ށ. ކޮމަންޑޫގައި އައިސްޕްލާންޓެއް ހަދަން ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގެ ދަށުން ކޮމަންޑޫގައި ގާއިމްކުރާ އައިސްޕްލާންޓްގައި 25 ޓަނުގެ އައިސް އުފައްދާނެ އެވެ. އަދި 50 ޓަނުގެ އައިސް ރައްކާކުރުމުގެ ކެޕޭސިޓީ ވެސް ހުންނާނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކޮމަންޑޫ އައިސްޕްލާންޓު ހެދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ހަ މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށް ކަމަށެވެ. އެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
އެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ.
ކޮމަންޑޫގައި އިތުރު މަޝްރޫއެއް ފަށާފައި މި ވަނީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ބައި-އިލެކްޝަނަށް ވަގުތު ކުޑަތަންވަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ އިންތިހާބަށް ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގެ ހަރަކާތްތައް ވާދަކުރާ ޕާޓީތަކުގެ ފަރާތުން އަންނަނީ ފޯރިއާއެކު ކުރިޔަށް ގެންދަމުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ. އެމްއާރުއެމްއިން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރެ އެވެ.
އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ސަރުކާރުން ފެށުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ކުޑަ ފަޅު ރަށް މަތިކޮމަންޑޫ ގުޅާލުމަށް ސަރުކާރުން ފެށި ޕްރޮޖެކްޓަށެވެ.
އެއީ އިންތިހާބަށް ނުފޫޒު ފޯރުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮޖެކްޓެއް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅާފަ އެވެ.












