ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޝަވްޝަގްލޫ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މިއަދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށް، ވިސާ ނެތި ދިވެހިންނަށް ތުރުކީއަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމްކުރުމަށް ނިންމައިފި އެވެ.
ތިން ދުވަހުގެ އެ ދަތުރުފުޅުގައި ޝަވްޝަގްލޫ ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށެވެ. އެއީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ވަނީ ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވައިފަ އެވެ. އެގޮތުން، ތައުލީމާއި ވިޔަފާރި އާއި ކައުންޓާ ޓެރަރިޒަމާއި ޒުވާނުންނާއި ކުޅިވަރު އަދި ތިމާވެއްޓާއި އެހެނިހެން ދާއިރާތަކުން ވެސް ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާ ކޮށްފަ އެވެ.
މި މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާހިދު ވަނީ މިހާރު ވެސް ދިވެހިންނަށް ތުރުކީއަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް އެ ގައުމުގެ ސަރުކާރަށް ހުށަހެޅުއްވި ކަމަށް ވިދާޅުވެފަ އެވެ.
"އެކަމަށް (ވިސާ ފްރީ އެއްބަސްވުމަށް) ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ،" މިނިސްޓާ ޝާހިދު ވިދާޅުވި އެވެ.

ވިސާ އެގްޒެމްޝަން އެގްރީމެންޓެއް ތުރުކީ އާއި ރާއްޖެއާ ދެމެދު ގާއިމްކުރާނެ ކަން އިއުލާންކޮށްފައިވާއިރު ތުރުކީއަކީ ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް މަގުބޫލު މަންޒިލެކެވެ.
މިއަދު ވަނީ ދެ ގައުމުގެ މެދުގައި ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކުގައި ވެސް ސޮއިކޮށްފަ އެވެ. ތުރުކީގެ ފަރާތުން މި ހުރިހާ އެއްބަސްވުމެއްގައި ވެސް ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރެވެ. މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ:
ވިޔަފާރި އާއި އިގްތިސާދީ ދާއިރާ ކުރިއެރުވުމުގެ އެއްބަސްވުން
އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް ސޮއިކުރެއްވި މި އެއްބަސްވުމާއެކު ދެ ގައުމުގެ މެދުގައި އޮންނަ އިގްތިސާދީ ގުޅުން ވަރުގަދަކޮށް ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ އެގްޒިބިޝަންތަކާއި ފެއާތައް އިތުރުކުރެވޭނެ އެވެ. އޭގެ އިތުރުން، ދެ ގައުމުގެ ވަޒީރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނިމިކް ކޮމިޝަނެއް އެކުލަވާލައި ތުރުކީގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކުރުމަށް މަސައްކަތްކުރެވިގެންދާނެ އެވެ.
ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވުމުގެ އެއްބަސްވުން
އެގްރިކަލްޗާ މިނިސްޓާ ޑރ. ހުސައިން ރަޝީދު ހަސަން ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން ތުރުކީގެ އެހީތެރިކަމާއެކު ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ އެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުން ޖާގަ ދެ އެވެ.
ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
ރާއްޖޭގެ ފަރާތުން އެންވާރަމަންޓް މިނިސްޓާ އައިޝަތު ޝައުނާ ސޮއިކުރެއްވި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމާއި، ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ އެވެ. އަދި، ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ނުރައްކާތެރި ކުނި ނައްތާލުމުގައި ވެސް ތުރުކީގެ އެހީތެރިކަން ލިބިގެންދާނެ އެވެ.
ފޮރިން ސާވިސް އިތުރަށް ހަރުދަނާކުރުމަށް ވެވެނު އެއްބަސްވުން
މިއީ ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އާ ތުރުކީގެ ޑިޕްލޮމެސީ އެކަޑަމީއާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމެކެވެ. ދެ ގައުމުގެ ފޮރިން މިނިސްޓަރުން ސޮއިކުރެއްވި މި އެއްބަސްވުމާއެކު ހާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ހާރިޖީ ދާއިރާގެ ތައުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެ އެވެ. ހަމައެހެންމެ ތުރުކީގެ އެހީތެރިކަމާއެކު ރާއްޖޭގެ ހާރިޖިއްޔާގައި ޕްރޮފެޝަނަލް ހިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެ އެވެ.
ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ގުޅޭ އެއްބަސްވުން
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު ތާރިގް އެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީގެ އެހީގައި ރާއްޖޭގެ ސަގާފަތް ދިރުވައި އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތް ކުރެވޭނެ އެވެ. އޭގެ އިތުރުން، އިތުރުން ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފް ކުރުމަށް މަގުފަހިވެގެން ދާނެ އެވެ. އަދި، މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕާފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުވުމަށް ވެސް ތުރުކީ އިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ތުރުކީ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ 1979 ވަނަ އަހަރު އެވެ. ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ ބަދަހި ގުޅުމެއް އޮންނައިރު ތުރުކީގެ ބޮޑުވަޒީރު ތައްޔިބް އުރުދުގާން ވަނީ ފެބްރުއަރީ 9، 2005 ގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާފަ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރަކު އެންމެ ފުރަތަމަ ތުރުކީއަށް ޒިޔާރަތްކުރެއްވީ އެޕްރީލް 2008، ގަ އެވެ. އޭރު ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރަކަށް ހުންނެވީ ޝާހިދު އެވެ.













