ޑުއާލާ، ކެމަރޫން (ޖެނުއަރީ 29) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ގެމްބިއާގެ މައްޗަށް 2-0 އިން ކުރިހޯދައި ކެމަރޫނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކެމަރޫން ކުޅެން ޖެހޭނީ މާދަމާރޭ މިސްރާއި މޮރޮކޯ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ.
މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ގެމްބިއާ އިން ކުއާޓާ ފައިނަލަށް ހަމައަށް ދަތުރުކުރިއިރު، ދެއްކި ކުޅުމާ ގާތަށް ވެސް މިރޭގެ މެޗުގައި ކެމަރޫނާ ދެކޮޅަށް ނުކުޅެވުނެވެ. އަމިއްލަ ގައުމުގައި ކުޅޭ ކެމަރޫނުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެމުންދިޔައިރު، ގެމްބިއާގެ ޑިފެންސް ލައިނަށް ވަރަށް ބާރުބޮޑުކުރި އެވެ.
ކެމަރޫނުން މި މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ 15 މިނިޓް ތެރޭގަ އެވެ.
މެޗުގެ 50 ވަނަ މިނިޓްގައި ކެމަރޫންގެ ކޮލިންސް ފައި ނެގި ކޯނަރަކުން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ކާލް ޓޯކޯ އެކަމްބީ އެވެ. އެކަމްބީ މި ގޯލު ޖެހީ ބޮލުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 57 ވަަނަ މިނިޓްގައި އޭރިއާތެރެއިން މާޓިން ހޯންގުލާ ހުސްކޮށްލާފައި ދިން ބޯޅަ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައި ޓޯކޯ އެކަމްބީ ވަނީ ކެމަރޫންގެ ލީޑުފުޅާކޮށްދީފަ އެވެ.
ކެމަރޫންގެ ގޯލުގައި ހުރި ކީޕަރު އަންދްރޭ އޮނާނާ ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް ގެމްބިއާ އަށް މި މެޗުގައި ފޮނުވާލެވޭ ގޮތެއްނުވި އެވެ. ކެމަރޫނަށް ތިން ވަނަ ގޯލެއް ޖަހައިދޭން އެ ޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކާރަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އަބޫބަކާރު ޖެހި އެއް ޝޮޓް ހުރަސްދަނޑިމަތިން ދިޔައިރު، ދެން ފޮނުވާލި ބޯޅަ ގެމްބިއާ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
މި ފަހަރުގެ އެފްރިކަން ކަޕްގެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ އަބޫބަކާރު އެވެ. އޭނާ ހަ ގޯލު ޖަހާފައިވާއިރު، ދެ ވަނައިގައި އޮތް ޓޯކޯ އެކަމްބީ ވަނީ ފަސް ގޯލު ޖަހަައިފަ އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އެފްރިކަން ކަޕްގެ ދެ ވަނަ ބުރުން ކެޓި ކެމަރޫނަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ. ކެމަރޫން ވަނީ ފަސް ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ. އެ ޓީމުން އެންމެ ފަހުން ތަށި އުފުލާލީ 2017 ވަނަ އަހަރު ފައިނަލުގައި މިސްރު 2-1 އިން ބަލިކޮށްގެންނެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ މެޗުގައި ބުރްކީނާ ފާސޯ ވަނީ 1-0 އިން ޓިއުނީޝިއާ ބަލިކޮށްފަ އެވެ. ބުރްކީނާ ފާސޯ ސެމީގައި ކުޅޭނީ އިކުއޭޓްރަލް ގިނީ އާއި ސެނެގޯލް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.












