ޗައިނާގެ ހައްގުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ޖަޕާނުން ގަރާރެއް ފާސްކޮށްފި

ޖަޕާނުން ގަރާރު ފާސްކުރީ ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ބައިނަލްއަގްވާމީ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައި. -- ފޮޓޯ: އޭއެފްޕީ

ޖަޕާނުން ގަރާރު ފާސްކުރީ ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ބައިނަލްއަގްވާމީ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައި. -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (ފެބްރުއަރީ 1) - ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ޖަޕާނުގެ ޕާލިމެންޓުން ގަރާރެއް ފާސްކޮށްފި އެވެ.

ޕާލިމެންޓަށް ހުށަހެޅި ގަރާރު ފާސްކުރީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އިންސާނީ ހައްގުތަކުގެ ތުހުމަތު ސީދާ ޗައިނާ ސަރުކާރަށް ކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ.

ނަމަވެސް ގަރާރް ފާސްކޮށްފައި ވަނީ ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ބައިނަލްއަގްވާމީ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޗައިނާއިން ތައްޔާރުވަމުން ދަނީ ބެއިޖިން ވިންޓާ އޮލިމްޕިކްސް މުބާރާތް މި މަހު ފެށުމަށެވެ.

ޗައިނާއާ މެދު ޖަޕާނުން ގެންގުޅެނީ ވަރަށް ފަރުވާތެރި ސިޔާސަތަކެވެ. އެގޮތުން ޖަޕާނުގެ އެކުވެރި އެމެރިކާއިން ޗައިނާއަށް ކުރާ ޕްރެޝަރު ބެލެންސް ކުރެވޭތޯ ޖަޕާނުން ބަލަ އެވެ. ވިޔަފާރީގައި ޖަޕާނުގެ އެންމެ ބޮޑު ދެ ބައިވެރިންނަކީ އެމެރިކާ އާއި ޗައިނާ އެވެ.

ޕާލިމެންޓުގެ ތިރިގެއިން މެޖޯރިޓީ ވޯޓާ އެކު ފާސްކުރި ގަރާރުގައި ކަންބޮޑުވުން ފާޅުކުރީ ޗައިނާގެ ޝިންޖިއާން، ޓިބެޓް، ހޮންކޮން އަދި އިނާ މޮންގޯލިއާ ސަރަހައްދުތަކުގައި އަމަލު ކުރާ ގޮތާ ގުޅިގެންނެވެ.

އިންސާނީ ހައްގުތަކުގެ މައްސަލައިގައި ޖަޕާން ސަރުކާރުން ޗައިނާއާ އެކު ކުރިއަށް ފިޔަވަޅު އެޅޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރަން ގަރާރުގައި ގޮވާލާފައިވެ އެވެ.

ޝިންޖިއާންގައި ދިރިއުޅޭ އުއިގާ ދަރިކޮޅުގެ މުސްލިމުންނާ މެދު ލާއިންސާނީކޮށް އަމަލު ކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ޗައިނާއިން ދޮގުކުރެ އެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން ވަނީ އެ މީހުންނާ ދެކޮޅަށް ބޮޑު ގަތުލުއާއްމެއް ހިންގާފަ އެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޝިންޖިއާން ސަރަހައްދުގައިވާ ކޭމްޕުތަކެއްގައި މިލިއަނަކަށް ވުރެ ގިނަ މީހުން ބަންދުކޮށްފައި އެބަ ތިއްބެވެ.

ޓިބެޓް ސަރަހައްދުގައި އުޅޭ މީހުންނަކީ ޗައިނާ ބަޔެއް ނޫން ކަމަށް ދައްކުވައިދޭ އެއްވެސް ނިޝާނެއް އެ މީހުންގެ އާއްމު ދިރިއުޅުމު ފެނިއްޖެ އަނިޔާ އާއި ޖަލުގެ ބިރު އޮތް ކަމަށް ކުރާ ތުހުމަތު ވެސް ޗައިނާއިން ދޮގުކުރެ އެވެ.

ހޮންކޮން މައްސަލައިގައި ޖަޕާނުން ބުނީ ރައްޔިތުން ހިތްހަމަނުޖެހޭ އިލެކްޓޯރަލް ނިޒާމާ މެދު ކަންބޮޑުވާ ކަމަށެވެ. ހޮންކޮންގައި ޑިމޮކްރަސީއަށް ގޮވާލައި ބޮޑެތި އެއްވުންތައް ބޭއްވުމުން ޗައިނާއިން އެކަން މަނާކޮށް، ގިނަ އެކްޓިވިސްޓުންނާ މެދު ވަނީ ފިޔަވަޅު އަޅާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޖަޕާނުން ބުނީ ބެއިޖިން އޮލިމްޕިކްސްއަށް ސަރުކާރުގެ މަންދޫބުން ނުފޮނުވާނެ ކަމަށެވެ. އޭގެ ކުރިން އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ކެނެޑާއިން ވެސް ވަނީ ޑިޕްލޮމެޓިކް ބޮއިކޮޓްއަކަށް ދާނެކަން އިއުލާނުކޮށްފަ އެވެ.

ނަމަވެސް ފެބްރުއަރީ ހަތަރު ވަނަ ދުވަހު ފަށާ މުބާރާތަށް އެ ގައުމުތަކުގެ އެތްލީޓުން ދާނެ އެވެ. ޗައިނާއިން ބުނެފައި ވަނީ އެމެރިކާއިން އިސް ނަގައިގެން ފެށި ބޮއިކޮޓް ކެމްޕެއިންގެ "އަގު ހުޅަނގުގެ ގައުމުތަކުން އަދާކުރަން ޖެހޭނެ" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox