މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ބައިވެރިނުވާން ނިންމައި ޖަލްސާ ބޮއިކޮޓްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާާނެ އެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބާރުގެ ބޭނުންކޮށްގެން ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގަައްޔޫމްގެ ޝަރީއަތް ސަރުކާރުން ބޭނުންވާ ގޮތަކަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރައީސް ޔާމީނަށް އަމާޒުކޮށް މި ސަރުކާރުން ކުރަމުންދާ ކަންކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިނިވަން މުއައްސަސާތައް ޕެރެލައިޒްކޮށް ސަރުކާރުން ވަނީ އެ މުއައްސަސާތަކުގެ ބާރުކަނޑުވާލާފައި ކަމަށް އިދިކޮޅުން ބުންޏެވެ.
"ހަމައެއާއެކު އިންތިހާބެއް ބޯމަތިވެފައި އޮތްއިރު، ސަރުކާރުންދަނީ އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން. މިހާލަތުގައި މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން މިވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި،" އެ ޕާޓީން ބުންޏެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ ސަރުކާރާ ރައްޔިތުންގެ މަޖިލިސް ގުޅިގެން އެ މުއައްސަސާ ވަނީ ހައިޖެކް ކޮށްފައި ކަމަށެވެ. އެގޮތުން ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭނެ އެއްވެސް މުއައްސަސާއެއް މިއަދު ރާއްޖޭގައި ނެތުމަކީ މި ސަރުކާރުގެ ހުދުމުހުތާރުކަމާއި ޑިމޮކްރެސީއާ ބީރައްޓެހިކަން ހާމަވެގެންދާ ކަމެއް ކަމަށް އެ ޕާޓީން ބުނެ އެވެ.
"މި ސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެކިއެކި ގޮތްނޭނގޭ އެއްބަސްވުންތަކުގެ ދަށުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާއިރު، ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާ ހިންގާ އިންޑިއާ އައުޓް ކެޕްމެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ތައްޔާރުވެ، މި ކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް ޖަލަށްލުމަށް ގަނޫނު ފާސްކުރަން ނިންމާފައިވާ މުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް،" ޕީޕީއެމުން ބުންޏެވެ.
އެހެންކަމުން ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ރައީސަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި، ބައިވެރިވާތީ އިހްތިޖާޖު ކުރުމުގެ ގޮތުން އެ ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ފަށާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ.
ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. އަދި ކޮންމެ އަހަރަކު ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފަ އެވެ.












