އެފްރިކަން ކަޕް: ކެމަރޫން ކަޓުވާލައި މިސްރު ފައިނަލުގެ ފަހު ޖާގަ ހޯދައިފި

Feb 3, 2022, 10:18 PM
މިސްރުގެ ކީޕަރު ގަބާސްކީ އާއި ސަލާހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިސްރުގެ ކީޕަރު ގަބާސްކީ އާއި ސަލާހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔައުންޑޭ، ކެމަރޫން (ފެބްރުއަރީ 4) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ޕެނަލްޓީ ޖަހައިގެން 3-1 އިން ކެމަރޫން ކަޓުވާލައި މިސްރު މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި މިސްރު ނުކުންނާނީ ސެނެގާލާ ދެކޮޅަށެވެ. ސެނެގާލުން ސެމީގައި ބުރްކީނާ ފާސޯ އަތުން މޮޅުވެގެން ޖެހިޖެހިގެން ދެ ވަނަ ފަހަރު ފައިނަލުގައި ކުޅޭއިރު، އެ ޓީމަށް މި މުބާރާތުގެ ތަށި އުފުލާލެވިފައިނުވެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ ފައިނަލުގައި ސެނެގާލް ވަނީ އަލްޖީރިއާ އަތުން ބަލިވެފަ އެވެ.

ހަތް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދި މިސްރުން އަންނަ މަހު ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ވެސް ސެނެގާލާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ. އެއީ ގަތަރުގައި މި އަހަރު ނޮވެމްބަރާއި ޑިސެމްބަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގައެއް ހޯދާށެވެ. އެކަމަކު، މި ވަގުތު މިސްރާއި ސެނެގާލްގެ ފޯކަސް އަކަށް ވާނީ އާދިއްތަ ދުވަހު ކުޅޭ ފައިނަލުން މޮޅުވެ، އެފްރިކާގެ ޗެމްޕިއަނަށް ވުމުގެ ޝަރަފް ހޯދުމެވެ.

މިރޭގެ މެޗުގައި މިސްރާއި ކެމަރޫނަށް ގޯލު ޖަހާނެ މާ ގިނަ ހުސް ފުރުސަތުތަކެއް ނުލިބެ އެވެ. ފުރަތަމަ ހާފުގައި މިސްރު އޭރިއާތެރެއިން ކެމަރޫންގެ ކާލް ޓޯކޯ އެކަމްބީ އަށް ލިބުނު ބޯޅައެއް އޭނާގެ ފަޔަށް ރަނގަޅަށް ނޭރުމުން ފޮނުވާނުލެވުނެވެ. ކެމަރޫނުން ފުރަތަމަ ހާފުގައި އުފެއްދި އެޓޭކެއްގައި މިސްރުގެ ގޯލު ހުރަސް ދަނޑިއަށް ވެސް ވަނީ ބޯޅަ އަމާޒުވެފަ އެވެ.

ކެމަރޫންގެ އަބޫބަކާރު (ވ) މިސްރުގެ މުހައްމަދު އެލްނެނީ ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ދެ ވަނަ ހާފުގައި މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހަށް ހުސް ފުރުސަތެއް ލިބުނެވެ. ކެމަރޫންގެ ޑިފެންޑަރު ނޯހޯ ޓޯލޯ ފަހަތަށް ޖައްސާލި ބޯޅަ ހޯދައި ސަލާހު މަސައްކަތްކުރީ ކެމަރޫންގެ ކީޕަރު އަންދްރޭ އޮނާނާ ކައިރިން ނައްްޓާފައި ގޯލު ޖަހާށެވެ. އެކަމަކު، އޮނާނާ ވަނީ ސަލާހު ބޯޅަ ކުރިއަށް ޖައްސާލި ވަގުތު އެ ބޯޅަ ހުއްޓުވައިފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮތްއިރު، މިސްރުގެ ކޯޗު ކާލޯސް ކުއެރޯޒް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލައިފަ އެެވެ. ކުއެރޯޒަށް ދެ ރީނދޫ ކާޑު ވެސް ދެއްކީ މެޗުގެ ރެފްރީ ބަކާރީ ގައްސާމާގެ ނިންމުންތަކާ ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. މި ރަތް ކާޑުގެ ސަބަބުން ފައިނަލް މެޗުގައި ކުއެރޯޒަށް މިސްރުގެ ބެންޗުގައި ނީނދެވޭނެ އެވެ.

ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފަށް ބަލާއިރު، އެންމެ ރަނގަޅު ފުރުސަތު ހޯދީ މިސްރުންނެވެ. އެ ގޮތުން އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ކޮޅުގައި މިސްރުގެ ވިންގް ރަމަދާން ސޯބީ އަރިމަތިން ހުސްކޮށް ވަދެ ހުރަސްކޮށްލި ބޯޅަ ޖަހަން އެރި މިސްރުގެ ތިން ކުުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއަކަށް ނުލިބުނެވެ.

މިސްރުން މި ފަހަރުގެ އެފްރިކަން ކަޕްގެ ނޮކައުޓް ތިން މެޗުން ވެސް މޮޅުވީ އިތުރު ވަގުތު ކުޅެގެންނެވެ. އޭގެ ތެރެއިން ގަދަ 16 ބުރުގައި އައިވަރީ ކޯސްޓް އަތުންނާއި މިރޭ ސެމީގައި ކެމަރޫން އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ދެ ޕެނަލްޓީ ޝޫޓްއައުޓްގައި ވެސް ތަފާތު ދެއްކީ ކީޕަރު މުހައްމަދު އަބޫގަބާލް (ގަބާސްކީ) އެވެ.

މިސްރުގެ އެއް ވަނަ ކީޕަރު މުހައްމަދު އެލް ޝަނާވީ އަށް އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ގަބާސްކީ ކުޅެން އަރައި އައިވަރީ ކޯސްޓްގެ އެރިކް ބައީ ޖެހި ޕެނަލްޓީ މަތަކޮށް މިސްރު މޮޅުކޮށްދިނެވެ. މިރޭ ގަބާސްކީ ވަނީ ކެމަރޫނުން ޖެހި ދެ ޕެނަލްޓީއެއް މަތަކޮށްފަ އެވެ. ގަބާސްކީ މިރޭގެ މެޗުގައި ކުޅުނީ ކުއާޓާގައި މޮރޮކޯ އަތުން މިސްރު މޮޅުވި މެޗުގައި އަނިޔާވެގެން ބަދަލުކުރުމަށް ފަހު ރިކަވާވެގެންނެވެ.

މިސްރު ޕެނަލްޓީ ޖަަހައިގެން މޮޅުވުމުން އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެނަލްޓީގައި ފުރަތަމަ ޖަހަންދިޔަ ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. މިސްރުން ފުރަތަމަ ޕެނަލްޓީ ޖެހި ޒީޒޯ ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ. ކެމަރޫންގެ ދެ ވަނަ ޕެނަލްޓީ ހެރޯލްޑް މޮކޯޑީ ފޮނުވާލުމުން ގަބާސްކީ މަތަކުރިއިރު، މިސްރުގެ ދެ ވަނަ ޕެނަލްޓީ އަބްދުލްމޫނެމް ކާމިޔާބުކޮށް އެ ޓީމަށް ލީޑުނަގައިދިނެވެ. އޭގެ ފަހުން ކެމަރޫންގެ ޖޭމްސް ލެ ސިލީކީ ޖެހި ޕެނަލްޓީ ކީޕަރު ގަބާސްކީ ހުއްޓުވިއިރު، މިސްރުން ތިން ވަނަ ޕެނަލްޓީ ޖަހަން ދިޔަ މުހައްމަދު ލަޝީން ޕެނަލްޓީ ކާމިޔާބުކޮށް މިސްރުގެ ލީޑުފުޅާކުރި އެވެ.

ކެމަރޫންގެ ހަތަރު ވަނަ ޕެނަލްޓީ ޖެހީ ކްލިންޓަން އެންޖީ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ބޭރުދިޔައިރު، މިސްރުން ފަހު ދެ ޕެނަލްޓީ ނުޖަހަނިސް މެޗުން މޮޅުވީ އެވެ. ސަލާހު މަޑުކޮށްގެން ހުރީ ފަސް ވަނަ ޕެނަލްޓީ ޖަހާށެވެ. އެކަމަކު، އޭނާއާ ހަމައަށް ޕެނަލްޓީ ޝޫޓައުޓް ނުދަނިސް މެޗު ނިމި މިސްރު މޮޅުވީ އެވެ.

ކެމަރޫނުން 2017 ވަަަނަ އަހަރުގެ އެފްރިކަން ކަޕް ކާމިޔާބުކުރީ ފައިނަލުގައި މިސްރު ބަލިކޮށްފަ އެވެ. މިސްރުން މި ފަހަރު ކެމަރޫންގެ އަމިއްލަ ފަސްގަނޑުގައި މޮޅެއް ހޯދުމަކީ ކުރިން ފައިނަލުން ބަލިވުމުގެ ރަނގަޅު ބަދަލުހިފުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox