މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 30) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މިއަދު ފަހަތުން އަރައި ތިން ސެޓު ގެންގޮސްގެން ރަޝިއާގެ ޑެނީލް މެޑްވެޑޭވް ބަލިކޮށް، ސްޕެއިނުގެ ރަފައެލް ނަޑާލް 21 ވަނަ ގްރޭންޑް ސްލޭމް ތަށި އުފުލާލައި ޓެނިހުގެ ބޮޑު ރެކޯޑެއް މުގުރާލައިފި އެވެ.
ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ގޮތުގައި ކަލަންޑަރު އަހަރެއްގައި އޮންނަނީ ހަތަރު މުބާރާތެވެ. އެއީ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން އެވެ. ނަޑާލް މި ވަނީ އެ މުބާރާތްތަކުގައި ޖުމްލަ 21 ތަށި ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
މީގެ ކުރިން ނަޑާލާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަދި ސާބިއާގެ ނޮވަކް ޖޮކޮވިޗް ކޮންމެ ކުޅުންތެރިއަކު ވަނީ 20 ތަށި ހޯދައިފަ އެވެ. ފެޑެރާ އަނިޔާގެ ސަބަބުން މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެ އެވެ. ވިސާ މައްސަލައިގައި ޖޮކޮވިޗް ވަނީ މި ފަހަރުގެ މުބާރާތުގެ ކުރިން އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލައިފަ އެވެ.
ފަސް ގަނޑިއިރަށް ވުރެ ގިނަ ވަގުތު ކުޅުނު މިރޭގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ފުރަތަމަ ދެ ސެޓު ގެންދިޔައީ މޮޅު ކުޅުމެއް ދެއްކި މެޑްވެޑޭވް އެވެ. އެކަމަކު، ދެން ކުޅުނު ތިން ސެޓު ގެންގޮސް އުމުރުން 35 އަހަރުގެ ނަޑާލް މި ވަނީ 2007 ވަނަ އަހަރުގެ ފަހުން ގްރޭންޑް ސްލޭމް މުބާރާތުގެ މެޗެއްގައި ފުރަތަމަ ފަހަރަށް ފަހަތުން އަރައި ދެ ސެޓު އަނބުރާލައި، މޮޅުވެފަ އެވެ.

މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރި މެޑްވެޑޭވް، މޮޅު ކުޅުމެއް ދެއްކި މިރޭގެ އޮސްޓްރޭލިއަން އޯޕަން ފައިނަލް މެޗުގެ ސެޓުތައް ދިޔައީ 2-6 6-7 (5-7) 6-4 6-4 7-5 އިންނެވެ.
ފުރަތަަމަ ސެޓުގައި ވަރުގަދަކޮށް ފެށި މެޑްވެޑޭވް ވަނީ ނަޑާލަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި 2-6 އިން ސެޓު ގެންގޮސްފަ އެވެ. ދެ ވަނަ ސެޓުގައި ނަޑާލް ކުޅުން ރަނގަޅު ކުރި ނަމަވެސް މުހިންމު ވަގުތުތަކުގައި ޕްރެޝަރާ ކުރިމަތިލައި، ޓައިބްރޭކާ އަކަށް ގޮސްގެން ވެސް ނަޑާލްގެ މައްޗަށް މެޑްވެޑޭވް ކުރިހޯދި އެވެ. މި ސެޓު ދިޔައީ 6-7 (5-7) އިންނެވެ. މެޑްވެޑޭވް މޮޅުވާނެ ކަމަށް ބެލެވިފައި މަންޒަރު ބަދަލުކޮށްލީ ނަޑާލް ދެއްކި ތަފާތު ކުޅުމުންނެވެ.
މެޑްވެޑޭވް ފުރަތަމަ ދެ ސެޓު ގެންދިއުމުން ނަޑާލް ދެން ނުކުތީ ތަފާތު ރޫހެއްގަ އެވެ. ޕްރެޝަރާ ކުރިމަތިލިއިރު، އޭނާގެ ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފި އެވެ. ނަޑާލް ދެން ކުޅުނު ދެ ސެޓު ވެސް ގެންދިޔައީ 6-4، 6-4 އިންނެވެ. މި ދެ ސެޓުގައި މެޑްވެޑޭވަށް ރަނގަޅަށް ކުޅެވޭ ގޮތް ނުވީ ޕޮއިންޓަކަށް ފަހު ޕޮއިންޓެއް ނަޑާލް ފޯމަކަށް އެޅުމުން ދިއުމުންނެވެ.
މެޗު ފަސް ގަނޑިިއިރު، 24 މިނިޓަށް ދިގުދެމިގެންދިޔަ މި މެޗުގައި ނަޑާލްގެ ފިޓްނަސް އޭނާ ރަނގަޅަށް ހިފެހެއްޓި އެވެ. ނަޑާލް، ފަސް ވަނަ ސެޓުގައި ވެސް ވަނީ އޭނާ ދައްކަމުން އައި މޮޅު ކުޅުން ތަކުރާރުކޮށްފަ އެވެ. ފަަސް ވަނަ ސެޓުގެ ފަހު ކޮޅުގައި މެޑްވެޑޭވް ނަޑާލަށް ޕްރެޝަރު ބޮޑުކޮށްލި ނަމަވެސް އޭނާ ވަނީ މި ސެޓު 7-5 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.
މިއީ ނަޑާލް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ 2009 ވަނަ އަަހަރު އެވެ. ތޭރަ އަހަރު ފަހުން މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށީގައި ނަޑާލް އަތްލިއިރު، އޭނާ ވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިން އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އޮސްޓްރޭލިއަން އޯޕަން އަށް ކިރިޔާ ފިޓްވިއިރު، ކޮންމެ މެޗަކަށް ފަހު ރިކަވަރީ އަށް ހާއްސަ ވަގުތުތަކެއް ނަގަ އެވެ. ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ނަޑާލަށް ގިނަ މުބާރާތްތަކެއް ގެއްލުނުއިރު، ފިޓްކޮށް ހުރެ މުބާރާތްތައް ކުޅެލެވުމަކީ ވެސް ކާމިޔާބެއް ކަމަށް ނަޑާލް ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއަން އޯޕަން ތަށި ދެ ފަހަރު ހޯދުމާ އެކު ނަޑާލް ވަނީ ޓެނިސް ތާރީހުގައި ގްރޭންޑް ސްލޭމް ހަތަރު މުބާރާތް އެއް ފަހަރަށް ވުރެ ގިނަ ފަަހަރު ހޯދި ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
މެޑްވެޑޭވް މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވީ މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ޖޮކޮވިޗް އަތުންނެވެ. ޖޮކޮވިޗް ވަނީ 10 ފަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފަ އެވެ.












