އުނދަގޫ ހާލަތެއްގެ ތެރެއިން އެފްރިކަން ކަޕް އޮފް ނޭޝަންސް މިހާރު ކުރިއަށްދާއިރު، މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ވެސް ތާރީހީ ކަންތައްތަކެއް ހިނގައިފި އެވެ. ގިނަ ބަޔެއްގެ ފާޑުކިޔުން އާންމުކޮށް އެފްރިކަން ކަޕްގައި އަމާޒުވާ އެއް ކަމަކީ ރެފްރީކަން ކުރުމުގައި ފާހަގަވާ ގޯސްތަކަށެވެ. އެހެން ނަމަވެސް ހާސިލްކުރެވޭ ބޮޑެތި ކަންކަމަށް އެފްރިކާ ފުޓްބޯޅައިގައި ބޮޑު ތަރުހީބެއް ލިބެ އެވެ.
މި ފަހަރުގެ އެފްރިކަން ކަޕް ރެފްރީންގެ ދާއިރާއިން ތާރީހީ ކަމެއް މި ވަނީ ހާސިލްކޮށްފަ އެވެ. ރުވާންޑާ އަށް އުފަން އުމުރުން 35 އަހަރުގެ ސަލީމާ މުކަންސަންގާ މި ވަނީ އެފްރިކަން ކަޕްގެ ދިގު ތާރީހުގައި މި މުބާރާތުގެ މެޗެއްގައި އިންސާފުކުރި ފުރަތަމަ އަންހެން ރެފްރީގެ ޝަރަފް ހޯދައިފަ އެވެ.
ފީފާ ބެޖް ހާސިލްކޮށްފައިވާ މުކަންސަންގާ ރެފްރީކަން ކޮށްފައިވަނީ ގްރޫޕް ބީގައި ގިނީ އާއި ޒިމްބާބްވޭ ކުޅުނު މެޗުގަ އެވެ. އެ މެޗުގައި އިންސާފުކުރުމުގެ ފުރުސަތު ލިބި އެކަން ފުރިހަމަ ކުރުމަށް ފަހު މުކަންސަންގާ ލޮލުން ކަރުނަ އޮހުނެވެ. އޭނާ ބުނީ އެއީ އާދަޔާހިލާފު ވަގުތު ކޮޅެއް ކަމަށެވެ.

އެފްރިކަން ކަޕްގެ މެޗެއްގެ ތެރެއިން ސަލީމާ މުކަންސަންގާ.-- ފޮޓޯ: އޭއެފްޕީ
އެފްރިކަން ކަޕްގެ ތެރެއިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މުކަންސަންގާ ބުނީ ކޮންމެ އިންސާނެއްގެ ވެސް އިހުސާސްތައް ބޭރު ފުށުން ފެންނާނެ ގޮތްތަކެއް ހުންނާނެ ކަމަށެވެ. އޭނާ ލޮލުން އެ ވަގުތު އޮހުނު ކަރުނަތަކަކީ "އުފަލު"ގެ އިހުސާސްތަކެއް ކަމަށް މުކަންސަންގާ ވަނީ ބުނެފަ އެވެ.
"ވަރަށް އުފަލުން ހުންނަ ވަގުތެއްގައި، ވަރަށް ފަހުރުވެރިކަމާ އެކު ހުންނަ ވަގުތެއްގައި ނޫނީ މީހުން ދުވަހަކު ވެސް ހީނުކުރާ ފަދަ ކަމެއް ހާސިލްކުރެވޭ ވަގުތެއްގައި ވަރަށް ގިނަ ގޮތްގޮތް ހުންނާނެ އެ އިހުސާސްތައް ބޭރު ފުށުން ފެންނާނެ. ތެދެއް، އަހަރެން ރުއީ. އެއީ އަހަރެން ބޭނުން ވެގެން ކުރި ކަމެއް ނޫން. ބޭއިހުތިޔާރުގައި އަހަންނަށް އެ ގޮތަށް ރޮވުނީ، އަހަރެން ހުރީ ވަރަށް ވަރަށް ބޮޑަށް އުފަލުން. ވަރަށް ފަހުރުވެރިކަމާ އެކު،" މުކަންސަންގާ ބުންޏެވެ.
މުކަންސަންގާ އަށް ރޮވުނު އަނެއް ސަބަބަކީ ކުރިން އޭނާ އަށް ރެފްރީކަން ނުކުރެވޭނެއޭ ބުނި އެންމެނަށް އެކަން އޭނާ ހާސިލްކުރިތަން ފެންނާނެތީ ކަމަށެވެ.
"އަހަރެން ކުރި ހުރިހާ ބުރަ މަސައްކަތެއްގެ އަގު ލިބުނީމަ އެހާ އުފާވީ. ކުރިން އަހަންނަށް ނުވާނެއޭ ބުނި އެތައް ބަޔަކަށް އަހަރެން އެކަން ހާސިލްކުރި މަންޒަރު ފެންނާނެ. ފިރިހެނުންގެ މެޗެއް ވިޔަސް އަންހެނަކަށް އަރާ އިންސާފުކުރެވިދާނެކަން ސާބިތުކޮށްދެވުނީތީ ފަހުރުވެރިވަން،" މުކަންސަންގާ ބުންޏެވެ.
މީގެ ކުރިން އެފްރިކަން ކަޕް ބޭއްވި 32 ފަހަރު ވެސް ހުރިހާ މެޗެއްގައި ރެފްރީކަން ކުރީ ފިރިހެނުންނެެވެ. އެކަމަކު، މުކަންސަންގާއާ ހަމައިން މި ވަނީ ތާރީހުގެ އާ ބާބެއް ފެށިފަ އެވެ.

ގިނީ އާއި ޒިމްބާބްވޭ ކުޅުނު މެޗުގެ ތެރެއިން މުކަންސަންގާ.-- ފޮޓޯ: އޭއެފްޕީ
ޒިމްބާބްވޭ އާއި ގިނީ މެޗަށް އެފްރިކަން ކަޕްގެ އިންތިޒާމް ކޮމިޓީން ރޮނގު ބަލަހައްޓަން ވެސް ހަމަޖައްސަން ނިންމީ އަންހެނުންނެވެ. އެއީ ކެމަރޫންގެ ކެރިން އަޓެމްޒަބޯންގާއި މޮރޮކޯގެ ފާތިމާ ޖިރްމޫމީ އެވެ. އެކަމަކު، މެޗަށް ނުކުތްއިރު، ގިނީ އާއި ޒިމްބާބްވޭ އިން އެދިގެން ދެ އެސިސްޓަންޓް ރެފްރީން ވަނީ ބަދަލުކޮށްފަ އެވެ.
މުކަންސަންގާ ބުނީ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ހުސް އަންހެން އޮފިޝަލުން ނުކުމެ، ފިރިހެން މެޗެއްގައި އިންސާފުކޮށްލުން ކަމަށާއި އެ ދުވަސް ކައިރި މުސްތަގުބަލެއްގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަހަރެން މި ހުޅުވާލައިދިނީ އުންމީދުގެ ދޮރެއް. ބޭނުންވަނީ މުސްތަގުބަލުގައި އެފްރިކާގައި ގިނަ އަންހެން ރެފްރީން ކުރިއަރައިގެންދާތަން ބަލަން،" މުކަންސަންގާ ބުންޏެވެ.
މީގެ ކުރިން މުކަންސަންގާ ވަނީ އަންހެން ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކެއްގައި ވެސް އިންސާފުކޮށްފަ އެވެ. އެ ގޮތުން 2019 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕާއި އެފްރިކާގެ އަންހެން ފުޓްބޯޅަ މުބާރާތުގެ އިތުރުން އަންހެން ކްލަބް ޗެމްޕިއަންޝިޕްގައި މުކަންސަންގާ ވަނީ ރެފްރީކަން ކޮށްފަ އެވެ.












