ދިއްދޫ ސަހަރާ ފުރިގެން ސާފުކުރިއިރު ދުވަސްވީ މަހާނަގާތަކަށް ގެއްލުން ލިބިއްޖެ

ދިއްދޫ ސަހަރާގައި ހުރި މަހާނަގާތައް: މިތަނުން ބައެއް މަހާނަގަލަށް 200 ވަރަކަށް އަހަރު ވެއްޖެ. -- ފޮޓޯ: ފޭސްބުކް/ހުރްޝީދު

ދިއްދޫ ސަހަރާގައި ހުރި މަހާނަގާތައް: މިތަނުން ބައެއް މަހާނަގަލަށް 200 ވަރަކަށް އަހަރު ވެއްޖެ. -- ފޮޓޯ: ފޭސްބުކް/ހުރްޝީދު

ސަހަރާއަށް އަލުން ފަސްއަޅަން ސާފުކުރުމުގެ ތެރޭގައި ހއ. ދިއްދޫ ސަހަރާގައި ހުރި ދުވަސްވީ މަހާނަގާތަކަކަށް ގެއްލުން ލިބިއްޖެ އެވެ.

ދިއްދޫ ސަހަރާގައި ގާތްގަނޑަކަށް 200-300 އާ ދޭތެރޭގޭ އަދަދަކަށް މަހާނަގާތައް ހުރިއިރު އޭގެ ތެރޭގައި އަރަބިން ލިޔެފައި ހުރި މަހާނަގަލާއި ދިވެހި ގަލުވަޑާމުން ޒީނަތްތެރިކުރެވިފައި ހުރި ހިރިގަލުގެ މަހާނަގާތައް ހުއްޓެވެ.

މިކަމާއި ގުޅިގެން ފޭސްބުކްގައި ކަންބޮޑުވުން ފާޅުކުރި މީހަކު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މަހާނަގާތައް ހުރީ ސަހަރާ ސާފުކުރުމަށް ފަހު އެއް ތަނަކަށް ޖަމާކޮށްފަ އެވެ. އޭގެ ތެރެެއިން ބައެއް މަހާނަގަލަށް އެއްވެސް ގެއްލުމެއް ނުލިބޭ ނަމަވެސް، ގިނަ މަހާނަގާތަކަށް އެކިވަރުގެ ގެއްލުން ލިބިފައި އެބަހުއްޓެވެ.

ދިވެހި ތާރީހުގެ މާހިރަކަށް މި ފޮޓޯތައް ދެއްކުމުން އޭނާ ވިދާޅުވީ އެތަނުގައި ހުރި މަހާނަގަލުގެ ތެރޭގައި 50 އަހަރާއި 200 އަހަރާ ދޭތެރޭގެ އަހަރު ވެފައިވާ މަހާނަގާތައް އެބަހުރި ކަމަށެވެ.

ދިއްދޫ ކައުންސިލު ރައީސް އަބްދުﷲ ރަޝީދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ސަހަރާ ސާފުކުރީ، އެ ރަށުގައި ހުރި ދެ ސަހަރާ ފުރި މީހުން ވަޅުލެވޭނެ ގޮތެއް ނެތިގެންނެވެ.

އާބާދީގައި 4000 އަށް ވުރެ ގިނަ މީހުން އޮންނަ ދިއްދޫ ސަހަރާ ފުރިގެން އެ މައްސަލަ ހައްލުކުރަން އެ ރަށުން މަސައްކަތްކުރާތާ ނުވަ ވަރަކަށް އަހަރު ވެއްޖެ އެވެ.

ހއ. އަތޮޅު ހޮސްޕިޓަލް ވެސް ހުންނަނީ އެ ރަށުގައި ކަމުން ރަޝީދު ވިދާޅުވީ ސަހަރާ ސާފުކުރީ އެ މައްސަލަ ހައްލުކުރުން މުހިންމު ކަމަށް ދެކިގެން ކަމަށެވެ. އަދި ވިދާޅުވީ، ސާފުކުރި ސަހަރާއަށް ފަސް އެޅުމުން އެކަމަށް ދާއިމީ ހައްލެއް ލިބުނީ ކަމަށެވެ.

"މިހާރު މިކޮޅުގައި އިން ދެ ސަަހަރާ ވެސް ހުރީ ފުރިފައި. ދެ ސަހަރާ ފުރިގެެން އެއް ސަހަރާގެ ވެލިއަޅާފަ އިން ބައި ވެސް ފުރިފައި ހުރީ. ދެން އަނެއް ސަހަރާގެ ގާތައް އެއްކޮށް ނަގާ ވެލި ނަގާ ސާފުކުރީ" އޭނާ ވިދާޅުވި އެވެ.

ސަހަރާގައި ހުރި މަހާނަގާތަކާ ގުޅިގެން ރަޝީދު ވިދާޅުވީ އޭގެ ތެރޭގައި ހިރިގަލުގެ ބައެއް ތަކެތި ހިމެނޭތީ އާސާރީ ކަމެއްގައި ބޭނުންކުރަން ބަހައްޓާފައި ހުންނާނެ ކަމަށެވެ.

ދިއްދޫ ސަހަރާގައި ހުރި މަހާނަގާތަކުގެ ތެރޭގައި އާސާރީ ތަކެތި ހިމެނޭތީ، މީހުން ވަނީ އެކަމަށް ފަރުވާލެއް ނެތި ސަހަރާ ސާފުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހެރިޓޭޖް މިނިސްޓްރީއަށް މިކަމުގައި ކުރެވޭނެ ކަމެއް ނެތީތޯ ސުވާލު އުފައްދާފަ އެވެ.

ސަގާފީ ތަރިކައިގެ ގާނޫނު ބުނާ ގޮތުން ދަފްތަރުގައި ހިމެނޭ އެއްވެސް ތަރިކައަކަށް ގެއްލުން ދިނުމަކީ މަނާ ކަމެކެވެ.

ނަމަވެސް، މި ސަހަރާ ނޫނީ މި ސަހަރާގައި ހުރި އެއްވެސް ތަނަކީ އާސާރީ ތަރިކައިގެ ދަފްތަރުގައި ނުހިމެނޭ ތަނެއް ކަމުން ގާނޫނީ ގޮތުން މިކަމުގައި އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް މައުލޫމާތު އެނގޭ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

ދިއްދޫ ސަހަރާގައި ނޫނީ އެތަނުގައި ހުރި މަހާނަގާތައް ތަރިކައިގެ ދަފްތަރުގައި ނެތް ނަމަވެސް، ސަގާފީ ތަރިކައިގެ ގާނޫނު ބުނާ ގޮތުން އެ މަހާނަގާތައް އުފުލޭ ސަގާފީ ތަރިކައިގެ ޝަރުތުތައް ފުރިހަމަވެ އެވެ. އެ ޝަރުތުތަކަކީ:

  • އެ އެއްޗަކީ ފާހަގަކުރެވޭ ސަގާފީ އަގެއް ހުރި އަދި އެ އެއްޗެއް އުފެއްދި ފަހުން 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އެއްޗަކަށްވުން؛ ނުވަތަ
  • އެ އެއްޗެއްގެ އުމުރުން ގިނަ ދުވަސްތަކެއް ނުވިނަމަވެސް، އެ އެއްޗެއްގައި ފާހަގަކުރެވޭ ސަގާފީ އަގެއް ހުރުން.

ރަށްރަށުގައި ހުންނަ އާސާރުތައް މި ދަފްތަރުގައި ހިމަނަން ލޯކަލް ކައުންސިލްތަކުން ހުށަހަޅަން ގާނޫނުން ތަންދެ އެވެ. ނަމަވެސް މިތަންތަން ތަރިކައިގެ ދަފްތަރުގައި ހިމަނާކަށް ހުށަނާޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox