިވެންޏަކީ މުޅި ދިރިއުޅުން ބިނާ ކުރާނޭ ބިންގާ ކަމަށް ގަބޫލުކުރާތީ އެވެ. ދިރިއުޅުން ކުރިއަށް ބައްޓަންކޮށް ކުރަހާ މުސްތަގުބަލުގެ ތަސްވީރުގައި ކުލަ ފަވާލަނީ ދެމީހުންގެ އަތުންނެވެ. ހިތާމައާ މާޔޫސްކަމުގެ އެންމެ ކުލައެއްވެސް އެ ތަސްވީރަކު ނުހިމެނެ އެވެ. އެ ތަސްވީރުގެ އެއްވެސް ކަނެއްގައި އެކަނި ކުރަން ރޭވި ދަތުރެއް ނުހިމެނެ އެވެ. ކައިވެނީގެ ގޮށް ޖަހާލީ މާތްﷲ ގެ ވަޖުހުފުޅަށްޓަކައި އެކަކު އަނެކަކު ދެކެ އުމުރަށް ލޯބިވުމަށް ވައުދު ވަމުންނެވެ.
މިހައި ސާފު ހިތަކާއެކު ކުރާ ކައިވެނިވެސް ރޫޅާލަންޖެހިދާނޭ ހާލަތެއް އައިސްދާނޭކަން އެއީ އަހަރުމެންގެ މާތް ދީނުގައި ބަލައިގަނެފައި އޮތް ކަމެކެވެ. ކައިވެނީގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހުމަކީ އެންމެ ހެޔޮ ރަނގަޅު ގޮތްކަމުގައި ވެދާނޭ ހާލަތުތަކެއްވެސް ދީނުގައި ބުނެދީފައި އެބަހުއްޓެވެ. ދެމަފިރިޔަކު ތިޔަތިބީ އެފަދަ ހާލަތެއްގައިކަން މަޝްވަރާއިން ދެނެގަނެވިއްޖެނަމަ ކައިވެނި ރޫޅާލުމަކީ ދީން ހުއްދަ ކުރާ ކަމެކެވެ. އޮތީ އެންމެ ޝަރުތެކެވެ. ހެޔޮގޮތުގައި ވަކިވުމެވެ.
އަލްބަޤަރާ ސޫރަތުގެ 231 ވަނަ އާޔަތަށް ވިސްނާފިކުރު ހިންގާލުން މުހިންމެވެ.
"ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ އިއްދަހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ރުޖޫއަކުރާށެވެ. ނުވަތަ، ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ! އަދި، ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ! އަދި، އެކަން އެގޮތަށް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފުސަށް އަނިޔާކޮށްފިކަން ކަށަވަރެވެ. އަދި ﷲ ގެ އާޔަތްތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! އަދި، ތިޔަބައިމީހުންނަށް ﷲ ދެއްވި ނިއުމަތާއި، އަދި، ފޮތާއި، ހިކުމަތުގެ ތެރެއިން ތިޔަބައިމީހުންނަށް ބާވައިލެއްވި ތަކެތި، ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ އެއިން ތިޔަބައިމީހުންނަށް ނަސޭހަތް ވަހީކުރައްވަ އެވެ. އަދި، ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ! އަދި، ހަމަކަށަވަރުން، ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދަ ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ. ތިޔަބައިމީހުންކުރެ ﷲ އަށާއި، އާހިރަތް ދުވަހަށް އީމާންވާ މީހުންނަށް ނަސޭހަތް ދެއްވާފައިވާގޮތަކީ އެއީ އެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާހުރި، އަދި، ތާހިރުކަންބޮޑު ގޮތަކީވެސް އެއީމެއެވެ. (ތިޔަބައިމީހުންނަށް މަސްލަހަތު ހުރިގޮތް) ﷲ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެ އެވެ."
ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލައެއްގެ ހައްލަކީ ތޫނު ހަތިޔާރުގެ ބޭނުންކުރުން ކަމަށް ހިތުން ހެޔޮނުވާނެ އެވެ. ދިމާވީ ކޮންމެ ފަދަ ހާލަތެއް ނަމަވެސް އަނިޔާވެރިވުން ހުއްދައެއް ނޫނެވެ. ގެއްލުން ދިނުމާއި ގެއްލުން ލިބިގަތުމަކީ ދީން ދައްކާ މަގެއް ނޫނެވެ.
ދެމަފިރިއެއްގެ ދެމެދުގައި އޮންނާންވީ ލޯތްބާއި އިހުތިރާމުގެ މިސާލުތައް އަމަލު ދައްކަވައި، މާތް ނަބިއްޔާ ދެއްކެވި ނަމޫނާތަކަށް ބައްލަވާށެވެ.
އަހަރުމެން މުސްލިމުންގެ ނަމޫނާ މާތް ނަބިއްޔާއާ ބެހޭގޮތުން އެކަލޭގެފާނުގެ އަނބިކަނބަލުން އުންމުލްމުއިމިނީން ސިއްތުނާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ބަޔާންކުރައްވާ ގޮތުގައި މާތް ނަބިއްޔާ އަމިއްލަފުޅަށް ކެއުން ވެސް ތައްޔާރުކުރައްވަ އެވެ. އަދި ގޭތެރޭގެ ތަފާތު މަސައްކަތްތައް ކުރައްވަ އެވެ. އެއްދުވަހަކު އިތުރު އެކަލޭގެފާނު މިސްކިތުގައި އިޢުތިކާފަށް އިންވަނިކޮށް އަނބިކަނބަލުން އުންމުލްމިއިމިނީން ސިއްތުނާ ޞަފިއްޔާ ވަޑައިގެންނެވި އެވެ. ދެން އެކަމަނާއާ ވާހަކަފުޅުދެއްކެވުމަށް މާތް ނަބިއްޔާ އިންނެވި އެވެ. އަދި އެކަމަނާ އެނބުރި ވަޑައިގެންނެވުމަށް ތެދުވެވަޑައިގަތުމުން މާތް ނަބިއްޔާ ވެސް ތެދުވެވަޑައިގެން އެކަމަނާގެ ކޮޓަރިކޮޅާ ހަމައަށް ގެންގޮސްދެއްވި އެވެ.
އެތައް ގޮތަކުން ރިވާވެފައިވާ ގޮތުގައި އެކަލޭގެފާނު ދަމުނަމާދަށް ތެދުވެވަޑައިގެންފައިވެސް އަނބިއަނބިކަނބަލުންނާ ވާހަކަދައްކަވާ ހައްދަވަ އެވެ. މާތް ނަބިއްޔާއަކީ ޝަރުއީ އިލްމައިގެން ފޮނުއްވުނު ނަބިއްޔާކަމަށްވީހިނދުވެސް، ބައެއް މައްސަލަތަކުގައި އިތުރު އެކަލޭގެފާނާ ބައެއް އަނބިއަނބިކަނބަލުން ބަހުސްކުރައްވާފައި ވެއެވެ. އެކަނބަލުންނަށް މާތް ނަބިއްޔާ ޖަވާބުދެއްވާފައި ހުރީ އޯގާތެރިކަމާއި ކުނުލުވެރިކަމާއެކު އެވެ. މަޝްހޫރު ސުލްހަދައިބިއްޔާގައި އިތުރު އެކަލޭގެފާނުގެ އެންމެ ވިސްނުންފުޅު ބޮޑުވި ކަންތަކުގައި އަނބިކަނބަލުން އުންމުސަލަމާގެ މަޝްވަރާ އައްސަވައި އުންމު ސަލަމާގެ މަޝްވަރާއާ އެއްގޮތަށް ކަންތައްކުރެއްވި އެވެ. މާތް ނަބިއްޔާގެ ފުރަތަމަ އަނބިކަނބަލުން މުއުމިންތަކުންގެ މަންމާފުޅު ޚަދީޖާ ރަޟިޔަﷲ ޢަންހާ ދުނިޔޭގައި ހުންނެވިހާ ދުވަހަކު އެކަލޭގެފާނު އިތުރު ކައިވެނިފުޅެއް ކުރައްވާފައިނުވާކަމީ، ޚަދީޖަތުގެފާނަށް އިތުރު އެކަލޭގެފާނު އޮތް ލޯބިވެތިކަމުގެ ބޮޑުކަން ދައްކުވައިދިން ނަމޫނާއެކެވެ.
އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން އިތުރު އެކަލޭގެފާނު ގެކޮޅުގައި ކަންކަން ކުރައްވާ ގޮތާމެދު ސުވާލުކުރެވުނެވެ. އެހިނދު އެކަމަނާ ވިދާޅުވި އެވެ. އެކަލޭގެފާނަކީ، އިންސާނުންގެ ތެރެއިން އިންސާނެކެވެ. ހެދުންކޮޅު ފައްސަވަ އެވެ. އަމިއްލަފުޅަށް ބަކަރިން ކިރުފެއްލަވަ އެވެ. އަމިއްލަ ނަފުސަށް ހިދުމަތްކުރައްވަ އެވެ.
މާތް ނަބިއްޔާ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުއާމަލާތުކުރެއްވުމުގައި އުންމަތަށް ދެއްކެވި ނަމޫނާއަކީ އެއީ އެވެ. މާތް ﷲ އަހަރެމެންގެ ނަފުސުތަކުން އަހަރެމެންގެ އަނބީން ހެއްދެވި ހެއްދެވުން އެކަލާނގެ ސިފަކުރައްވާފައިވަނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެއްކެއްގެ ގޮތުގަ އެވެ. އައްރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ. "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކަ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."
އަންނިސާއު ސޫރަތުގެ 19 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ. "އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!" މިއާޔަތުގެ ތަފްސީރުގައި އިބްނުކަޘީރު ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. މިބަސްފުޅުން އަމުރުވެވިފައިވަނީ ވާހަކަދެއްކުމުގައި ލޯބިން ވާހަކަދެއްކުމާއި ކުޅަދާނަވީ މިންވަރަކުން ރީތިކޮށް ހުރުމާއި އެންމެހާ ގޮތަކުން އެކަނބަލުންނާއެކު މުޢާމަލާތުކުރުމުގައި ރީތިގޮތް އިހުތިޔާރުކުރުމަށެވެ. ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮ މީހެކެވެ.
އިސްލާމްދީން ގޮވާލި ގޮތަކީ އަދި މާތް ނަބިއްޔާ ދެއްކެވި ނަމޫނާއަކީ އަނބީންނާއެކު ލޯބިން އުޅުމެވެ. ލޯބިން ވާހަކަދެއްކުމެވެ. ލޯބިން ދިރިއުޅުމެވެ. ލޯބިން އެއްބާރުލުންދިނުމެވެ. ލޯބިން އެކީގައި އުޅުމެވެ. މައްސަލަޖެހި ފޫހިވެ ދެފަރާތް ވަކިވާންޖެހޭ ހިނދުގައި ވެސް ހެޔޮގޮތުގައި ވަކިވެދިއުމެވެ.








