ހުލާސާކޮށް އިއްޔެ: ރައީސް ސޯލިހުގެ ހަތަރު ވަނަ ރިޔާސީ ބަޔާން

މިއަހަރުގެ ފުރަތަމަ ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ސޯލިހު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވަވަނީ. މި ބަޔާނުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާފައިވާ ކަންތައްތަކާއި ކުރިޔަށް ރާއްވަވާފައިވާ ކަންތައްތައް ހިއްސާކުރައްވާފައި -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިއަހަރުގެ ފުރަތަމަ ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ސޯލިހު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވަވަނީ. މި ބަޔާނުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާފައިވާ ކަންތައްތަކާއި ކުރިޔަށް ރާއްވަވާފައިވާ ކަންތައްތައް ހިއްސާކުރައްވާފައި -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރު ވަނަ ރިޔާސީ ބަޔާން އިއްވެވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.

އިއްޔެ ހެނދުނު ނުވައެއް ޖެހިއިރު ފެށި މި ޖަލްސާއަށް ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް ގްރީން ޒޯނުގެ ބޮޑު ސަރަހައްދެއް އޮތީ ބަންދުކޮށްފަ އެވެ. މުލިއާގެއިން ފައިމަގުގައި ހިންގާވަފައި ވަޑައިގެންނެވި ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކުރީ އެވެ.

މިއީ ސައިކަލެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލައިން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ރިޔާސަތުގައި ރައީސް ސޯލިހު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނެވެ. ރައީސްގެ ބަޔާން ފެއްޓެވީ ޝީދަށް ދިން ނުރައްކާތެރި ހަމަލާގެ ހަނދާން އާކުރައްވަމުންނެވެ.

"ރައްޔިތުންނަށްޓަކައި މަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ މިސާލެއް. މާތް ﷲ ގެ އޯގާވަންތަކަމާއި ރަހުމަތްފުޅުން މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދިރުމެއް. ރާއްޖޭގެ އިންސާނީ ހައްގުތައް ދިރުވައި އަލާކުރުމަށް ލިބުނު އިތުރު ދިރުމެއް." ނަޝީދުގެ ހިތްވަރަށް ތައުރީފް ކުރައްވަމުން ރައީސް ސޯލިހު އިއްޔެ ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ރިޔާސީ ދައުރު ނިމުމުގެ ކުރިން ހައްލުކުރައްވާނެ ކަމަށް ރައީސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ. އެގޮތުން، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 1,000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2,000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން 2،000 އަށްވުރެ ގިނަ ގޯތި ދޭނެ ކަމުގެ ވައުދުވެވަޑައިގެންނެވި އެވެ. އަދި، ތިލަމާލެ ބްރިޖު ގޮސް ގިރާވަރު ފަޅާއި ގުޅާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިއްޔެ ރައީސް ވަނީ އަންނަ މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމުގެ އުފާވެރި ހަބަރު ދެއްވާފަ އެވެ. އެ ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ. އެއީ %56 ގެ ކުރިއެރުމެކެވެ.

"އަންދާޒާ ކުރެވިފައިވާ އިގުތިސޯދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ އަޒުމް. ކޮވިޑް-19 ގެ ކުރިން އޮތް ހިސާބަށް އިގުތިސޯދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ އިރާދަ ކުރެއްވިއްޔާ 2023" ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިއްޔެ ރައީސް ވިދާޅުވި އެވެ.

ހަމައެހެންމެ އެމަނިކުފާނު އިއްޔެ ވިދާޅުވި ގޮތުގައި ހަތް އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިއަހަރު ފަށާނެ އެވެ. އެއިން ކޮންމެ ހޮސްޕިޓަލަކަށް 50 އެނދު އިތުރުކުރުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރު ފަށާނެ މަސައްތަކެވެ. ރާއްޖޭގެ 12 ރަށެއްގައި 30 އެނދުގެ އާ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

"މިއަހަރުގެ މެދުތެރޭގާ ތަހުގީގު އެއްކޮށް ނިންމާ ކޮމިޝަންގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެކަމުގެ ޔަގީންކަން [ކޮމިޝަނުން] ވަނީ ދެއްވާފައި،" ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރި އާ ޖީލެއް ބިނާކުރުމެވެ. ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތަފްސީލްތައް ހިއްސާކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ މި އަހަރު 720 ދަރިވަރަކަށް ލޯނު ދޫކުރަން ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމައެހެންމެ، ގިނަ ސްކޫލްތަކަކަށް ބޭނުންވާ އުމުރާނީ ތަރައްގީ އަށް 900 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ވެސް ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑުކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި، ގެވެށި އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަރުކަޒުތަކެއް ގާއިމްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ގިނަ ކަންތައްތަކަކަށް ރައީސް ސޯލިހު ވަނީ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވާފަ އެވެ. ގާތްގަނޑަކަށް 56 މިނެޓަށް ދެމިގެންދިޔަ ބަޔާނަށް ދެން އޮންނާނީ އިދިކޮޅު ޕާޓީން ރައްދު ދިނުމެވެ.

ގާނޫނުގައި ރިޔާސީ ބަޔާން

މިއީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހޭ ބަޔާނެކެވެ.

"ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ." ރިޔާސީ ބަޔާނުގައި ހިމަނަންޖެހޭ ކަންކަން ގާނޫނޫއަސާސީގެ 84 ވަނަ މާއްދާގައި ލިޔެވިފައި ވަނީ މިހެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ވަނީ ރިޔާސީ ބަޔާނަށް ޖަވާބުދާރީވާން ޖެހޭ ގޮތް ތަފްސީލު ކޮށްދީފަ އެވެ.

"ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވުމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު، ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް، އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެގޮތުގައި އިއްވަންވާނެއެވެ." އެ މާއްދާގެ ށ. ގައި ލިޔެފައިވެ އެވެ.

އެހެންކަމުން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވާނީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ. އަދި ޖަވާބު ތައްޔާރުކުރަން ޖެހޭނީ މަޖިލީހުގައި ތިއްބާ އިދިކޮޅު އެހެން ޕާޓިތަކުގެ މެމްބަރުންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ރައީސް ރިޔާސީ ބަޔާން އިއްވަވާތާ 14 ދުވަސް ވުމުގެ ކުރިން ޖަވާބު ދޭން ޖެހޭނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މަތި ކޮމަންޑޫ ހިއްކަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ އީއައިއޭ ރިޕޯޓު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އީއައިއޭ ފާސްކުރީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް) އިން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.
  • އަންނަ މޭ މަހުން ފެށިގެން ހުރިހާ ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށާއި އެ ބަދަލާއެކު ގްރެޖުއޭޓް ލެވެލްގެ ސެކަންޑްރީ ޓީޗަރަކަށް އިތުރު ގަޑިއާ ނުލައި ހަމަ އެކަނި މުސާރައިގެ ގޮތުގައި 19،740ރ. ލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • މާލެއާ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދޫކުރުމުގެ މަޝްރޫއުއެއް ފެށުމަށް ނިންމަވާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރެއްވީ ވެސް އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ) ގެ ކެމްޕޭނަށް އެ ދާއިރާއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ކޮމަންޑޫ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ:

"ތިޔަ ބޭފުޅުން 2019 ވަނަ އަހަރު ރައްޔިތުން މަޖިލީހަށް އިންތިހާބުކުރީ ފިކުރެއް. އެ ފިކުރު އެބަ އޮތް. އެ ވިސްނުން އެބަ އޮތް. އެކަން ދަމަހައްޓަން ޖެހޭނެ،"

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލިސް ޗެމްބަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ. މި ޖަލްސާއަށް ދައުލަތުގެ އިސްވެރިންނާއި، ރާއްޖެއިން ބޭރު ގައުމުތަކުގެ ސަފީރުންނާއި، ސްކޫލް ދަރިވަރުންނާއި، އެހެނިހެން ވެސް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި. މިއީ ރައީސް ސޯލިހުގެ ހަތަރުވަނަ ރިޔާސީ ބަޔާން. -- ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލިސް ޗެމްބަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ. މި ޖަލްސާއަށް ދައުލަތުގެ އިސްވެރިންނާއި، ރާއްޖެއިން ބޭރު ގައުމުތަކުގެ ސަފީރުންނާއި، ސްކޫލް ދަރިވަރުންނާއި، އެހެނިހެން ވެސް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި. މިއީ ރައީސް ސޯލިހުގެ ހަތަރުވަނަ ރިޔާސީ ބަޔާން. -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލިސް ޗެމްބަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ. މި ޖަލްސާއަށް ދައުލަތުގެ އިސްވެރިންނާއި، ރާއްޖެއިން ބޭރު ގައުމުތަކުގެ ސަފީރުންނާއި، ސްކޫލް ދަރިވަރުންނާއި، އެހެނިހެން ވެސް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި. މިއީ ރައީސް ސޯލިހުގެ ހަތަރުވަނަ ރިޔާސީ ބަޔާން. -- ފޮޓޯ: ރައީސް އޮފީސް

ދިރާސާތަކުން ކިޔާލުމަށް

"އިންފުލުއެންސް އޮފް ލޯކަލް ޕްރެޝާސް އޮން މޯލްޑިވިއަން ކޮރަލް ރީފް ރިސީލިއަންސް ފޮލޮވިން ރިޕީޓެޑް ބްލީޗިން އިވެންޓްސް އެންޑް ރިކަވަރީ ޕާސްޕެކްޓިވްސް"

އެއީ ޖުލައި 24، 2020 ގައި އިޓަލީގެ ޔުނިވާސިޓީ އޮފް ޖެނޯއާގެ ތިން ރިސާޗަރުން ވެގެން ޝާއިއުކުރި ރިސާޗް އާޓިކަލް އެކެވެ. އެއީ ރާއްޖޭގެ ފަރުތައް ހުދުވެ މުރަކަތައް މަރުވެ އަލުން އިޔާދަވުމުގައި ހޭދަވާ ދުވަސްތައް ދެނެގަނެ އިންސާނުންގެ ފަރާތުން މުރަކަތައް ހެދިބޮޑުވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ހަދާފައިވާ ދިރާސާ އެކެވެ. މި ދިރާސާއަށް 1997 އިން 2019 އަށް ފަސް މީޓަރަށް ފުން ނުވާނެ ގޮތަށް ރާއްޖޭގެ ފަރުތަކުގައި ހެދިފައި ހުރި މުރަކަތަކުގެ ތަފާސްހިސާބްތައް ބޭނުންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިތުރު ހަތަރު ގައުމެއްގައި އަނެއްކާ ވެސް އެމްބަސީ ހުޅުވަނީ

އެ ހަތަރު ގައުމުގައި އެމްބަސީ ހުޅުވުން ބޭރުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ އަދަދު 25 އަށް އަރާނެ އެވެ. އެ ހުރިހާ ތަނަކަށް ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެއީ އަހަރަކު 648 މިލިއަން ރުފިޔާ އެވެ.

ޑްރަގާއެކު އަތުލައިގަތް އަޒޭ، ޖުމައިހު އަދި ވިޝާލް ބަންދަށް

އެ މައްސަލައިގައި ހައްޔަރު ކުރި ފިލްމީ ތަރިންނަކީ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އެވެ. އޭގެ އިތުރުން ދެން ހައްޔަރު ކުރީ ޝާހިލް މުހައްމަދު، 42، އެވެ.

މަޖިލީހުގައި ތަގުރީރު ކުރެއްވި ނަވީ ޕިއްލޭއަށް ނޯބެލް އެވޯޑު

ޕިއްލޭގެ ތަގުރީރުގައި ރާއްޖޭގައި ހައްދު ޖެހުން ހުއްޓާލަން ސަރުކާރަށް ގޮވާލުމުން އެއިރު ވަރަށް މައްސަލަ ބޮޑުވި އެވެ. ޑިސެމްބަރު 23، 2011، ގައި އެއިރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގެ އެއް ޑިމާންޑަކީ ވެސް ޕިއްލޭގެ ވާހަކަ ސަރުކާރުން ކުށްވެރި ކުރުމެވެ.

ކޮންމެ ފަސް މީހަކުން އެކަކު ނަފްސާނީ ބައްޔެއް ތަހައްމަލު ކުރޭ

"ރާއްޖޭގެ ހާލަތަށް ބަލާއިރު، 2020 ން 2021 އަށް ކުރިއަށް ގެންދެވުނު ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާގޮތުގައި، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާކަން ފާހަގަވެފައިވޭ،" މިނިސްޓްރީ އިން ބުންޏެވެ.

ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި ބީއޯސީގެ މުވައްޒަފަކު ޖަލަށްލައިފި

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.

ރަނިން މޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިޢުލާނުކުރުމަކީ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް އޮތް ފުރުސަތު ހަނިވެދާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ނަޝީދު މިހެން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމްގެ ރަނިން މޭޓަކަށް އާދަމް އާޒިމް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ބިދޭސީ ކުންފުނިތަކަށް ބައެއް ވިޔަފާރި ކުރުން މަނާވެއްޖެ

ރީޓެއިލް، ހޯލްސޭލް އަދި ލޮޖިސްޓިކްސްގެ ވިޔަފާރި ބިދޭސީ ކުންފުނިތަކަށް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރީ ސެޕްޓެމްބަރު، 2024، ގަ އެވެ. ގާނޫނުގައި ބިދޭސީ ވިޔަފާރިތަކަށް ދިން އިންތިގާލީ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހެވެ.

Newsletter

Get the latest news delivered straight to your inbox