ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 30) - އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި މިރޭ ކުޅުނު މެޗުން މޮރޮކޯ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، މިސްރު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅޭ ސެމީގައި މިސްރު ނުކުންނާނީ މި ފަހަރުގެ މުބާރާތުގެ ހޯސްޓް ކެމަރޫނާ ދެކޮޅަށެވެ. މިސްރު ވަނީ 2017 ވަނަ އަހަރުގެ ފައިނަލުގައި ކެމަރޫން އަތުން 2-1 އިން ބަލިވެފަ އެވެ. މިސްރުން ހަތް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދިއިރު، ކެމަރޫނުން ވަނީ ފަސް ފަހަރު ތަށި ހޯދައިފަ އެވެ.
މިރޭގެ މެޗުގެ ހަ ވަަނަ މިނިޓްގައި މޮރޮކޯ އިން ލީޑުނެގީ ސޯފިއާން ބޫފާލް ވައްދާލި ޕެނަލްޓީންނެވެ. މިއީ ގްރޫޕް ސްޓޭޖުގައި ނައިޖީރިއާގެ ކެލެޗީ އިހެނާޗޯ މިސްރު ކޮޅަށް ގޯލު ޖެހި ފަހުން މި ފަހަރުގެ މުބާރާތުގައި އެ ޓީމު ކޮޅަށް ވަން ފުރަތަމަ ގޯލެވެ. މޮރޮކޯ އަށް ޕެނަލްޓީ ލިބުނީ އެ ޓީމުގެ އަޝްރަފް ހަކީމީ އަށް އޭރިއާތެރެއިން މިސްރުގެ އައިމަން އަޝްރަފް ފައުލު ކުރުމުންނެވެ.
ފުރަތަމަ ހާފުގައި މިސްރަށް ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވި ނަމަވެސް ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ މިސްރުގެ ޑިފެންޑަރު މުހައްމަދު އަބްދުލް މޫނެމް ބޮލުން ފޮނުވާލުމުން މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އަތުގައި ޖެހިފައި ކުޑައޭރިއާތެރެއިން ސަލާހަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިގެން މާގިނައިރެއްނުވެ، އަނިޔާގެ ސަަބަބުން މިސްރުން ވަނީ ކީޕަރު ބަދަލުކޮށްފަ އެވެ. މިސްރުގެ ގޯލުގައި ހުރި މުހައްމަދު އަބޫގަބާލް (ގަބާސްކީ)ގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު ސޯބީ އެވެ. ސޯބީ އަކީ މިސްރުގެ ތިން ވަނަ ކީޕަރެވެ. ގަބާސްކީ މި މެޗު ފެށީ އެންމެ ފަހުން މުބާރާތުގެ ދެ ވަނަ ބުރުގެ މެޗުގައި އައިވަރީ ކޯސްޓާ ދެކޮޅަށް މިސްރުގެ އެއް ވަނަ ކީޕަރު މުހައްމަދު އެލްޝަނާވީ އަށް އަނިޔާވުމުންނެވެ. އައިވަރީ ކޯސްޓް އަތުން މިސްރު ޕެނަލްޓީ ޖަހައިގެން މޮޅުވިއިރު، ތަރި އަކީ ކީޕަރު ގަބާސްކީ އެވެ. އެކަމަކު، މިރޭގެ މެޗު އޭނާ އަށް ފުރިހަމަނުކުރެވުނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މިސްރު މެޗުން މޮޅުކޮށްދިން ގޯލު ޖެހީ މަހުމޫދު ޓްރެޒެގޭ އެވެ. މެޗުގެ 100 ވަނަ މިނިޓްގައި ސަލާހު މޮރޮކޯގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް އަރައިހުރި ޓްރެޒެގޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗުގެ ފަހު މިނިޓްގައި ސަލާހަށް މިސްރުގެ ތިން ވަނަ ގޯލު ޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
މޮރޮކޯ މި ފަހަރުގެ މުބާރާތުން ކެޓިއިރު، 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަަހަރަށް ފައިނަލެއް ކުޅުމުގެ އަމާޒުގައި އައި އެ ޓީމު އެނބުރި ގައުމަށް ދާން ޖެހުނީ ސެމީ ފައިނަލުގެ ފުރުސަތު ވެސް ނުލިބި އެވެ.
އެފްރިކަން ކަޕްގެ އެއް ސެމީގައި މިސްރާއި ކެމަރޫން ކުޅޭއިރު، އަނެއް ސެމީގައި ބުރްކީނާ ފާސޯއާ ކުޅޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ކުއާޓާގެ ފަހު މެޗަށް ފަހު އެވެ. ކުއާޓާގެ ފަހު މެޗުގައި ސެނެގާލް ބައްދަލުކުރާނީ އިކުއޭޓްރަލް ގިނީއާ އެވެ.












